އަންނަ ސީޒަނުގެ ޔޫރަޕްގެ މުބާރާތްތަކުގައި އިނގިރޭސި ވިލާތުގެ 9 ކްލަބެއް ވާދަކުރަނީ

ޔޫރަޕްގެ ފުޓްބޯޅަ މުބާރާތްތަކުގެ އަންނަ ސީޒަނުގައި އިނގިރޭސި ވިލާތުގެ 9 ކްލަބަކުން ބައިވެރިވާނެކަން ކަށަވަރުވެ، އިނގިރޭސި ފުޓްބޯޅައިގެ ބާރު ޔޫރަޕްގައި އަނެއްކާވެސް ގަދަވެއްޖެއެވެ. މިއީ މި ސީޒަނެކޭ އެއްފަދައިން ރެކޯޑް އަދަދެއްގެ ކްލަބުތައް ޔޫރަޕްގެ މައިދާނަށް ނުކުންނަ ފަހަރެކެވެ.

ކްރިސްޓަލް ޕެލަސްއިން ރަޔޯ ވަޔެކާނޯ ބަލިކޮށް ޔޫއެފާ ކޮންފަރެންސް ލީގުގެ ތަށި އުފުލާލުމާއެކު، އެ ޓީމަށް ވަނީ އަންނަ ސީޒަނުގެ ޔޫރަޕާ ލީގުން ޖާގައެއް ކަށަވަރުވެފައެވެ. އިނގިރޭސި ޕްރިމިއާ ލީގުގެ 15 ވަނައިގައި އޮވެ ސީޒަން ނިންމާލި ނަމަވެސް، ކޮންފަރެންސް ލީގުގެ ކާމިޔާބީއާއެކު އެ ޓީމަށް ވަނީ ބޮޑު ކުރިއެރުމެއް ލިބިފައެވެ.

އަންނަ ސީޒަނުގެ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އިނގިރޭސި ވިލާތުން ވާދަކުރާނީ އާސެނަލް، މެންޗެސްޓަރ ސިޓީ، މެންޗެސްޓަރ ޔުނައިޓެޑް، އެސްޓަން ވިލާ އަދި ލިވަޕޫލް އެވެ. ޔޫރަޕާ ލީގުން ޖާގަ ހޯދާފައިވަނީ ބޯންމާތު، ސަންޑަލޭންޑް އަދި ކްރިސްޓަލް ޕެލަސް އެވެ. މީގެ އިތުރުން ބްރައިޓަން ވާދަކުރާނީ ކޮންފަރެންސް ލީގުގައެވެ.

މި ސީޒަނަކީވެސް އިނގިރޭސި ކްލަބުތަކަށް ކާމިޔާބު ސީޒަނެކެވެ. އެސްޓަން ވިލާއިން ޔޫރަޕާ ލީގުގެ ތަށި ކާމިޔާބުކޮށްފައިވާއިރު، މިހާރު ހުރިހާ ސަމާލުކަމެއް ހުއްޓިފައިވަނީ މެއި 30 ގައި ކުޅޭ ޗެމްޕިއަންސް ލީގުގެ ފައިނަލަށެވެ. މި ފައިނަލުގައި އާސެނަލް ނުކުންނާނީ ޕީއެސްޖީއާ ދެކޮޅަށެވެ.

އާސެނަލްގެ އަމާޒަކީ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް، ޔޫރަޕްގެ ފުޓްބޯޅައިގައި އިނގިރޭސި ވިލާތުގެ ފުރިހަމަ ކޮންޓްރޯލް ދެމެހެއްޓުމެވެ. މިއީ އާސެނަލްގެ ތާރީޚުގައިވެސް އެ ޓީމަށް މި ތަށި ހޯދޭނެ ފުރަތަމަ ފަހަރަށް ވުމުން، މިއީ އެ ކްލަބަށް ވަރަށް މުހިންމު ފައިނަލެކެވެ.

ހިއްސާ ކުރައްވާ!