ކަރުވަހާލް ރިއަލް މެޑްރިޑަށް އަލްވަދާއު ކިޔައިފި: ފްލޮރެންޓީނޯއަށް ޝުކުރު އަދާކޮށް ރޮނާލްޑޯގެ ހަނދާންތައް އާކޮށްފި

ސްޕެނިޝް ލީގުގެ ފަހު މެޗުގައި އެތުލެޓިކް ބިލްބާއޯ އަތުން 4-2 އިން ރިއާލް މެޑްރިޑް މޮޅުވި މެޗަށްފަހު، އެ ޓީމުގެ ތަޖުރިބާކާރު ކަނާތު ބެކް ޑެނީ ކަރުވަހާލް ކަރުނައާއެކު ސަޕޯޓަރުންނަށް އަލްވަދާއު ކިޔައިފިއެވެ. ބާނަބިއު ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ރިއާލް މެޑްރިޑްގެ ޖާޒީގައި ކަރުވަހާލް ފެނިގެންދިޔަ ފަހު މެޗެވެ.

ރިއަލް މެޑްރިޑްގެ ފުރަތަމަ ޓީމުގައި 13 އަހަރު ހޭދަކުރުމަށްފަހު ކަރުވަހާލް ކްލަބާ ވަކިވާއިރު، އޭނާ ވަނީ އެ ކްލަބަށް 450 އަށްވުރެ ގިނަ މެޗު ކުޅެދީ 27 ތަށި ހޯދައިދީފައެވެ. މީގެ ތެރޭގައި 6 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއި 4 ފަހަރު ސްޕެނިޝް ލީގު ކާމިޔާބުކުރުން ހިމެނެއެވެ.

މެޗަށްފަހު ވާހަކަދައްކަމުން ކަރުވަހާލް ވަނީ އޭނާގެ ފުޓްބޯޅަ ކެރިއަރުގައި އެހީތެރިވި ފަރާތްތަކަށް ޝުކުރު އަދާކޮށްފައެވެ.

"އަހަރެންގެ މައިންބަފައިންނާއި އާއިލާއަށް ޝުކުރު އަދާކުރަން. އަހަރެންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށްޓަކައި ވާރެޔާއި ފިނީގައި އަހަރެން ގޮވައިގެން ޕްރެކްޓިހަށް ދިއުމުގައި އެމީހުން އުފުލި ބުރަ އަހަރެން ހަނދާން އެބަހުރި،" ވަރަށް އަސަރާއެކު ކަރުވަހާލް ބުންޏެވެ.

ކްލަބުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާ ގުޅޭގޮތުން ވާހަކަދައްކަމުން ކަރުވަހާލް ބުނީ ޖަރުމަނުން އޭނާ އަނބުރާ ގެނައީ ރައީސް ކަމަށާއި، ކަކުލަށް ލިބުނު ސީރިއަސް އަނިޔާއަކަށްފަހުވެސް އޭނާގެ ކޮންޓްރެކްޓް އާކުރުމުގައި ރައީސް ފަސްޖެހިވަޑައިނުގަންނަވާ ކަމަށެވެ. މީގެ އިތުރުން ޓީމުގެ ރަންޒަމާނުގެ ހަނދާންތައް އާކުރަމުން ކްރިސްޓިއާނޯ ރޮނާލްޑޯ، ކެސިއަސް، ރާމޯސް އަދި ކޯޗުން ކަމަށްވާ އަންޗެލޮޓީ އާއި ޒިދާން ފަދަ ފަރާތްތަކުގެ ނަން އޭނާ ފާހަގަކުރިއެވެ.

ކަރުވަހާލްގެ ވާހަކަ ނިންމާލީ ސަޕޯޓަރުންނަށް ހާއްސަ މެސެޖަކުންނެވެ.

"މި ސްޓޭޑިއަމްގައި ކުރެވޭ އިހުސާސްތައް ބަޔާންކޮށްދޭން ނޭނގޭ. އަހަރެން އުއްމީދު ކުރަނީ މި ޖާޒީއަށްޓަކައި އަހަރެން ކުރި މަސައްކަތް ތިޔަބޭފުޅުން ފަހުރުވެރިކަމާއެކު ހަނދާން ބަހައްޓާނެ ކަމަށް،" އޭނާ ބުންޏެވެ. ކަރުވަހާލް ވަކިވުމާއެކު ރިއަލް މެޑްރިޑްގެ ތާރީހީ އަދި ކާމިޔާބު ޒަމާނެއްގެ އެއް ބާބު ނިމުމަކަށް އައީއެވެ.

ހިއްސާ ކުރައްވާ!