ސިނާނު (ކ) އަހުމަދު ސައީދު: ފޮޓޯ މީސްމީޑިއާ
ސިނާނު (ކ) އަހުމަދު ސައީދު: ފޮޓޯ މީސްމީޑިއާ

ޕީއެންސީގެ ހިތަދޫ އުތުރު ކެންޑިޑޭޓަކީ އަހުމަދު ސައީދު (ސޮޑާ)

ހިތަދޫ އުތުރު ދާއިރާގެ ޕީއެންސީ ޕްރައިމަރީ ކާމިޔާބު ކުރެއްވި މުހައްމަދު ސިނާން، ކުރިއަށް އޮތް ބައި-އިލެކްޝަންގައި ވާދަނުކުރައްވަން ނިންމަވައި ނަން އަނބުރާ ގެންދަވައިފިއެވެ. ސިނާން މިގޮތަށް ނިންމެވީ އާ ކެންޑިޑޭޓަކާއެކު ނުކުމެގެން އެ ގޮނޑި ކާމިޔާބު ކުރުމުގެ ފުރުސަތު ޕާޓީއަށް ބޮޑުވާނެ ކަމަށް ފެންނާތީ ކަމަށް އޭނާ ވިދާޅުވިއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް މި ނިންމުން ހާމަކުރައްވަމުން ސިނާން ވަނީ ޕްރައިމަރީގެ ތެރޭގައި ޕާޓީގެ ރައީސާއި ލީޑަޝިޕުން ދެއްވި އެއްބާރުލުމަށް ޝުކުރު އަދާކުރައްވާފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ދާއިރާގެ ރައްޔިތުންނާއެކު ތިން ދުވަސް ވަންދެން ކުރެވުނު މަޝްވަރާތަކަށްފަހު، އޭނާ އެއްފަރާތްވުމަކީ ޕާޓީއަށް ގޮނޑި ކާމިޔާބު ކުރުމަށް ލިބޭނެ އިތުރު ބާރެކެވެ.

ޕީއެންސީން ދެން ނެރޭ ކެންޑިޑޭޓަކަށް ފުރިހަމައަށް ކެމްޕޭން ކޮށްދެއްވާނެ ކަމަށް ސިނާން ވައުދުވެވަޑައިގަތެވެ. "މަގްސަދަކީ ސޯބެ ބަލިކޮށް ޕީއެންސީއަށް މި ގޮނޑި ކާމިޔާބުކޮށްދިނުން. އަޅުގަނޑު ހުންނާނީ ސައީދާއެކު،" އެމްޑީޕީގެ ކެންޑިޑޭޓް އަދި އައްޑޫ ސިޓީގެ ކުރީގެ މޭޔަރު އަބްދުﷲ ސޯދިގު (ސޯބެ) އާ އިޝާރާތް ކުރައްވައި ސިނާން ވިދާޅުވިއެވެ.

ޕީއެންސީ ޕްރައިމަރީގައި ސިނާން ކާމިޔާބު ހޯއްދެވީ 226 ވޯޓުންނެވެ. އޭނާއާ ވާދަކުރެއްވި ހިތަދޫ ކައުންސިލަރު އަހުމަދު ސައީދު (ސޮޑާއަށް ލިބެނެއި، 187 ވޯޓެވެ. ސިނާންގެ މި ނިންމެވުން މިހާރު ޕާޓީގެ ލީޑަޝިޕަށް އަންގާފައިވާއިރު، ޕާޓީން ވަނީ އެ ނިންމުން ގަބޫލުކޮށްފައެވެ.

ހިތަދޫ އުތުރު ދާއިރާގެ ގޮނޑި ހުސްވީ، 2018 ވަނަ އަހަރު އިސްލާމިކް ބޭންކުން ނެގި 2.5 މިލިއަން ރުފިޔާގެ ލޯނެއް އަނބުރާ ދެއްކުމަށް ކޯޓުން ކުރި އަމުރާ އެއްގޮތަށް އަމަލުކޮށްފައި ނުވާތީ، ސިނާންގެ މެންބަރުކަމުގެ ޝަރުތު ގެއްލިފައިވާ ކަމަށް މި މަހުގެ ކުރީކޮޅު ސުޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެންނެވެ.

އިދިކޮޅު އެމްޑީޕީގެ ފަރާތުން މި ގޮނޑިއަށް ވާދަކުރައްވަނީ ސޯބެ އެވެ. އެމްޑީޕީން އެހެން ކެންޑިޑޭޓަކު ކުރިމަތިނުލާތީ އޭނާއަށް ވަނީ ޓިކެޓް ކަށަވަރުވެފައެވެ. މި ދާއިރާގެ ބައި-އިލެކްޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ 6 ވަނަ ދުވަހުއެވެ.

ހިއްސާ ކުރައްވާ!