ރެއާލް މެޑްރިޑްގެ ރައީސްކަމަށް ވާދަކުރާ ރިކިއެލްމީ ދެ ކުޅުންތެރިއަކާއެކު އެއްބަސްވުމަކަށް އަތުވެއްޖެ

ރެއާލް މެޑްރިޑްގެ ރައީސްކަމުގެ އިންތިޚާބުގައި މިހާރުގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒްއާ ވާދަކުރާ އެންރީކޭ ރިކިއެލްމީ، އޭނާގެ ކެމްޕޭން ވަރުގަދަކޮށް، އިންތިޚާބު ކާމިޔާބުވެއްޖެނަމަ ކްލަބާ ގުޅޭނެ ދެ ތަރިއަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާކަން އިޢުލާންކޮށްފިއެވެ.

އޭބީސީ ނޫހަށް ދިން އިންޓަވިއުއެއްގައި އުމުރުން 37 އަހަރުގެ ވިޔަފާވެރިޔާ ރިކިއެލްމީ ބުނީ، ބައިނަލްއަޤްވާމީ ފެންވަރުގެ ދެ ތަރިއަކާއެކު މިހާރުވެސް އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށާއި، އަދި އާ ކޯޗަކު ހޯދުމުގެ މަސައްކަތްވެސް ކުރިއަށްދާ ކަމަށެވެ. "އަހަރެން ރެއާލް މެޑްރިޑްގެ ރައީސްކަމަށް ހޮވިއްޖެނަމަ، ކުރު، މެދު އަދި ދިގު ރާސްތާގެ މަޝްރޫޢަށް މުހިންމު ދެ ތަރިއަކު ކްލަބާ ގުޅޭނެ،" ރިކިއެލްމީ ބުންޏެވެ.

މި ދެ ކުޅުންތެރިންގެ ނަން ކުރިއަށް އޮތް ދެ ހަފްތާ ތެރޭގައި ހާމަކޮށްފާނެތޯ ސުވާލުކުރުމުން، ހެމުން އޭނާ ޖަވާބުދިނީ އެކަށީގެންވާ ކަމަށެވެ. މީގެ އިތުރުން، ރިކިއެލްމީ ވަނީ ޕެރޭޒްގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުކިޔާފައެވެ. ވަކިން ހާއްސަކޮށް، ސްޕެއިންގެ ޤައުމީ ޓީމުގައި ރެއާލް މެޑްރިޑްގެ ކުޅުންތެރިން ނުހިމެނޭތީ އެކަމާ އޭނާ ކަންބޮޑުވުން ފާޅުކުރިއެވެ.

ރިކިއެލްމީ ބުނީ ވޯލްޑް ކަޕަށް ދިޔަ ސްޕެއިން ޓީމުގައި ރެއާލްގެ އެއްވެސް ކުޅުންތެރިއަކު ނެތުމަކީ ކްލަބަށް ލިބުނު ވަރަށް ހިތާމަވެރި ދުވަހެއް ކަމަށެވެ. މިއީ ޕެރޭޒްގެ ދަށުން ލޯކަލް ކުޅުންތެރިންނަށް އިސްކަން ނުދިނުމުގެ ނަތީޖާ ކަމަށް އޭނާ ތުހުމަތު ކުރިއެވެ.

ސެންޓިއާގޯ ބާނަބިއު ސްޓޭޑިއަމް މަރާމާތުކުރުމަށް 1.7 ބިލިއަން ޔޫރޯ ޚަރަދުކުރުމާ ގުޅޭގޮތުންވެސް ރިކިއެލްމީ ވަނީ ފާޑުކިޔާފައެވެ. އޭނާ ފާހަގަކުރި ގޮތުގައި އެހާ ބޮޑު ޚަރަދެއް ކުރިއިރުވެސް، ގޮނޑިތަކުގެ ސައިޒާއި ކާބޯތަކެތި ގަންނަން ހުންނަ ފިހާރަތަކަށް ދިއުމުގައި ދަތިތަކެއް އެބަހުއްޓެވެ. އިންތިޚާބުގެ ކުރިން ޕެރޭޒްއާއެކު ބަހުސަކަށް ދިއުމަށް ތައްޔާރަށް ހުރިކަންވެސް ރިކިއެލްމީ ވަނީ ހާމަކޮށްފައެވެ.

ހިއްސާ ކުރައްވާ!