ސާފް ވުމަންސް ޗެމްޕިއަންޝިޕްގައި ވާދަކުރުމަށް ޕާކިސްތާން ޓީމަށް ހުއްދަ ނުލިބި މުބާރާތުން ވަކިވެއްޖެ

އިންޑިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ސައުތު އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (ސާފް) ވުމަންސް ޗެމްޕިއަންޝިޕްގައި ބައިވެރިވުމަށް ޕާކިސްތާނުގެ ގައުމީ އަންހެން ފުޓްބޯޅަ ޓީމަށް އެ ގައުމުގެ ސަރުކާރުން ދޭންޖެހޭ ހުއްދަ ނުލިބުމުގެ ސަބަބުން، މުބާރާތުގައި ބައިވެރިނުވާނެކަން ކަށަވަރުވެއްޖެއެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މެއި 25 އިން ޖޫން 7 އަށް އިންޑިއާގެ ގޯއާގައެވެ. މިއީ ފާއިތުވި 10 އަހަރު ތެރޭގައި އިންޑިއާގައި މި މުބާރާތް ބާއްވާ ފުރަތަމަ ފަހަރެވެ.

ޕާކިސްތާން ފުޓްބޯޅަ ފެޑަރޭޝަނުން މައުލޫމާތު ދިން ގޮތުގައި، ޓީމަށް ބޭނުންވާ އިންޑިއާއަށް ދިއުމަށް އިއުތިރާޒް ނުކުރާ ކަމުގެ ލިޔުން ސަރުކާރުގެ އިދާރާތަކުން ދޫކޮށްފައެއް ނުވެއެވެ. ނަމަވެސް މި ހުއްދަ ނުދޭން ނިންމި ސަބަބެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. މި ނިންމުމާ ގުޅިގެން، ބުދަ ދުވަހު އާންމުކުރި މުބާރާތުގެ ރަސްމީ ތާވަލުގައި ޕާކިސްތާން ހިމަނާފައެއް ނުވެއެވެ. ބަންގްލަދޭޝްގެ ޑާކާގައި ނެގި ގުރުއަތުލުމުގައި ބައިވެރިވި އެހެން ޓީމުތައް ވަނީ ދެ ގްރޫޕަކަށް ބަހާލާފައެވެ.

މި މުބާރާތުގައި ދެން ވާދަކުރާނީ އިންޑިއާ، ނޭޕާލް، ސްްރީލަންކާ، ބޫޓާން، ދިވެހިރާއްޖެ އަދި އެންމެ ފަހުގެ ޗެމްޕިއަން ބަންގްލަދޭޝްއެވެ. ޕާކިސްތާނުގެ ގާނޫނުތައް އޮންނަ ގޮތުން، ބައިނަލްއަގުވާމީ މުބާރާތްތަކުގައި ވާދަކުރުމަށް ގައުމުން ބޭރަށް ދަތުރުކުރުމުގެ ކުރިން ސަރުކާރުގެ ހާއްސަ ހުއްދައެއް ހޯދުމަކީ މަޖުބޫރު ކަމެކެވެ.

މި ނިންމުމަކީ 2025 ވަނަ އަހަރުގެ މެއި މަހު ކަޝްމީރުގައި ހިނގި ހަތަރު ދުވަހުގެ ކުރިމަތިލުންތަކަށްފަހު، އިންޑިއާ އާއި ޕާކިސްތާނުގެ ގުޅުން ގޯސްވެފައިވާ މިންވަރު ހާމަކޮށްދޭ ކަމެކެވެ. އެ ހަނގުރާމައިގެ ސަބަބުން ދެ ގައުމުގެ ދެމެދުގައި އޮންނަ ސިޔާސީ، ވިޔަފާރި، ސަގާފީ އަދި ކުޅިވަރުގެ ގުޅުންތަކަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. ވަކިން ހާއްސަކޮށް ކްރިކެޓްގެ ދާއިރާއިން ދެ ގައުމުގެ ކުޅުންތެރިން އެއް ގައުމު އަނެއް ގައުމުގެ ލީގުތަކުގައި ކުޅުން ވަނީ މަނާވެފައެވެ.

މުބާރާތުގެ ތާވަލު އާންމުކޮށްފައިވަނީ ކަޝްމީރުގެ ޕަހަލްގާމްގައި ދިން ހަމަލާއަށް އަހަރެއް ފުރުނު ދުވަހާ ދިމާކޮށެވެ. އެ ހަމަލާގައި 26 މީހުން މަރުވިއިރު، އިންޑިއާއިން ތުހުމަތު ކުރަނީ އެއީ ޕާކިސްތާނުން ދިން ހަމަލާއެއް ކަމަށެވެ. ނަމަވެސް ޕާކިސްތާނުން އެ ތުހުމަތުތައް ދޮގުކުރެއެވެ.

ސާފް ވުމަންސް ޗެމްޕިއަންޝިޕަކީ 2010 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން އެއް އަހަރު ބާއްވަމުން އަންނަ މުބާރާތެކެވެ. 2024 ވަނަ އަހަރު ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ބަންގްލަދޭޝްއިން ހޯދީ ފައިނަލުގައި ނޭޕާލް ބަލިކުރުމަށްފަހުއެވެ. އެ މުބާރާތުގައި ޕާކިސްތާނަށް މާ އެދެވޭ ނަތީޖާއެއް ނުނެރެވުނުއިރު، އެ ޓީމު ކެޓީ ގްރޫޕް ސްޓޭޖުންނެވެ.

ހިއްސާ ކުރައްވާ!