ބްރެޒިލްގެ ތަރި ޖީސަސް ވިއްކާލާނެ އަގެއް އާސެނަލްއިން ކަނޑައަޅައިފި

އިނގިރޭސި ޕްރިމިއާ ލީގުގެ ގަދަ ބާރެއް ކަމަށްވާ އާސެނަލްއިން އަންނަ ސީޒަނަށް ތައްޔާރުވުމުގެ ގޮތުން ޓީމުން ދޫކޮށްލާނެ ކުޅުންތެރިންގެ ލިސްޓެއް އެކުލަވާލައި، ބްރެޒިލްގެ ފޯވާޑް ގަބްރިއަލް ޖީސަސް ވިއްކާލާނެ އަގެއް ކަނޑައަޅައިފިއެވެ.

މަޝްހޫރު ކުޅިވަރު ނޫސް އެތުލެޓިކުން ބުރާސްފަތި ދުވަހު ރިޕޯޓްކޮށްފައިވާ ގޮތުގައި، އުމުރުން 29 އަހަރުގެ ޖީސަސް ހޯދުމަށް ގިނަ ކްލަބްތަކަކުން ވަނީ ޝައުގުވެރިކަން ފާޅުކޮށްފައެވެ. އާސެނަލްއާއެކު ހަދާފައިވާ އެއްބަސްވުމުގައި ބާކީ އެއް އަހަރު އޮތް ޖީސަސް ވިއްކާލުމަށް އެ ކްލަބުން ކަނޑައަޅާފައިވަނީ 18 މިލިއަނާއި 20 މިލިއަން ޕައުންޑާ ދެމެދުގެ އަގެކެވެ.

2025-2026 ވަނަ އަހަރުގެ ސީޒަނުގެ ކުރީކޮޅު ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ކުޅުމާ ދުރުގައި ހުރުމަށްފަހު، ޑިސެމްބަރު މަހު އެނބުރި އައިސް ޖީސަސް ވަނީ 27 މެޗުން 6 ލަނޑު ކާމިޔާބުކޮށްފައެވެ. 2022 ވަނަ އަހަރު މެންޗެސްޓާ ސިޓީން އާސެނަލްއާ ގުޅުނު ފަހުން އޭނާ ވަނީ އެ ކްލަބަށް 123 މެޗު ކުޅެދީ 32 ލަނޑު ޖަހައި، 22 އެސިސްޓް ފޯރުކޮށްދީފައެވެ.

މިދިޔަ ޑިސެމްބަރު މަހު ޖީސަސް ބުނެފައިވަނީ އޭނާ ބޭނުންވަނީ އާސެނަލްގައި މަޑުކުރަން ކަމަށާއި، ސަބަބަކީ "މަސައްކަތް އަދި ނުނިމޭ" ކަމަށްވާތީ ކަމަށެވެ. ނަމަވެސް، ކްލަބް ދޫކޮށްލަން ޖެހިއްޖެ ނަމަ އޭނާގެ ކުޑައިރުގެ ކްލަބް ކަމަށްވާ ބްރެޒިލްގެ ޕަލްމެއިރަސްއަށް ބަދަލުވުމުގެ ފުރުސަތު އޮތް ކަމަށްވެސް އޭނާ ވަނީ ފާހަގަކޮށްފައެވެ.

ހިއްސާ ކުރައްވާ!