ލިވަޕޫލްގެ އެންފީލްޑް ދަނޑުގައި މުހައްމަދު ސަލާހްގެ އެންމެ ފަހު ސަޖިދަ!

އިނގިރޭސި ޕްރިމިއާ ލީގުގައި ބްރެންޓްފޯޑާ ދެކޮޅަށް ކުޅުނު މެޗަކީ، ލިވަޕޫލްގެ ތަރި މުހައްމަދު ސަލާހް އެ ޓީމުގެ އަމިއްލަ ދަނޑު ކަމަށްވާ އެންފީލްޑްގައި ކުޅުނު ފަހު މެޗަށް ވެގެން ގޮސްފިއެވެ. 9 އަހަރުގެ ދިގު މުއްދަތަކަށްފަހު ލިވަޕޫލް ދޫކޮށްލާ ސަލާހް ދަނޑުން ފޭބީ ވަރަށް ބޮޑަށް އަސަރުކޮށް، ކަރުނައާއެކުގައި ސަޖިދައެއް ކޮށްފައެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ސަލާހް ބަދަލުކުރިއިރު، އޭނާ ވަނީ ދަނޑުގެ ހަތަރު ފަރާތުގައި ތިބި ސަޕޯޓަރުންނަށް އަތްޖަހައި ސަލާމްކޮށްފައެވެ. އަދި އެންފީލްޑްގައި ކުޅުނު ފަހު މެޗު ނިންމާލުމުގެ ގޮތުން އޭނާ ވަނީ ދަނޑުމަތީގައި ޝުކުރުގެ ސަޖިދައެއް ޖަހާފައެވެ. މިއީ ލިވަޕޫލްގެ ސަޕޯޓަރުންނަށް ފެނިގެންދިޔަ ވަރަށް އަސަރުގަދަ މަންޒަރެކެވެ.

ސަލާހްގެ ވަދާއީ މެޗުގައިވެސް އޭނާ ވަނީ ތާރީޚީ ކާމިޔާބީއެއް ހޯދާފައެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ފެށި 300 ވަނަ މެޗެވެ. މިއާއެކު އޭނާ ވެފައިވަނީ ކޯލޯ ޓޫރޭއަށްފަހު ޕްރިމިއާ ލީގުގައި 300 މެޗު ސްޓާޓްކުރި ދެވަނަ އެފްރިކާ ކުޅުންތެރިޔާއަށެވެ. މީގެ ތެރެއިން 294 މެޗަކީ ލިވަޕޫލްގެ ޖާޒީގައި އޭނާ ކުޅުނު މެޗުތަކެވެ.

މި މެޗުގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑު ކާޓިސް ޖޯންސް ކާމިޔާބުކުރީ ސަލާހް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. މިއީ މި ސީޒަނުގައި ސަލާހް ތަނަވަސްކޮށްދިން 6 ވަނަ އެސިސްޓެވެ. މީގެ އިތުރުން މި ސީޒަނުގައި އޭނާ ވަނީ 7 ލަނޑު ޖަހާފައެވެ.

އުމުރުން 33 އަހަރުގެ ސަލާހް ލިވަޕޫލް ދޫކޮށްލާއިރު، އޭނާ ދެން ގުޅޭނެ ކްލަބެއް ރަސްމީކޮށް އަދި އިއުލާނެއް ނުކުރެއެވެ. ނަމަވެސް ސައުދީ ޕްރޯ ލީގުގެ ކްލަބުތަކުންނާއި ތުރުކީގެ ފެނަބާޗޭއިން އޭނާ ހޯދުމަށް ޝައުގުވެރިކަން ފާޅުކުރަމުންދާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ސަލާހްގެ އިތުރުން އެންޑީ ރޮބަޓްސަންވެސް މި ސީޒަނަށްފަހު ލިވަޕޫލް ދޫކޮށްލާނެކަން ވަނީ ކަށަވަރުވެފައެވެ. ސަލާހް ލިވަޕޫލްގައި ހޭދަކުރި 9 އަހަރުގެ ތެރޭގައި އޭނާ ވަނީ ކްލަބަށް ގިނަ ކާމިޔާބީތަކެއް ހޯދައިދީ، ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް އެންމެ ފާހަގަކޮށްލެވޭ އެއް ކުޅުންތެރިޔާގެ ލަގަބު ހޯދާފައެވެ.

ހިއްސާ ކުރައްވާ!