ގާޑިއޯލާ، ސްޓޯންސް އަދި ސިލްވާގެ ވަދާއީ މެޗުން މެންޗެސްޓާ ސިޓީ ބަލިވެއްޖެ

އިނގިރޭސި ޕްރިމިއާ ލީގުގެ ފަހު މެޗުގައި އެސްޓަން ވިލާއާ ބައްދަލުކޮށް 2-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިވެއްޖެއެވެ. އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗަކީ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އިތުރުން މުހިންމު ދެ ކުޅުންތެރިން ކަމަށްވާ ބެނާޑޯ ސިލްވާ އާއި ޖޯން ސްޓޯންސް އެ ކްލަބަށް ކުޅެދިން ފަހު މެޗެވެ.

މެންޗެސްޓާ ސިޓީގައި 10 އަހަރު ހޭދަކުރުމަށްފަހު ގާޑިއޯލާ ކްލަބާ ވަކިވާއިރު، ސިލްވާ އާއި ސްޓޯންސްގެ ވަދާއީ މެޗުގައި ސިޓީގެ ސަޕޯޓަރުން ވަނީ އެ ކުޅުންތެރިންނަށް ހޫނު މަރުހަބާއެއް ކިޔާފައެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރިހޯދީ ސިޓީންނެވެ. މެޗުގެ 22 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެންޓޮއިން ސެމެންޔޯ އެވެ.

ނަމަވެސް، ފުރަތަމަ ހާފުގެ ފަހު މިނެޓުގައި އެސްޓަން ވިލާގެ އޮލީ ވަޓްކިންސް ވަނީ ލަނޑެއް ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑަކީ ސިޓީގެ ދިފާއީލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އޭނާ ކާމިޔާބުކުރި ލަނޑެކެވެ. އަދި މެޗުގެ 61 ވަނަ މިނެޓުގައި ވަޓްކިންސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ވިލާއަށް ކުރިހޯދައިދީފައެވެ.

މެޗުގެ ފަހު ވަގުތުކޮޅުގެ ތެރޭގައި ފިލް ފޯޑަން ސިޓީއަށް ލަނޑެއް ޖަހައިދިން ނަމަވެސް، ވީއޭއާރުން ބެލުމަށްފަހު އެއީ އޮފްސައިޑް ލަނޑެއް ކަމަށް ނިންމައި އެ ލަނޑު ބަލައިނުގަތުމަށް ވަނީ ނިންމާފައެވެ. މިއާއެކު މެޗު ނިމުނީ އެސްޓަން ވިލާ މޮޅުވެގެންނެވެ.

މި ނަތީޖާއާއެކު އެސްޓަން ވިލާ އިން ވަނީ 65 ޕޮއިންޓާއެކު ތާވަލުގެ ހަތަރުވަނައިގައި އޮވެ ލީގު ނިންމާލާފައެވެ. މެންޗެސްޓާ ސިޓީ ލީގު ނިންމާލީ 78 ޕޮއިންޓާއެކު ތާވަލުގެ ދެވަނައިގައެވެ.

ހިއްސާ ކުރައްވާ!