މަޝްހޫރު ލަވަކިޔުންތެރިޔާ ޝަކީރާ އާއި ނައިޖީރިއާގެ ފަންނާނު ބާނާ ބޯއީ ގުޅިގެން، 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ރަސްމީ ލަވަ ޑާއި ޑާއި ރަސްމީކޮށް ނެރެފިއެވެ. މި ލަވައިގެ ވީޑިއޯގައި ދުނިޔޭގެ އެންމެ މަޝްހޫރު ފުޓްބޯޅަ ތަރިން ކަމަށްވާ ލިއޮނަލް މެސީ، ކީލިއަން އެމްބާޕޭ، ވިނީޝިއަސް ޖޫނިއާ އަދި އާލިންގް ހާލަންޑް ފެނިގެންދެއެވެ.
ލަވައިގެ ވީޑިއޯ ފެށިގެންދަނީ އެމްބާޕޭ "ޝަކީރާ، އަހަރެމެން މިތިބީ ތައްޔާރަށް" އޭ ބުނާ އަޑުންނެވެ. އޭގެ ފަހުން ހެރީ ކޭން، ވިނީޝިއަސް، ހާލަންޑް އަދި މެސީ ވެސް މި ޖުމްލަ ތަކުރާރު ކުރެއެވެ. މި ވީޑިއޯގެ ބައެއް މަންޒަރުތައް ކުޅެފައިވަނީ ބްރެޒިލްގެ ރިއޯ ޑި ޖެނީރޯގައި ހުންނަ މަޝްހޫރު މަރަކާނާ ސްޓޭޑިއަމްގައެވެ.
މިއީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ޝަކީރާ ކިޔައިދިން ކާމިޔާބު ލަވަ "ވާކާ ވާކާ" އަށްފަހު، 16 އަހަރު ފަހުން އޭނާ ވޯލްޑް ކަޕްގެ ރަސްމީ ލަވައެއް ކިޔައިދިން ފުރަތަމަ ފަހަރެވެ. މި ލަވަ ނެރުނުތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައި 7 މިލިއަނަށްވުރެ ގިނަ މީހުން ވަނީ ވީޑިއޯ ބަލާފައެވެ.
މި ލަވައިގެ ކަޑިތަކުގައި ޝަކީރާ ވަނީ ފުޓްބޯޅައިގެ ލެޖެންޑުން ކަމަށްވާ ޕެލޭ އާއި މަރަޑޯނާގެ އިތުރުން، މިހާރުގެ ތަރިން ކަމަށްވާ ކްރިސްޓިއާނޯ ރޮނާލްޑޯ، މެސީ، މުހައްމަދު ސަލާހް އަދި އެމްބާޕޭއަށް އިހުތިރާމް އަދާކޮށްފައެވެ. ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ބޭނުންފުޅުވާ ގޮތަށް، ވޯލްޑް ކަޕް ފައިނަލްގެ ހާފް-ޓައިމްގައި ޝަކީރާ މި ލަވަ ހުށަހަޅައިދޭނެއެވެ.







