ޔޫކްރެއިންގެ ވެރިރަށާއި އެތާ ކައިރި ސަރަހައްދުގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ރަޝިޔާގެ ސިފައިން ރޭގަނޑުގެ ވަގުތެއްގައި ވަރުގަދަ ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކުގައި ރަޝިޔާގެ އެންމެ ފަހުގެ ހައިޕަސޮނިކް 'އޮރެޝްނިކް' މިސައިލް ސިސްޓަމާއި، އިސްކަންދަރު ބެލިސްޓިކް މިސައިލްގެ އިތުރުން ކިންޒަލް އަދި ޒިރްކޯން ހައިޕަސޮނިކް ކްރޫޒް މިސައިލްތައް ބޭނުންކޮށްފައިވާ ކަމަށް ރަޝިޔާގެ ދިފާއީ ވުޒާރާއިން ހާމަކޮށްފިއެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި މި ހަމަލާތަކަކީ ލުގާންސްކް ޕީޕަލްސް ރިޕަބްލިކްގައި ހުންނަ ޓީޗަރުން ތަމްރީނުކުރާ ކޮލެޖެއްގެ ޑޯމިޓަރީއަށް ޔޫކްރެއިންގެ ޑްރޯންތަކުން ދިން ޓެރަރިސްޓް ހަމަލާގެ ބަދަލުހިފުމުގެ ގޮތުން ދިން ހަމަލާތަކެކެވެ. އެ ހަމަލާގައި 21 މީހުން މަރުވެ 42 މީހުން ޒަހަމްވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ ފުރާވަރުގެ އަންހެން ކުދިންނެވެ. ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވަނީ އެއީ ގަސްތުގައި ދީފައިވާ "ޓެރަރިސްޓް އަމަލެއް" ކަމަށް ސިފަކުރައްވާފައެވެ.
މި ފަހަރުގެ ހަމަލާތަކުގައި ރަޝިޔާއިން ބޭނުންކުރި 'އޮރެޝްނިކް' މިސައިލަކީ ނިއުކްލިއަރ ނުވަތަ އާދައިގެ ހަތިޔާރު އުފުލުމުގެ ގާބިލުކަން ލިބިފައިވާ، އަދި އަޑަށްވުރެ 10 ގުނަ ބާރަށް ދަތުރުކުރާ މިސައިލެކެވެ. މިއީ މި ހަނގުރާމައިގައި މި މިސައިލް ބޭނުންކުރި ތިންވަނަ ފަހަރެވެ. ބައިނަލްއަގުވާމީ ރިޕޯޓްތައް ބުނާގޮތުން، މި ހަމަލާ އަމާޒުކޮށްފައިވަނީ ކިއޭވް ކައިރީގައި އޮންނަ ބީލާ ސަރްކްވާ އަށެވެ.
ރަޝިޔާގެ ދިފާއީ ވުޒާރާއިން ބުނި ގޮތުގައި މި ހަމަލާތައް އަމާޒުކުރީ ޔޫކްރެއިންގެ އަސްކަރީ ކޮމާންޑް އެންޑް ކޮންޓްރޯލް ސެންޓަރުތަކަށާއި، އެއަރ ބޭސްތަކުގެ އިތުރުން ދިފާއީ ސިނާއަތުގެ ކާރުހާނާތަކަށެވެ.
"ހަމަލާގެ މަގްސަދުތައް ވަނީ ހާސިލްވެފައި. ކަނޑައެޅުނު ހުރިހާ އަމާޒުތަކަށް ވަނީ ހަމަލާ އަރާފައި،" އެ ވުޒާރާއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ. އަދި އާންމުން ދިރިއުޅޭ އެއްވެސް ތަނަކަށް ހަމަލާދީފައި ނުވާނެ ކަމަށްވެސް ބުނެފައިވެއެވެ.
ރަޝިޔާގެ ލުގާންސްކްގެ ގަވަރުނަރު ލިއޮނިޑް ޕަސެޗްނިކް ވަނީ މެއި 24 އާއި 25 އަކީ ހިތާމަ ފާޅުކުރުމުގެ ދުވަސްތަކެއްގެ ގޮތުގައި ކަނޑައަޅާފައެވެ. އޭނާ ވިދާޅުވީ ޔޫކްރެއިންގެ ހަމަލާއަކީ "ސާފު ޖަރީމާއެއް" ކަމަށާއި، އެކަމުގެ ޒިންމާ އުފުލަންޖެހޭ ފަރާތްތަކަށް ހައްގު އަދަބު ލިބޭނެ ކަމަށެވެ. ހުޅަނގުގެ ދިފާއީ މާހިރުން ދަނީ އޮރެޝްނިކް މިސައިލްގެ ހަލުވިމިނާއި، އޭގެ ބާރުގަދަކަމާ މެދު ކަންބޮޑުވުން ފާޅުކުރަމުންނެވެ.






