2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ބްރެޒިލްގެ ގައުމީ ޓީމުން ބުދަ ދުވަހު ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގައި އެ ޓީމުގެ ތަރި ނޭމާ ބައިވެރިނުވުމުން، އޭނާގެ ފިޓްނަސްއާ މެދު ސުވާލު އުފެދިއްޖެއެވެ. ފަރިތަކުރުންތަކުގައި ބައިވެރިވުމުގެ ބަދަލުގައި ނޭމާ ދިޔައީ އިތުރު މެޑިކަލް ޗެކަޕްތަކެއް ހެދުމަށެވެ.
ސްޕެއިންގެ ނޫސް އެޖެންސީން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނޭމާ ވަނީ ގައުމީ ޓީމު ކޭމްޕްކޮށްފައިވާ ޓެރެސޯޕޮލިސްގައި ހުންނަ މެޑިކަލް ކްލިނިކަކަށް ޒިޔާރަތްކޮށް "އިތުރު ޓެސްޓުތަކެއް" ހަދާފައެވެ. ނޭމާ ގައުމީ ޓީމުގެ ކޭމްޕަށް އައީ އޭނާގެ ބައެއް ޓީމު މެންބަރުންނާއެކު ހެލިކޮޕްޓަރެއްގައެވެ.
ބްރެޒިލްގެ ފުޓްބޯޅަ ފެޑެރޭޝަނާ ހަވާލާދީ ނޫސްތަކުން ބުނާގޮތުގައި، ނޭމާ ކްލިނިކަށް ގެންދެވުނީ އޭނާގެ ޖިސްމާނީ ހާލަތު ހުރިގޮތް ބަލައި، ކޭމްޕްގެ ފަރިތަކުރުންތައް ފެށުމަށް ފުރިހަމައަށް ތައްޔާރުތޯ ކަށަވަރު ކުރުމަށެވެ. މިއީ ކުޅުންތެރިޔާގެ ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށް ބެލެވެއެވެ.
ނޭމާ މިވަގުތު ހުރީ މިދިޔަ މެއި މަހުގެ 17 ވަނަ ދުވަހު ބްރެޒިލް ލީގުގެ މެޗެއްގައި އޭނާގެ ފައިގެ ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކުން ރަނގަޅުވަމުންނެވެ. އެ އަނިޔާއާ ގުޅިގެން އޭނާ ކުޅުމާ ކުޑަކޮށް ދުރުގައި ހުންނަން ޖެހުނު ނަމަވެސް، އޭނާގެ ކްލަބް ސަންޓޯސްއިން ބުނެފައިވަނީ އެއީ "ކުޑަ އަނިޔާއެއް" ކަމަށެވެ.
ގައުމީ ޓީމުގެ ކޭމްޕާ ނޭމާ ގުޅޭނީ ޖިސްމާނީ ގޮތުން އެންމެ ފުރިހަމަ ހާލަތުގައެވެ. ނަމަވެސް ފުރަތަމަ ފަރިތަކުރުންތަކުން އޭނާ ފެނިގެން ނުދިއުމަކީ ސަޕޯޓަރުންގެ މެދުގައި ކަންބޮޑުވުން އުފެދުނު ކަމެކެވެ.






