ސްޕެއިންގެ 19 އަހަރުން ދަށުގެ ޗެމްޕިއަންސް ކަޕް ފައިނަލުގައި ރެއާލް މެޑްރިޑް އަތުން 4-1 ގެ ނަތީޖާއަކުން ބާސެލޯނާ ބަލިވެއްޖެއެވެ. މި މެޗުގައި ބާސެލޯނާގެ މިޞްރުގެ ކުޅުންތެރިޔާ ހަމްޒާ އަބްދުލްކަރީމް ކުޅެފައިވާއިރު، މެޗުގެ ބޮޑުބައި ބާސެލޯނާއިން ކުޅުނީ އެއް ކުޅުންތެރިއަކު މަދުކޮށެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޕެޑްރޯ ވިލާގެ ލަނޑުން ބާސެލޯނާއިން ކުރި ހޯދި ނަމަވެސް، ދެވަނަ ހާފު ފެށިގެން ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެ ޓީމުގެ ޔޫ މާޓިނޭޒަށް ދެވަނަ ރީނދޫ ކާޑާއެކު ރަތް ކާޑު ދެއްކުމުން މެޗުގެ އޮއިވަރު ބަދަލުވިއެވެ. މި ރަތް ކާޑަށްފަހު ބާސެލޯނާގެ ކުޅުން ދަށްވެ، ރެއާލް މެޑްރިޑުން ވަނީ ފުލުފުލުގައި ލަނޑުތައް ޖަހައި މެޗު ކާމިޔާބުކޮށްފައެވެ.
މި މުބާރާތުގައި މީގެ ކުރިން ބޮލުން ޖަހާ ލަނޑުތަކުން ގިނަ ބައެއްގެ ސަމާލުކަން ހޯދި ހަމްޒާ އަބްދުލްކަރީމަށް މި މެޗުގައި ރެއާލްގެ ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ފާރަވެރިވެފައެވެ. އޭނާ ބޮލުން ފޮނުވާލި ހަމަލާއެއް ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށް ދިޔައިރު، ދެވަނަ ހާފުގައި އޭނާ ފޮނުވާލި ބާރު ހަމަލާއެއް ރެއާލްގެ ކީޕަރު ވަނީ އުނދަގުލުން މަތަކޮށްފައެވެ. ހަމްޒާ ދަނޑުން ބޭލީ ބާސެލޯނާ 2-1 އިން ބަލިވަމުން ދަނިކޮށެވެ.
މެޗަށްފަހު ބޭއްވި މެޑަލް ދިނުމުގެ ރަސްމިއްޔާތުގައި ހަމްޒާ ފެނުނީ ވަރަށް ބޮޑަށް މާޔޫސްވެފައި ހުއްޓައެވެ. އޭނާއަށް ރިހި މެޑަލް ހަވާލުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި ވަނީ ކަރުން މެޑަލް ނަގާފައެވެ. މިއީ ނަތީޖާއާމެދު އޭނާ ހިތްހަމަނުޖެހިފައި ހުރި މިންވަރު ހާމަވެގެންދިޔަ ކަމެކެވެ.
މިޞްރުގެ އަލް އަހްލީ ޓީމުން ލޯނު އެއްބަސްވުމެއްގެ ދަށުން ބާސެލޯނާއަށް ކުޅެމުން އަންނަ ހަމްޒާ، ދެން ދަތުރުކުރާނީ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންއަށް ތައްޔާރުވަމުންދާ މިޞްރުގެ ގައުމީ ޓީމާ ގުޅުމަށެވެ. ނޭންޓްސްގެ ފޯވާޑް މުސްތަފާ މުހައްމަދުގެ ބަދަލުގައި ހަމްޒާއަށް ގައުމީ ޓީމުން ފުރުސަތު ދިނުމަކީ ގިނަ ބަޔަކަށް ލިބުނު ހައިރާންކަމެކެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، ހަމްޒާގެ ކުޅުމާމެދު ހިތްހަމަޖެހޭތީ ބާސެލޯނާއިން އަންނަނީ އޭނާގެ އެއްބަސްވުމުގައިވާ ގޮތަށް ދާއިމީކޮށް އޭނާ ގަތުމަށް ވިސްނަމުންނެވެ.







