ދުނިޔޭގެ އެންމެ މަގުބޫލު ކްލަބަކަށް ރެއާލް މެޑްރިޑް، ދެވަނައިގައި ބާސެލޯނާ

ދުނިޔޭގެ ފުޓްބޯޅަ ކްލަބުތަކުގެ ތެރެއިން ސޯޝަލް މީޑިއާގައި އެންމެ ގިނަ ފޮލޯވަރުން ތިބި ކްލަބުގެ ޝަރަފު ސްޕެއިންގެ ރެއާލް މެޑްރިޑުން ދަމަހައްޓައިފިއެވެ. ތަފާސްހިސާބުތަކުން ދައްކާގޮތުގައި ރެއާލް މެޑްރިޑް މިހާރު އޮތީ ޖުމްލަ 488 މިލިއަން ފޮލޯވަރުންނާއެކު ލިސްޓުގެ އެންމެ ކުރީގައެވެ.

މި ލިސްޓުގެ ދެވަނައިގައި އޮތީ ރެއާލްގެ ވާދަވެރި ބާސެލޯނާއެވެ. ބާސެލޯނާއަށް 442 މިލިއަން ފޮލޯވަރުން ލިބިފައިވާއިރު، ތިންވަނައިގައި އޮތް އިންގްލެންޑުގެ މެންޗެސްޓާ ޔުނައިޓެޑަށް ލިބިފައިވަނީ 239 މިލިއަން ފޮލޯވަރުންނެވެ. އަދި ފްރާންސްގެ ޕީ.އެސް.ޖީ 208 މިލިއަން ފޮލޯވަރުންނާއެކު އޮތީ ލިސްޓުގެ ހަތަރުވަނައިގައެވެ.

ދުނިޔޭގެ އެންމެ ނުފޫޒުގަދަ 100 ކްލަބުގެ ތެރޭގައި އޯޝޭނިއާ ފިޔަވައި ހުރިހާ ބައްރުތަކަކުން 25 ގައުމެއްގެ ކްލަބުތައް ހިމެނެއެވެ. މީގެ ތެރެއިން އެންމެ ގިނަ ކްލަބު ހިމެނެނީ ސްޕެއިންއިންނެވެ. ޓިކްޓޮކްގައި ލިބުނު ބޮޑު ކުރިއެރުމާއެކު ސްޕެއިންގެ 21 ކްލަބެއް މި ލިސްޓުގައި ހިމެނެއެވެ. ދެވަނައިގައި އޮތް އިންގްލެންޑުގެ 17 ކްލަބު ހިމެނޭއިރު، ބްރެޒިލްގެ 11 ކްލަބެއް ވަނީ މި ލިސްޓުން ޖާގަ ހޯދާފައެވެ.

ރިޕޯޓްތައް ބުނާގޮތުގައި ދުނިޔޭގެ އެންމެ ކުރީގައި އުޅޭ 10 ކްލަބުގެ ފޮލޯވަރުންގެ ޖުމްލަ އަދަދު މިހާރު ވަނީ 2.36 ބިލިއަނަށް އަރާފައެވެ. މިއީ މިދިޔަ އަހަރާ އަޅާބަލާއިރު 3.8 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރެއިން އެންމެ ބާރަށް ކުރިއަރަމުން އަންނަނީ ޖަރުމަނުގެ ބަޔާން މިއުނިކެވެ. އެ ކްލަބުގެ ފޮލޯވަރުން ވަނީ 11 އިންސައްތަ އިތުރުވެފައެވެ.

ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ބަލާއިރު، އެންމެ ގިނަ ފޮލޯވަރުން ތިބީ އިންސްޓަގްރާމް އަދި ފޭސްބުކްގައެވެ. މި ދެ ޕްލެޓްފޯމުން ކުރެ ކޮންމެ ޕްލެޓްފޯމަކަށް 31 އިންސައްތަ ހިއްސާ ލިބެއެވެ. މީގެ އިތުރުން ޓިކްޓޮކްގައި 17 އިންސައްތަ، ޔޫޓިއުބްގައި 5 އިންސައްތަ އަދި އެހެނިހެން ޕްލެޓްފޯމްތަކުގައި 16 އިންސައްތަ ފޮލޯވަރުން ހިއްސާކުރެއެވެ.

ހިއްސާ ކުރައްވާ!