ކުޑަ އަވަށެއްގެ ކްލަބެއް ކަމަށްވާ އެލްވާސްބާގް ފުރަތަމަ ފަހަރަށް ބުންޑެސްލީގާއަށް ކޮލިފައިވެއްޖެ

ޖަރުމަނުގެ ދެވަނަ ޑިވިޝަންގެ ދެވަނަ ޓީމުގެ ގޮތުގައި އެލްވާސްބާގް، އެ ގައުމުގެ އެންމެ މަތީ ފަންތީގެ ފުޓްބޯޅަ ލީގު ކަމަށްވާ ބުންޑެސްލީގާއަށް ފުރަތަމަ ފަހަރަށް ކޮލިފައިވެއްޖެއެވެ. އެލްވާސްބާގް މި ޝަރަފު ހޯދީ ތާވަލުގެ އެއްވަނަ ހޯދި ޝާލްކޭގެ ފަހަތުން ދެވަނަ ކަށަވަރުކޮށްގެންނެވެ.

1963 ވަނަ އަހަރު ބުންޑެސްލީގާ އުފެދުނީއްސުރެ މިހާތަނަށް އެ ލީގުގައި ކުޅޭ 59 ވަނަ ކްލަބަށް އެލްވާސްބާގް ވެގެންދާއިރު، މިއީ މި މުބާރާތުގެ ތާރީޚުގައި ވެސް ފެންނާނެ އެންމެ ކުޑަ ޓީމެވެ. މި ކާމިޔާބީއާ ގުޅިގެން އެ ޓީމުގެ ފޯވާޑް ލޫކާ ޝްނެލްބާކާ ބުނީ މިއީ ހުވަފެނެއް ފަދަ ކަމެއް ކަމަށާއި، ބަޔާން މިއުނިކްގެ ތަރި ހެރީ ކޭން ފަދަ ކުޅުންތެރިން އެ ޓީމުގެ ދަނޑަށް ކުޅެން އަންނާނެ ކަމަށް ދުވަހަކުވެސް އުންމީދު ނުކުރާ ކަމަށެވެ.

ޖަރުމަނުގެ ހުޅަނގު ދެކުނުގައި އޮންނަ ސާލޭންޑް ސްޓޭޓްގެ އެންމެ 13،000 މީހުންގެ އާބާދީއެއް އޮންނަ ކުޑަ ރަށަކަށް ނިސްބަތްވާ މި ކްލަބަށް މިދިޔަ އަހަރު ބުންޑެސްލީގާއަށް ކޮލިފައިވުމުގެ ފުރުސަތު ގެއްލުނީ ހައިޑަންހައިމްއާ ދެކޮޅަށް ކުޅުނު ޕްލޭ-އޮފް މެޗުންނެވެ. ނަމަވެސް، އިއްޔެ ހައިޑަންހައިމް ވަނީ ދެވަނަ ޑިވިޝަނަށް ރެލިގޭޓްވެފައެވެ.

އެލްވާސްބާގްގެ މި ކުރިއެރުމަކީ ފާހަގަކޮށްލެވޭ ހަލުވި ދަތުރެކެވެ. އެ ޓީމު 2022 ވަނަ އަހަރާ ހަމައަށް ކުޅެމުން ދިޔައީ ހަތަރުވަނަ ޑިވިޝަނުގައެވެ. އޭގެ ފަހުން ތިންވަނަ ޑިވިޝަނަށް ޕްރޮމޯޓްވެ، އެތަނުގައި އެންމެ ސީޒަނެއް ހޭދަކުރުމަށްފަހު 2023 ވަނަ އަހަރު ވަނީ ދެވަނަ ޑިވިޝަނަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއަދު މިވަނީ ޖަރުމަނުގެ އެންމެ މަތީ ލީގުން ޖާގަ ކަށަވަރުކޮށްފައެވެ.

ހިއްސާ ކުރައްވާ!