ޔޫކްރެއިންގެ ވެރިރަށް ކިއޭވްގައި ހުރި ދިފާއީ ސިނާއީ މަރުކަޒުތަކަށް އަމާޒުކޮށް ވަރުގަދަ ހަމަލާތަކެއް ދޭން ނިންމާފައިވާތީ، އެ ސިޓީގައި ތިބި ބިދޭސީން ކިއޭވް ދޫކޮށް ދިއުމަށް ރަޝިޔާއިން އަންގައިފިއެވެ. ރަޝިޔާގެ ދިފާއީ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިއީ ޔޫކްރެއިނުން ދިން ޓެރަރިސްޓް ޑްރޯން ހަމަލާތަކަކަށް ރައްދު ދިނުމުގެ ގޮތުން ދޭން ނިންމާފައިވާ ހަމަލާތަކެއް ކަމަށެވެ.
ރަޝިޔާއިން ބުނާ ގޮތުގައި މިދިޔަ ހަފުތާގައި ޔޫކްރެއިނުން ވަނީ ރަޝިޔާގެ ބާރުގެ ދަށުގައި އޮތް ލުހާންސްކް ސަރަހައްދުގެ ސްޓާރޯބިލްސްކްގައި ހުންނަ ދަރިވަރުންގެ ހޮސްޓެލްއަކަށް ޑްރޯން ހަމަލާއެއް ދީފައެވެ. އެ ހަމަލާގައި 18 މީހުން މަރުވެފައިވާ ކަމަށް ރަޝިޔާއިން ބުނެއެވެ. ރަޝިޔާގެ ފޮރިން މިނިސްޓްރީން ބުނީ މި ހަމަލާއަކީ "ކެތްތެރިކަން ވަޒްނ ކުރުމުގެ އެންމެ ފަހު މިންވަރު" ކަމަށާއި، މީގެ ރައްދުގައި ޔޫކްރެއިންގެ ޑްރޯންތައް ފަރުމާކޮށް އުފައްދާ މަރުކަޒުތަކަށް ސިލްސިލާ ހަމަލާތަކެއް ދޭނެ ކަމަށެވެ.
ކިއޭވްގައި ތިބި ޑިޕްލޮމެޓިކް މިޝަންތަކުގެ މުވައްޒަފުންނާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މީހުން ހިމެނޭހެން ހުރިހާ ބިދޭސީން ވީހާވެސް އަވަހަކަށް ސިޓީ ދޫކޮށް ދިއުމަށް ރަޝިޔާއިން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ކިއޭވްގެ ރައްޔިތުން އަސްކަރީ އަދި އިދާރީ މަރުކަޒުތަކާ ކައިރިނުވުމަށްވެސް ވަނީ އަންގާފައެވެ.
ރަޝިޔާގެ ފޮރިން މިނިސްޓަރު ސަރްގޭ ލަވްރޯވް ވަނީ އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯއަށް ގުޅުއްވައި، އެމެރިކާ އެމްބަސީގެ މުވައްޒަފުން ކިއޭވްއިން ބޭރުކުރުމަށް ލަފާދެއްވާފައެވެ.
ޔޫކްރެއިންގެ ސިފައިން ވަނީ ސްޓާރޯބިލްސްކްގެ ހޮސްޓެލްއަށް ހަމަލާދިން ކަމަށް ބުނާ ވާހަކަ ދޮގުކޮށްފައެވެ. ޔޫކްރެއިނުން ބުނާ ގޮތުގައި އެމީހުން ހަމަލާދިނީ ރަޝިޔާގެ ޑްރޯން ކޮމާންޑް ޔުނިޓަކަށެވެ. ޔޫކްރެއިންގެ ފޮރިން މިނިސްޓަރު އެންޑްރީ ސިބީހާ ވަނީ ރަޝިޔާގެ މި އިންޒާރުތަކަކީ "ބިރުދެއްކުން" ކަމަށް ސިފަކުރައްވައި، ބައިނަލްއަގުވާމީ ބާރުތަކުން އެކަމަށް ދޫނުދިނުމަށް ގޮވާލައްވާފައެވެ.
މި އިންޒާރުތަކާއެކުވެސް ކިއޭވްގައި ތިބި ބައެއް ބޭރުގެ ސަފީރުން ވަނީ ރަޝިޔާގެ ހަމަލާތަކުގައި ގެއްލުން ލިބުނު ސަރަހައްދުތަކަށް ޒިޔާރަތްކޮށް، ޔޫކްރެއިނަށް ތާއީދު އޮތްކަން ހާމަކޮށްފައެވެ. ނަމަވެސް ރަޝިޔާއިން ދަނީ ކިއޭވްއަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ވަރުގަދަކުރަމުންނެވެ. ފާއިތުވި ދުވަސްތަކުގައި ދިން ހަމަލާތަކުގައި ކިއޭވްއިން މަދުވެގެން ހަތަރު މީހުން މަރުވެ، 60 އަށްވުރެ ގިނަ މީހުން ޒަހަމްވެފައިވާ ކަމަށް ރިޕޯޓުތައް ބުނެއެވެ.






