އާޖެންޓީނާގެ ގައުމީ ޓީމުގެ ސަޕޯޓަރުންނާއި މުޅި ދުނިޔޭގެ ފުޓްބޯޅަ ލޯބިވެރިންނަށް ބޮޑު ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. މިއީ އާޖެންޓީނާގެ ލެޖެންޑް ލިއޮނަލް މެސީއަށް ކުރިމަތިވި އަނިޔާގެ ތަފްސީލުތައް ހާމަވުމާ ގުޅިގެންނެވެ.
އެމެރިކާގެ މޭޖަރ ލީގު ސޮކާގައި އިންޓަ މިއާމީ އާއި ފިލަޑެލްފިއާ ޔޫނިއަން ބައްދަލުކުރި މެޗުގެ ދެވަނަ ހާފުގައި މެސީ ވެއްޓުނު ގޮތުން ގިނަ ބަޔަކު ތިބީ ވަރަށް ބޮޑު ކަންބޮޑުވުމެއްގެ ތެރޭގައެވެ. އޭނާ ދަނޑުން ބޭލި ގޮތުން، ދެ ހަފުތާ ފަހުން ފަށާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް މެސީއަށް ގެއްލިދާނެ ކަމުގެ ބިރު އޮތީ ހީވެފައެވެ.
ނަމަވެސް އާޖެންޓީނާގެ ނޫހެއް ކަމަށްވާ ލާ ނޭސިއޮން އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މެސީގެ ވައަތު ފައިގެ ފަހަތު މަސްގަނޑަށް އަނިޔާވި ނަމަވެސް، ހެދި މެޑިކަލް ޓެސްޓުތަކުގެ ނަތީޖާ އުންމީދީއެވެ. ޓެސްޓުތަކުން ދައްކާ ގޮތުގައި މިއީ މަސްގަނޑަށް ކުރިމަތިވި ކުޑަ ވަރުބަލިކަމެއް ކަމަށާއި، އެއްވެސް ސީރިއަސް އަނިޔާއެއް ނެތް ކަމަށް ވަނީ ކަށަވަރުވެފައެވެ.
މި ނަތީޖާއާއެކު، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބުކުރި ކެޕްޓަން މެސީ، ކުރިއަށް އޮތް ހޮންޑިއުރާސް އަދި އައިސްލޭންޑާ ދެކޮޅަށް ކުޅޭ ރަހުމަތްތެރިކަމުގެ މެޗުތަކުގައި ފެންނާނެ ކަމަށް ބެލެވެއެވެ. އާޖެންޓީނާ ވޯލްޑް ކަޕްގައި ވާދަކުރާ ގްރޫޕުގައި ހިމެނެނީ އުރުދުން، އަލްޖީރިއާ އަދި އޮސްޓްރިއާއެވެ.





