ގްލާސްނާ: މިއީ ކްރިސްޓަލް ޕެލަސްއާއެކު އަހަރެންގެ ފަހު މެޗުކަން ގަބޫލުކުރަން ދަތި

ޔޫއެފާ ކޮންފަރެންސް ލީގުގެ ފައިނަލުގައި ރަޔޯ ވަޔެކާނޯ ބަލިކޮށް ތަށި ހޯދުމަށްފަހު، ކްރިސްޓަލް ޕެލަސްގެ ކޯޗު އޮލީވާ ގްލާސްނާ އޭނާގެ ޝުއޫރުތައް ފާޅުކޮށްފިއެވެ. މިއީ ޕެލަސްގެ ކޯޗެއްގެ ގޮތުގައި ގްލާސްނާ ފެނިގެންދިޔަ ފަހު މެޗެވެ.

ޓީއެންޓީ ސްޕޯޓްސްއަށް ދިން އިންޓަވިއުއެއްގައި ގްލާސްނާ ބުނީ، މެޗު ދިޔައީ އުންމީދުކުރި ގޮތަށް ކަމަށާއި، ކުޅުންތެރިންނަށް މަރުހަބާ ކިޔާ ކަމަށެވެ. "ހާފް ޓައިމަށްފަހު ފެށިގެން އައި 15 މިނެޓުގައި އަހަރެމެން ފެނުނީ ވަރަށް ވަރުގަދަކޮށް. އެ ވަގުތުކޮޅުގެ ތެރޭގައި މޮޅުވި ލަނޑު ޖެހުނުކަން އެއީ ލިބުނު ބޮޑު ކުރިއެރުމެއް،" ގްލާސްނާ ފާހަގަކުރިއެވެ.

މެޗުގެ ފަހު ވަގުތުކޮޅުގައި ޓީމުން ދެއްކި ޑިފެންސިވް ކުޅުމަށް ތައުރީފުކުރަމުން އޭނާ ބުނީ، މިއީ ވަރަށް ފުރިހަމަ ރެއެއް ކަމަށެވެ. އަދި މި ކާމިޔާބީއަކީ ކްލަބުގެ ކުޅުންތެރިންނާއި، ސަޕޯޓަރުން އަދި މުޅި ކްލަބަށްވެސް ހައްގު މިންވަރެއް ކަމަށް އޭނާ ބުންޏެވެ.

ކްލަބުން ވަކިވުމާ ގުޅޭގޮތުން ސުވާލުކުރުމުން އޮސްޓްރިއާގެ ކޯޗު ބުނީ، މިއީ އޭނާގެ ފަހު މެޗުކަން ގަބޫލުކުރަން އަދިވެސް ދަތި ކަމަށެވެ. "އަހަރެން މި ނިންމުން ނިންމައިފިން. މިއީ ކްރިސްޓަލް ޕެލަސްގެ ތާރީޚުގައި ލިޔެވޭނެ ވަރަށް މުހިންމު އަދި ރީތި ބާބެއް. ނަމަވެސް ކުރިއަށް އަދި އިތުރު ބާބުތައް އަންނާނެ،" ގްލާސްނާ ބުންޏެވެ.

ގްލާސްނާ އިތުރަށް ބުނީ، މީގެ ކުރިން އެފްއޭ ކަޕް ކާމިޔާބުކުރުމަށްފަހު ކުޅުންތެރިންނަށް ހައްގުވާ ފަދަ ޔޫރަޕްގެ ތައްޓެއް މިހާރު ކުޅުންތެރިންނަށް ލިބިއްޖެ ކަމަށެވެ. މި ކާމިޔާބީއާއެކު ގްލާސްނާ ޕެލަސްއާ ވަކިވެގެންދަނީ ކްލަބުގެ ތާރީޚުގައި ރަން އަކުރުން ފަވާލެވޭނެ ފަދަ ކާމިޔާބީއެއް ހޯދައިދިނުމަށްފަހުގައެވެ.

ހިއްސާ ކުރައްވާ!