ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އާ ދެކޮޅަށް ކުޅޭ މެޗުން އާސެނަލް މޮޅުވެ، ތަށި އުފުލާލާނެ ކަމަށް އެ ކްލަބުގެ ކުރީގެ ކޯޗު އާސީން ވެންގާ ލަފާކޮށްފިއެވެ. ބުޑަޕެސްޓްގެ ބުޝްކާޝް އެރީނާގައި ކުޅޭ މި ފައިނަލް މެޗުގެ ތިން ދުވަސް ކުރިން ވެންގާ ވަނީ އޭނާގެ ކުރީގެ ޓީމަށް ބޮޑު އިތުބާރެއް އޮތްކަން ހާމަކޮށްފައެވެ.
ވެންގާ ގަބޫލުކުރާ ގޮތުގައި މި މެޗަކީ ދެ ޓީމަށް ވެސް ފުރުސަތު އޮތް ހަމަހަމަ މެޗެކެވެ. ނަމަވެސް އާސެނަލްގެ ތާރީޚުގައި ފުރަތަމަ ފަހަރަށް ޔޫރަޕުގެ އެންމެ ޝަރަފުވެރި ތަށި ހޯދުމުގެ ފުރުސަތު ބޮޑު ކަމަށް އޭނާ ބުންޏެވެ. މީގެ ކުރިން އާސެނަލް ވަނީ ޔޫރަޕުގެ ތިން ފައިނަލަކުން ބަލިވެފައެވެ. އެއީ ޔޫރަޕިއަން ކަޕް ވިނާސް ކަޕްގައި ރެއާލް ސަރަގޯސާ އަތުންނާއި، ޔޫއެފާ ކަޕްގައި ގަލަތަސަރާއި އަތުން އަދި 2006 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގު ފައިނަލްގައި ބާސެލޯނާ އަތުންނެވެ.
ވެންގާ ބުނީ "މި ތަށި އެމިރޭޓްސް ސްޓޭޑިއަމަށް ގެންދަން އަހަރެން ބޭނުންވޭ، ސަބަބަކީ އެއީ ކްލަބަށް މަދުވާ އެއްޗަކަށް ވާތީ. 2006 ވަނަ އަހަރު އަހަރެމެން ތަށީގައި އަތްލާން ވަރަށް ކައިރިވި، މޮޅުވާން އޮތީ އެންމެ 13 މިނެޓު. އެހެންކަމުން މިފަހަރު އެކަން ވާނެ ކަމަށް އުއްމީދު ކުރަން" ކަމަށެވެ.
އޭނާ އިތުރަށް ފާހަގަކުރި ގޮތުގައި އާސެނަލްގެ އެންމެ ބޮޑު ބާރަކީ ބައިކޮޅަށް ލަނޑެއް ވަނަނުދީ ހިފެހެއްޓުމުގެ ގާބިލުކަމެވެ. އަދި ސެޓް ޕީސްތަކުން ލަނޑު ޖެހުމުގެ ހުނަރަކީ ޕީއެސްޖީގެ ވަރުގަދަ އެޓޭކާ ދެކޮޅަށް ތަފާތު ދައްކާނެ ކަމެއް ކަމަށް ވެސް އޭނާ ބުންޏެވެ. ވެންގާ ބުނީ އާސެނަލް މި ސީޒަނުގައި ދައްކަމުންދާ އެއްވަރެއްގެ ކުޅުމަށް ބަލާއިރު، އެ ޓީމަކީ މި ތަށި ހޯދުމަށް ހައްގު ޓީމެއް ކަމަށެވެ.
މިހާރުގެ ކޯޗު މިކޭލް އާޓެޓާއަށް އިރުޝާދު ދެމުން ވެންގާ ބުނީ "އާދަވެގެން ކުރާ ކަންތައްތައް އެގޮތުގައި ބެހެއްޓުމަށާއި ހަމަޖެހިލައިގެން ހުރުމަށް" މަސައްކަތް ކުރުމަށެވެ. އަދި މުޅި ސީޒަނުގައި ޓީމުން ދެއްކި އެކުވެރި ރޫހު ދަމަހައްޓައިފިނަމަ، އެއީ މޮޅުވުމަށް ފުދޭނެ މިންވަރެއް ކަމަށް ވެސް އޭނާ ލަފާކުރިއެވެ.







