ނަޕޯލީ ދޫކޮށްލާކަން ކޮންޓޭ ކަށަވަރުކޮށްދީފި، އިޓަލީގެ ކޯޗުކަމަށް ގާޑިއޯލާ ގެނައުމަށް ލަފާދީފި

އިޓަލީގެ ނަޕޯލީގައި ދެ އަހަރު ދުވަހު މަސައްކަތް ކުރުމަށްފަހު، އެ ކްލަބުގެ ކޯޗުކަމުން ވަކިވާން ނިންމާފައިވާކަން އެންޓޯނިއޯ ކޮންޓޭ ރަސްމީކޮށް ކަށަވަރުކޮށްދީފިއެވެ. ކޮންޓޭ މިކަން ހާމަކުރީ އިޓަލީގެ ގައުމީ ޓީމާ އަލުން ހަވާލުވެދާނެ ކަމުގެ އަޑުތައް ފެތުރެމުންދާ ދަނޑިވަޅެއްގައެވެ.

ސީޒަން ނިންމާލުމަށްފަހު 'ލަ ގަޒެޓާ ޑެއްލޯ ސްޕޯޓް' އަށް ދިން އިންޓަވިއުއެއްގައި ކޮންޓޭ ބުނީ، އޭނާ ކްލަބުން ވަކިވުމުގެ ނިންމުން ނިންމީ މީގެ މަހެއްހާ ދުވަސް ކުރިން ކަމަށެވެ. އަދި މި ސީޒަނުގައި އިޓަލީ ލީގުގެ ޗެމްޕިއަން އިންޓަ މިލާނާ ވާދަކޮށް ދެވަނަ ހޯދި ނަމަވެސް، ޓީމަށް އަމާޒުވި ފާޑުކިޔުންތަކަށް އޭނާ ވަނީ އިޝާރާތްކޮށްފައެވެ.

އުދިނޭޒީ އަތުން 1-0 އިން މޮޅުވި މެޗަށްފަހު ބޭއްވި ވަދާއީ ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންޓޭ ބުނީ، މަރަޑޯނާގެ ޒަމާނަށްފަހު ނަޕޯލީއަށް ލީގު ހޯދައިދީ ތާރީޚީ ކާމިޔާބީއެއް ހޯދުނު ނަމަވެސް، ޓީމު އެއްބައިވަންތަކުރުމުގައި އޭނާއަށް ނާކާމިޔާބުވެފައިވާ ކަމަށެވެ. "އަހަރެންގެ ދަތުރު ނިމުމަކަށް އަތުވެއްޖެކަން އިހުސާސް ކުރެވުނު. މިއީ އަހަރެން އަމިއްލައަށް ނިންމި ނިންމުމެއް،" ކޮންޓޭ ބުންޏެވެ.

ކޮންޓޭ އިތުރަށް ބުނީ ނަޕޯލީއަށް ބޭނުންވަނީ ސީރިއަސް މީހުން ކަމަށާއި، ޓީމަށް ގެއްލުންދޭ ފަރާތްތައް ދުރުކުރަންޖެހޭ ކަމަށެވެ. އަދި އޭނާއަށް ފުރުސަތު ދިން ކަމަށްޓަކައި ކްލަބުގެ ރައީސް ޑި ލައުރެންޓިސްއަށާއި އޭނާގެ އާއިލާއަށް ކޮންޓޭ ވަނީ ޝުކުރު އަދާކޮށްފައެވެ.

އިޓަލީގެ ގައުމީ ޓީމާ ގުޅޭގޮތުން ވާހަކަދައްކަމުން ކޮންޓޭ ބުނީ، ބައެއް ފަރާތްތަކުން ޕެޕް ގާޑިއޯލާ އިޓަލީގެ ކޯޗުކަމަށް ގެނައުމަށް ހުށަހަޅަމުންދާ ކަމަށާއި، އޭނާވެސް އެކަމަށް ތާއީދުކުރާ ކަމަށެވެ. ނަމަވެސް، އެފަދަ މަތީ ފަންތީގެ ކޯޗަކު އައްޔަންކުރުމުގެ މާލީ ގާބިލުކަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުގައި ހުރިތޯ އޭނާ ވަނީ ސުވާލު އުފައްދާފައެވެ.

ހިއްސާ ކުރައްވާ!