ގާޑިއޯލާގެ މުސްތަގުބަލާ ބެހޭގޮތުން އައު މައުލޫމާތުތަކެއް ހާމަވެއްޖެ

މެންޗެސްޓަރ ސިޓީގެ ކާމިޔާބު ކޯޗު ޕެޕް ގާޑިއޯލާ އެ ކްލަބް ދޫކޮށްލުމަށްފަހު ދެން ފެނިގެންދާނީ ކޮން މައިދާނަކުންތޯ ކުރެވޭ ސުވާލުތަކަށް އައު މައުލޫމާތުތަކެއް ލިބިއްޖެއެވެ. އޭނާގެ ގާތް ރަހުމަތްތެރިންނާއެކު ބޭއްވި ޚާއްސަ ބައްދަލުވުމެއްގައި، ކްލަބް ފުޓްބޯޅައިގެ ބަދަލުގައި ބައިނަލްއަގުވާމީ ޓީމަކަށް އިރުޝާދު ދިނުމަށް ޝައުގުވެރިވާކަން ގާޑިއޯލާ ވަނީ ހާމަކޮށްފައެވެ.

ނޫސްވެރިޔާ ޖެކް ގޯގަން ބުނި ގޮތުގައި، ގާޑިއޯލާ ވަނީ މުސްތަގުބަލުގައި އިނގިރޭސި ގައުމީ ޓީމާ ހަވާލުވުމުގެ ބޮޑު ޝައުގުވެރިކަމެއް އޮތްކަން އޭނާގެ ރަހުމަތްތެރިންނަށް ކިޔައިދީފައެވެ. ނަމަވެސް، މި ފުރުސަތު ބިނާވެފައިވަނީ ކުރިއަށް އޮތް އަހަރުތަކުގައި އިނގިރޭސި ޓީމުގެ ހާލަތު އޮންނަ ގޮތެއްގެ މައްޗަށެވެ.

މިވަގުތު އިނގިރޭސި ޓީމުގެ ކޯޗަކަށް ހުރީ ޖަރުމަނުގެ ތޯމަސް ޓުޗެލްއެވެ. އޭނާގެ ކޮންޓްރެކްޓް 2028 ވަނަ އަހަރުގެ ހޫނު މޫސުމާ ހަމައަށް ދެމިއޮތްއިރު، 2026 ގެ ވޯލްޑް ކަޕްގައި ޓީމަށް އިރުޝާދު ދޭނީވެސް އޭނާއެވެ. އެހެންކަމުން، ގާޑިއޯލާއަށް ފުރުސަތު ލިބުން ގުޅިފައިވަނީ ޓުޗެލްގެ ނަތީޖާތަކާއެވެ.

ގާޑިއޯލާ 2016 ވަނަ އަހަރުން ފެށިގެން މެންޗެސްޓަރ ސިޓީގައި މަސައްކަތް ކުރަމުން އަންނައިރު، އޭނާ ބޭނުންވަނީ އިނގިރޭސިވިލާތުގައި ދެމިހުރުމަށެވެ. ބާސެލޯނާގެ ކުރީގެ ކޯޗު މީގެ ކުރިންވެސް ވަނީ ވޯލްޑް ކަޕް ނުވަތަ ޔޫރޯ ފަދަ ބޮޑު މުބާރާތެއްގައި ގައުމީ ޓީމަކަށް އިރުޝާދު ދިނުމުގެ ހުވަފެން ދެކޭކަން ހާމަކޮށްފައެވެ.

އިނގިރޭސި ގައުމީ ޓީމަށް މީގެ ކުރިން ބޭރުގެ ކޯޗުން ކަމަށްވާ ސްވެން ގޯރަން އެރިކްސަން އަދި ފަބިއޯ ކަޕެއްލޯ ވަނީ އިރުޝާދު ދީފައެވެ. ނަމަވެސް، މިހާތަނަށް ސްޕެއިންގެ އެއްވެސް ކޯޗަކު އިނގިރޭސި ޓީމުގެ ހެޑް ކޯޗުގެ މަގާމު އަދާކޮށްފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!