ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ރައީސް އައްޝައިޚް މުޙައްމަދު ބިން ޒާއިދު އާލަނަޙްޔާން، އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު އަޖިިތު ދޯވާލްއާ އަބޫދާބީގައި ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުކުރެއްވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ ސަރަޙައްދީ ހަމަޖެހުމާއި، ދުނިޔޭގެ ހަކަތައިގެ ރައްކާތެރިކަމުގެ އިތުރުން ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަކުރުމާ ގުޅޭގޮތުންނެވެ.
މި ބައްދަލުކުރެއްވުމުގައި ދޯވާލް ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ފަރާތްޕުޅުން ޔޫއޭއީގެ ރައީސަށް ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ޔޫއޭއީގެ ކުރިއެރުމާއި ފާގަތިކަމަށް އިންޑިއާއިން އެދޭކަން އޭނާ ފާހަގަކުރެއްވިއެވެ. ޝައިޚް މުޙައްމަދު ބިން ޒާއިދު ވެސް ވަނީ ބޮޑުވަޒީރު މޯދީއަށް ހެޔޮއެދުންތައް ރައްދުކޮށްދެއްވުމަށް އެދިވަޑައިގެން، އިންޑިއާއާއެކު އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް ޔޫއޭއީން ދޭ އަހައްމިއްޔަތު ހާމަކުރައްވާފައެވެ.
މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ކަންތައްތަކާއި، އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ ސަލާމަތަށް ކުރާ އަސަރުތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި ވާހަކަދެއްކެވިއެވެ. މީގެ އިތުރުން، ދުނިޔޭގެ ހަކަތައިގެ ބާޒާރަށް ކުރިމަތިވެދާނެ ނުރައްކާތަކާ ގުޅޭގޮތުން މަޝްވަރާކުރައްވައި، އަބޫދާބީ އާއި ނިއުދިއްލީއާ ދެމެދު އޮންނަ ގުޅުން މިކަމުގައި މުހިންމު ދައުރެއް އަދާކުރާނެކަން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަބޫދާބީގެ ވަލީއަހުދު ޝައިޚް ޚާލިދު ބިން މުޙައްމަދު ބިން ޒާއިދު އާއި، ސުޕްރީމް ކައުންސިލް ފޯ ނޭޝަނަލް ސެކިއުރިޓީގެ ސެކްރެޓަރީ ޖެނެރަލް ޢަލީ ބިން ޙައްމާދު އައްޝާމްސީ ބައިވެރިވެވަޑައިގެންނެވިއެވެ.
ދޯވާލްގެ މި ދަތުރުފުޅަކީ ޔޫއޭއީ އާއި އިންޑިއާއާ ދެމެދު އޮތް ސަލާމަތީ އަދި އިޤްތިޞާދީ ގުޅުން އިތުރަށް ފުޅާކުރަމުންދާކަމުގެ ހެއްކެކެވެ. ޚާއްޞަކޮށް ދިފާޢީ ދާއިރާއާއި، ހަކަތައާއި، ޓެކްނޮލޮޖީގެ ދާއިރާއިން ދެ ޤައުމުގެ އެއްބާރުލުން ދަނީ ދުވަހުން ދުވަހަށް ބަދަހިވަމުންނެވެ.



