ސިފައިންގެ ބައެއް އާއިލާތައް މިހާރު ދިރިއުޅެމުން އަންނަ ބަނޑޭރިކޮށި ސަރަހައްދު ތަޅާލައި، އެ ސަރަހައްދުގައި ސިފައިންނަށް ހާއްސަ ޒަމާނީ ހައުސިން މަޝްރޫއެއް ވަރަށް އަވަހަށް ފައްޓަވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވައިފިއެވެ. ރައީސް މިކަން ހާމަކުރެއްވީ ދިވެހި ސިފައިންގެ 134 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ.
ރައީސް މުއިއްޒު ވިދާޅުވީ ބަނޑޭރިކޮށި ސަރަހައްދަކީ އެތައް ޒަމާންތަކެއް ވަންދެން އެއްވެސް ސަރުކާރަކުން ތަރައްގީނުކޮށް، އެންމެ ފުރަތަމަ އިމާރާތްކުރި ގޮތަށް އޮތް ތަނެއް ކަމަށެވެ. އަދި އެތަނަކީ ވަކި ސިޔާސަތެއްގެ ދަށުން ސިފައިންގެ އާއިލާތަކަށް ދޫކޮށްފައިވާ ތަނެއް ނަމަވެސް، އެކަށީގެންވާ ގޮތެއްގައި އަޅާނުލެވި އޮތުމުގެ ސަބަބުން އެތަނުގައި ދިރިއުޅޭ އާއިލާތަކުގެ އަދަދު މަދުވެފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުގެ ތަފްސީލު ހާމަކުރައްވަމުން ރައީސް ވިދާޅުވީ، ކުރިއަށް އޮތް އަށް މަސް ދުވަހުގެ ތެރޭގައި ބަނޑޭރިކޮށި ސަރަހައްދުގައި ހިންގާ ހައުސިން މަޝްރޫއުގެ އަމަލީ މަސައްކަތް ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
"އެހެންވީމަ ބަނޑޭރި ކޮށި މުޅި ސަރަހައްދު އެއްކޮށް ޒަމާނީ ހައުސިން ޕްރޮޖެކްޓެއް ހިންގައި އެތަނުގައި އަޅުގަނޑު މި އުއްމީދުކުރެވެނީ އެތަނުގައި ކުރެވޭ މަސައްކަތުގެ އަމަލީ ސްޓޭޖަކަށް މި އަހަރު ތެރޭގައި ގެންދެވޭނެ ކަމަށް،" ރައީސް ވިދާޅުވިއެވެ.
ބޯހިޔާވަހިކަމަކީ ސިފައިންނަށް ކޮންމެހެން ލިބެންޖެހޭ ހައްގެއްކަން ފާހަގަކުރައްވަމުން، މިހާރު ސަރުކާރުން ހުޅުވާލާފައިވާ 'ބޯހިޔާވަހިކަން އެންމެންނަށް' ސިޔާސަތުގެ ދަށުން ސިފައިންނަށް 100 ފްލެޓު ކަނޑައަޅާފައިވާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެއީ އެންމެ އެކަށީގެންވާ އަދަދު ނޫން ކަމަށާއި، ކުރިއަށް އޮތް ތަނުގައި ސިފައިންނަށް ހާއްސަ ކުރެވޭ ފްލެޓުގެ އަދަދު އިތުރުކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.






