ބަހާއީ ދީނުގެ މީހުންގެ ކައިވެނި ބަލައިގަތުމާ ދެކޮޅަށް ކޯޓުން ހުކުމް ކޮށްފި

ބަހާއީ ދީނުގެ ދެމަފިރިއެއްގެ ކައިވެނީގެ އެއްބަސްވުން ބަލައިގަތުމަށް ފެމިލީ ކޯޓުން ކުރިން ނެރުނު ހުކުމެއް މިޞްރުގެ އެންމެ މަތީ އިސްތިއުނާފު ކޯޓުން ބާތިލުކޮށްފިއެވެ. ކުރިން ކޮށްފައިވާ ޙުކުމްގައި މިސްރުގެ ފެމިލީ ކޯޓުން ވަނީ ބަހާއީ ދެމަފިރިންގެ އެ ކައިވެނި ރަޖިސްޓްރީ ކޮށް ދިނުމަށާއި އެ ކައިވެނި ރަޖިސްޓްރީ ކުރުމުން ލިބިދޭ ގާނޫނީ ހައްގުތައް ކަށަވަރުކޮށްދިނުމަށް މިޞްރުގެ ދާޚިލީ ވުޒާރާއަށާއި ޖަސްޓިސް މިނިސްޓްރީގެ މައްޗަށް ލާޒިމުކޮށް ފައެވެ.

އިސްތިއުނާފ ކޯޓުން ނެރުނު ހުކުމުގައި ބަޔާންކޮށްފައިވަނީ، ބަހާއީ ދީނަކީ މިސްރުގެ ދައުލަތުން ބަލައިގަންނަ ބާވައި ލެއްވި 3 ދީނުގެ ތެރޭގައި ހިމެނޭ ދީނެއް ނޫން ކަމަށެވެ. އެހެންކަމުން، މިސްރުގެ ދައުލަތުގެ އެއްވެސް ރަސްމީ ލިޔެކިޔުމެއްގައި އެ ދީނަށް ނިސްބަތް ކޮށް ރަޖިސްޓްރީ ކުރުމަކީ ނުވަތަ އެ ދީނުގެ މައްޗަށް ބިނާކޮށް ހަދާފައިވާ އެއްބަސްވުން ބަލައިގަތުމަކީ ހުއްދަ ކަމެއް ކަމުގައެއް ނުވާނެއެވެ.

ކޯޓުން އިތުރަށް މި މައްސަލަ ތަފްޞީލުކޮށްދެމުން ބުނެފައި ވަނީ ކޯޓުގެ މި ނިންމުމަކީ މިސްރުގެ ގާނޫނުއަސާސީން ފަރުދުންނަށް ކަށަވަރުކޮށްދޭ ދީނީ މިނިވަންކަމަށް އަރައިގަތުމެއް ނޫނެވެ.
އަދި ކޮންމެ މީހަކަށްވެސް އެމީހަކު ބޭނުންވާ އަގީދާއަކަށް އުޅުމުގެ އިޚްތިޔާރު އޮންނާނެ ކަމަށެވެ. ނަމަވެސް، މިސްރުގެ ދައުލަތުގެ އާންމު ނިޒާމު ދެމެހެއްޓުމާއި ބާވައި ލައްވާފައިވާ ދީންތަކާ ގުޅިފައިވާ އާއިލީ ގާނޫނުތައް ހިމާޔަތްކުރުމަކީ މިސްރުގެ ދައުލަތުގެ މައްޗަށް ލާޒިމު ކަމެއް ކަމަށް ކޯޓުން ފާހަގަކުރިއެވެ.

މި މައްސަލައަކީ 2020 ވަނަ އަހަރު އަންހެނަކު ހެލިއޯޕޮލިސްގެ ފެމިލީ ކޯޓަށް ހުށަހަޅައިގެން ޙުކުމެއް ހޯދާފައިވާ މައްސަލައެކެވެ. އެ މައްސަލާގައި އަންހެންމީހާ އެދިފައިވަނީ އޭނާގެ ދެމަފިރިންގެ 1981 ވަނަ އަހަރު ކޮށްފައިވާ ބަހާއީ ކައިވެނި ކޯޓުން ސައްހަކޮށްދީ ސާބިތުކޮށްދިނުމަށެވެ. އެދައުވާގައި ކޯޓުން ވަނީ އެ ކައިވެނި ސައްހަ ކައިވެންޏެއް ކަމަށް ބަލައިގަނެ ހުކުމްކޮށްފައެވެ. އަދި އެ ކައިވެނީގެ މައްޗަށް ލާޒިމުވާ ދައުލަތުން ކޮށްދޭން ޖެހޭ ކަންކަން ދާޚިލީ ވުޒާރާއާއި ޖަސްޓިސް މިނިސްޓްރީން ކޮށްދިނުމަށް ހުކުމް ކޮށްފައި ވެއެވެ.

ނަމަވެސް، ދާޚިލީ ވަޒީރާއި ޖަސްޓިސް މިނިސްޓަރު ވަނީ މަގާމުގެ ހައިސިއްޔަތުން އެ ހުކުމް އިސްތިއުނާފު ކުރައްވާފައެވެ. ހައިކޯޓުން ވަނީ ދެ ބޭފުޅުން ދައުވާ ހުށަހަޅާފައި ވަނީ މުއްދަތު ފާއިތުވި ފަހުން ކަމަށް ބުނެ މައްސަލަ ބަލައި ނުގަތުމަށް ނިންމާފައެވެ. އެއަށް ފަހު އެބޭފުޅުން ވަނީ އެންމެ މަތީ އިސްތިއުނާފް ކޯޓު. މަޙުކަމަތުއްނަޤްޟި ނުވަތަ ސެސޭޝަން ކޯޓަށް މައްސަލަ ހުށަހަޅުއްވާފައެވެ.

އެންމެ މަތީ ކޯޓުގެ ޙުކުމުގައި ވަނީ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ދީނީ މިނިވަންކަމަކީ ދައުލަތުގެ އާންމު ނިޒާމާ ޚިލާފުވުމަށް އޮތް ފުރުސަތެއް ނޫން ކަމަށެވެ. އަދި ބަހާއީ ދީނަކީ ބާވައި ލެއްވި ދީނަކަށް ނުވާތީ، މިސްރުގެ ރަސްމީ އައިޑީ ކާޑުތަކާއި، ކައިވެނީގެ ސެޓްފިކެޓްތަކާއި، އަދި ދައުލަތުގެ އެއްވެސް ރަސްމީ ލިޔެކިޔުމެއްގައި އެ ދީން ހިމެނުމަކީ ދައުލަތުގެ ގާނޫނީ ނިޒާމަށް އޮތް ގޮންޖެހމެއް ކަމަށް ބުނެފައި ވެއެވެ. އެހެންކަމުން، އެފަދަ އެއްވެސް ލިޔުމެއްގައި ބަހާއީ ދީން ހިމެނުމަކީ މަނާ ކަމެއް ކަމަށް އެންމެ މަތީ ކޯޓުން ވަނީ ކަނޑައަޅާފައެވެ.

ހިއްސާ ކުރައްވާ!