މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކެޕްޓަން އަދި ލެޖެންޑް ރޯއީ ކީން، އެ ޓީމުގެ މިހާރުގެ ކެޕްޓަން ބްރޫނޯ ފެނާންޑޭޒް އަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް އަމާޒުކޮށްފިއެވެ. މި ހަމަލާތައް އަމާޒުވެފައިވަނީ ޔުނައިޓެޑުން ލީގުގެ ތިންވަނަ ހޯދައި، ޗެމްޕިއަންސް ލީގުން ޖާގަ ކަށަވަރުކޮށް، އަދި ބްރޫނޯ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައިވަނިކޮށެވެ.
ޕްރިމިއާ ލީގުގެ އެއް ސީޒަނެއްގައި އެންމެ ގިނަ އެސިސްޓް (21 އެސިސްޓް) ދިނުމުގެ ރެކޯޑް ބްރޫނޯ މުގުރާލާފައިވީ ނަމަވެސް، ކީން ވަނީ އޭނާގެ ކުޅުމަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ނޮޓިންހަމް ފޮރެސްޓް އަތުން 3-2 އިން ޔުނައިޓެޑް މޮޅުވި މެޗަށްފަހު ކީން ބުނީ ބްރޫނޯ އުޅެނީ "ޗަރުކޭސް ކުޅިވަރެއް" ކުޅެން ކަމަށާއި، އޭނާ ބަލަނީ ޓީމުގެ މަންފާއަށްވުރެ ބޮޑަށް އަމިއްލަ ރެކޯޑްތައް ހަމަކުރުމަށް ކަމަށެވެ.
ކީން އިތުރަށް ބުނެފައިވަނީ، "ފޮރެސްޓް މެޗަށްފަހު ބްރޫނޯ ބުނީ އޭނާ ލަނޑު ޖެހުމުގެ ބަދަލުގައި ބެލީ އެހެން ކުޅުންތެރިންނަށް ފުރުސަތު ދޭން ކަމަށް. މިފަދަ އަމިއްލަ އެދުން ބޮޑު ވިސްނުމެއް ހުރެގެން ތަށިތަކެއް ނުލިބޭނެ،" ކަމަށެވެ.
ބްރޫނޯގެ ރައްދު
ކީންގެ މި ވާހަކަތަކަށް ރައްދު ދެމުން ބްރޫނޯ ބުނީ އޭނާއަށް ކުރާ ފާޑުކިޔުންތައް ބަލައިގަންނަ ކަމަށާއި، ނަމަވެސް ދޮގު ވާހަކަ ދެއްކުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. "އަހަރެން ފާޑުކިޔުން ބަލައިގަންނަން، އެކަމަކު އަހަރެން ނުދައްކާ ވާހަކައެއް އަހަރެންގެ ބޮލުގައި އެޅުވުމަކީ ދޮގު ހެދުން،" ބްރޫނޯ ބުންޏެވެ.

ބްރޫނޯގެ ރައްދާއެކު ކީން ވަނީ އިންސްޓަގްރާމްގައި ދެ ސިންގާގެ ކުރިމަތީގައި ހޭރޭ ހިމާރެއްގެ ފޮޓޯއެއް ހިއްސާކޮށްފައެވެ. އެ ފޮޓޯގެ ކެޕްޝަންގައި ކީން ލިޔެފައިވަނީ "މާބޮޑަށް ސަމާލުކަން ދިނުމުން ހިމާރަކަށްވެސް އަމިއްލައަށް ސިންގާއެއް ކަމަށް ހީވެދާނެ" ކަމަށެވެ.





