2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް އެކުލަވާލާ އާޖެންޓީނާގެ ފައިނަލް ސްކޮޑުން، ރެއާލް މެޑްރިޑްގެ ޒުވާން ކުޅުންތެރިޔާ ބާކީވުމުގެ ބިރު ބޮޑުވެއްޖެއެވެ. އާޖެންޓީނާގެ ވެރިރަށް ބުއެނޯސް އައިރީސްގައި ހުންނަ "ލިއޮނަލް މެސީ" ޓްރެއިނިން ކޮމްޕްލެކްސްގައި މިހާރު ކުރިއަށްދާ ކޭމްޕުގައި އޭނާ ބައިވެރިވަމުންދަނީ ޕްރިލިމިނަރީ ސްކޮޑުގައި ހިމެނިގެންނެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ އޭސް އިން ރިޕޯޓްކުރާ ގޮތުގައި، ފަންނީ ސަބަބުތަކަށްޓަކައި މާސްޓަންޓޫނޯ ސްކޮޑުން ބާކީކުރުމުގެ ފުރުސަތު ވަރަށް ބޮޑެވެ. އުމުރުން 18 އަހަރުގެ މި ކުޅުންތެރިޔާ ރިވަރ ޕްލޭޓުން ރެއާލް މެޑްރިޑަށް ބަދަލުވި ފަހުން، އެ ކްލަބުގައި ހޭދަކުރި ފުރަތަމަ ސީޒަނުގައި އޭނާއަށް ވަނީ ގިނަ ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ. އެގޮތުން ރެއާލް މެޑްރިޑަށް ކުޅެދިން 35 މެޗުގައި އޭނާއަށް ކާމިޔާބު ކުރެވުނީ އެންމެ 3 ލަނޑެވެ.
މާސްޓަންޓޫނޯގެ މުސްތަގުބަލާ މެދު އާޖެންޓީނާގެ ފުޓްބޯޅަ އޮފިޝަލުންގެ މެދުގައި ވަނީ ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ. ބައެއް ފަރާތްތަކުން ގަބޫލުކުރާ ގޮތުގައި އޭނާއަކީ އަދި ގައުމީ ސީނިއާ ޓީމުގައި ގަވާއިދުން ކުޅެވޭ ފެންވަރަށް ތައްޔާރުވެފައިވާ ކުޅުންތެރިއެއް ނޫނެވެ. ނަމަވެސް އަނެއް ބަޔަކު ދެކޭ ގޮތުގައި ވޯލްޑް ކަޕް ފަދަ ބޮޑު މުބާރާތެއްގައި އޭނާއަށް ފުރުސަތު ދޭންޖެހެއެވެ.
އާޖެންޓީނާގެ ކޯޗު ލިއޮނަލް ސްކަލޯނީ ވަރަށް އަވަހަށް ފައިނަލް ސްކޮޑު އިއުލާނު ކުރާނެ ކަމަށް ބެލެވެއެވެ. ސްކޮޑު އިއުލާނު ކުރުން ލަސްވަމުންދާ ސަބަބާ ގުޅޭގޮތުން ވާހަކަ ދައްކަމުން 2022 ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު ބުނީ، "އަދިވެސް އަހަރެމެންގެ ހިތުގައި ބައެއް ޝައްކުތައް އެބަހުރި" ކަމަށެވެ.
މާސްޓަންޓޫނޯގެ މައްސަލައިގެ އިތުރުން، އާޖެންޓީނާ ޓީމަށް ކުރިމަތިވެފައިވާ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުޅުންތެރިންގެ އަނިޔާގެ މައްސަލަތަކެވެ. ނަހުއެލް މޮލީނާ، ނިކޯ ގޮންޒާލޭޒް އަދި ގޮންޒާލޯ މޮންޓިއެލް އަށް ވަނީ އަނިޔާގެ ސަބަބުން މުބާރާތް ގެއްލުމުގެ ބިރު ހީވެފައެވެ. މީގެ ތެރެއިން މޮންޓިއެލްގެ ފައިގެ މަސްގަނޑަށް ލިބުނު އަނިޔާއާ ގުޅިގެން މި ތިން ކުޅުންތެރިންވެސް މިހާރު ކުރިއަށް ގެންދަނީ ވަކިވަކި ޚާއްސަ ތަމްރީނުތަކެކެވެ.
ކުރިއަށް އޮތް ވޯލްޑް ކަޕްގައި އާޖެންޓީނާ ހިމެނެނީ ގްރޫޕް ޖޭ ގައެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އަލްޖީރިއާ، ޖޯޑަން އަދި އޮސްޓްރިއާ އެވެ.







