ގާޑިއޯލާގެ ބަދަލުގައި އަންނަ ކޯޗަކީ އޭނާގެ 'ކޮޕީއަކަށް' ވެގެންނުވާނެ ކަމަށް ބުނެ ގާޑިއޯލާ ނަސޭހަތްތެރިވެއްޖެ

މި ސީޒަނަށްފަހު މެންޗެސްޓަރ ސިޓީގެ ކޯޗުކަމުން ވަކިވާ ޕެޕް ގާޑިއޯލާ، އޭނާގެ ބަދަލުގައި އެ މަގާމާ ހަވާލުވާ ކޯޗަކަށް މުހިންމު ނަސޭހަތްތަކެއް ދީފިއެވެ. ގާޑިއޯލާ ބުނި ގޮތުގައި އޭނާގެ ބަދަލުގައި އަންނަ ކޯޗަކީ އަމިއްލަ ނަފްސަށް ތެދުވެރި މީހަކަށް ވާންޖެހޭނެ ކަމަށާއި، އޭނާގެ 'ކޮޕީއެއް' ކަމަށްވާން އުޅުމަކީ އޭގެ ނަތީޖާ ގޯސްވެދާނެ ކަމެއް ކަމަށް އޭނާ ވަނީ އިންޒާރު ދީފައެވެ.

މެންޗެސްޓަރ ސިޓީގައި ހޭދަކުރި 10 އަހަރުގެ ތެރޭގައި ޕްރިމިއާ ލީގުގެ 6 ތަށި، ޗެމްޕިއަންސް ލީގު އަދި ކްލަބް ވޯލްޑް ކަޕް ކާމިޔާބުކޮށްދީފައިވާ ގާޑިއޯލާގެ ބަދަލުގައި އެ މަގާމަށް އަންނާނެ ކަމަށް އެންމެ ބޮޑަށް ބެލެވެނީ އިޓަލީގެ އެންޒޯ މަރެސްކާއެވެ. މަރެސްކާއަކީ މީގެ ކުރިން ގާޑިއޯލާގެ އެސިސްޓަންޓެއްގެ ގޮތުގައި ސިޓީގައި މަސައްކަތް ކުރި ފަރާތެކެވެ.

އާ ކޯޗަކު ހޯދުމުގައި ކްލަބުގެ މެނޭޖްމަންޓުން އޭނާގެ ލަފައަކަށް އެދުނުތޯ ސުވާލު ކުރުމުން ގާޑިއޯލާ ބުނީ، "މިފަދަ ވަޒީފާތަކަށް އަހަންނާ ވައްތަރު މީހަކު ގެނައުމަކުން އެއްވެސް ފައިދާއެއް ނުކުރާނެ" ކަމަށެވެ. އަދި އާ ކޯޗަކީ އަމިއްލަ ގޮތްތަކެއް ހުރި، ތަފާތު މީހަކަށް ވާންޖެހޭނެ ކަމަށް އޭނާ ފާހަގަކުރިއެވެ.

ސިޓީގެ ފަހު މެޗުގެ ކުރިން ވާހަކަދައްކަމުން ގާޑިއޯލާ އިތުރަށް ބުނީ، "އެހެން މީހެއްގެ ކޮޕީއަކަށް ވާން ފަށާ ހިސާބުން ހުރިހާ ކަމެއް އެއްގޮތްވާން ފަށާނެ. އާ ކޯޗު ވާންޖެހޭނީ އޭނާގެ އަމިއްލަ ގޮތުގައި ހުންނަ މީހަކަށް. އޭރުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެ" ކަމަށެވެ.

ގާޑިއޯލާ ކްލަބުން ވަކިވެގެންދާއިރު، ޕްރިމިއާ ލީގުގެ މާލީ ގަވާއިދުތަކާ ހިލާފުވެފައިވާ ކަމަށް ބުނާ 115 ދައުވާއެއް ސިޓީގެ ބޯމަތީގައި އެބައޮތެވެ. ނަމަވެސް އެކަމާ ކަންބޮޑުނުވާ ކަމަށާއި ކްލަބުގެ މެނޭޖްމަންޓަށް ފުރިހަމައަށް އިތުބާރު ކުރާ ކަމަށް އޭނާ ބުންޏެވެ. "އަހަންނަށް އެމީހުންނަށް އިތުބާރު އެބައޮތް. އެމީހުން ކުރި ކަންތައްތަކަށް އަހަންނަށް އިތުބާރު ކުރެވޭ. އެހެންކަމުން އެކަމަށް ހައްލެއް ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް" ކަމަށް ގާޑިއޯލާ ބުންޏެވެ.

ހިއްސާ ކުރައްވާ!