ރެއާލް މެޑްރިޑްގެ ބްރެޒިލް ތަރި ވިނީޝިއަސް ޖޫނިއާ، އެ ކްލަބާއެކު އޮތް ކޮންޓްރެކްޓް އާކުރުމުގެ ކުރިން ކްލަބުގެ އިސްވެރިންނާއެކު މަޝްވަރާކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި ކަމަށް ބުނެފިއެވެ. ވިނީޝިއަސް މިހެން ބުނީ އޭނާގެ މުސްތަގުބަލާ ގުޅޭގޮތުން ކޭޒްޓީވ ީއޮފިޝަލް އަށް ދިން އިންޓަވިއުއެއްގައެވެ.
ވިނީޝިއަސް އާއި ރެއާލް މެޑްރިޑާ ދެމެދު މިހާރު އޮތް އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، އާ އެއްބަސްވުމުގައި ހިމެނޭ މުސާރައާ މެދު އުފެދުނު ހިޔާލުތަފާތުވުންތަކަކާ ގުޅިގެން، ވިނީޝިއަސް އާއި އޭނާގެ މަންދޫބުން ވަނީ މީގެ އަހަރެއްހާ ދުވަސް ކުރިން ކޮންޓްރެކްޓް އާކުރުމުގެ މަޝްވަރާތައް މަޑުޖައްސާލާފައެވެ.
މިކަމާ ގުޅޭގޮތުން ވާހަކަދައްކަމުން ވިނީޝިއަސް ބުނީ، "އަހަރެން ކޮންޓްރެކްޓް އާކުރަން އަވަސްއަރުވާ ނުލަން. އަހަރެންގެ ކޮންޓްރެކްޓް 2027 އާ ހަމައަށް އެބައޮތް. އެހެންކަމުން، އެ މުއްދަތާ ހަމައަށް ރެއާލް މެޑްރިޑާއެކު މަޝްވަރާކުރަންޖެހޭ ގިނަ ކަންތައްތަކެއް އެބަހުރި،" ކަމަށެވެ. އަދި ކްލަބުގެ ރައީސް އޭނާއަށް އިތުބާރު ކުރާ ކަމަށާއި، ދެ ފަރާތުންވެސް މިވަގުތު ތިބީ ވަރަށް ހަމަޖެހިގެން ކަމަށް އޭނާ ފާހަގަކުރިއެވެ.
ރެއާލް މެޑްރިޑަކީ އޭނާގެ ހުވަފެނީ ކްލަބުކަން ފާހަގަކުރަމުން ވިނީޝިއަސް ބުނީ، ދުވަހަކުވެސް އެ ކްލަބު ދޫކޮށްލުމަށް ހިތަށް ނާރުވާ ކަމަށެވެ. "އަހަރެން ބޭނުންވަނީ މުޅި އުމުރު މި ކްލަބުގައި ހޭދަކުރަން. މިހާރު އަހަރެންނަކީ ޓީމުގެ އެއް ލީޑަރު. މިއީ ޒުވާން އުމުރެއްގައި ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް،" ވިނީޝިއަސް އިތުރަށް ބުންޏެވެ.
ނިމިދިޔަ 2025-2026 ސީޒަނުގައި ވިނީޝިއަސް ވަނީ ރެއާލް މެޑްރިޑަށް ކުޅުނު 53 މެޗުގައި 22 ލަނޑު ޖަހައި، 14 ލަނޑު ޖެހުމަށް އެހީތެރިވެދީފައެވެ. އޭނާގެ މި މޮޅު ކުޅުމާއެކު، އޭނާއަކީ މިވަގުތު ދުނިޔޭގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާގެ ގޮތުގައި ގިނަ ބަޔަކު ގަބޫލުކުރެއެވެ.







