އަނިޔާގެ ސަބަބުން ނޭމާ ވޯލްޑް ކަޕްގެ ފުރަތަމަ މެޗަށް ނުކުޅެވޭނެކަން ކަށަވަރުވެއްޖެ

ބްރެޒިލްގެ ތަރި ނޭމާގެ ކަކުލަށް ލިބިފައިވާ އަނިޔާއަކާ ގުޅިގެން، ކުރިއަށް އޮތް ރަހުމަތްތެރިކަމުގެ މެޗުތަކާއި ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައި އޭނާއަށް ނުކުޅެވޭނެކަން ބްރެޒިލް ފުޓްބޯޅަ ފެޑެރޭޝަން (ސީ.ބީ.އެފް) އިން ކަށަވަރުކޮށްދީފިއެވެ. ބްރެޒިލް ޓީމުގެ ޑޮކްޓަރު ރޮޑްރިގޯ ލަސްމާ ވިދާޅުވި ގޮތުގައި 34 އަހަރުގެ ފޯވާޑް ކުޅުމާ ދުރުގައި މަދުވެގެން ދެ ހަފްތާ ނުވަތަ ތިން ހަފްތާ ހޭދަކުރަން ޖެހޭނެއެވެ.

އެމް.އާރް.އައި ސްކޭންތަކުން ދައްކާ ގޮތުގައި ނޭމާގެ ކަނާތު ފައިގެ ފަލަމަސްގަނޑަށް ވަނީ ގްރޭޑް-2 ގެ އަނިޔާއެއް ލިބިފައެވެ. ޑޮކްޓަރު ލަސްމާ ވިދާޅުވީ، "ނޭމާ ޓީމާ ގުޅުމަށްފަހު ހެދި ޓެސްޓުތަކުން އެނގުނީ މިއީ ހަމައެކަނި ދުޅަވުމެއް ނޫން ކަމާއި، މިއީ މަސްގަނޑަށް ލިބިފައިވާ އަނިޔާއެއް ކަން. އޭނާ ފިޓްވާން ދެ ހަފްތާ ނުވަތަ ތިން ހަފްތާ ނަގާނެ ކަމަށް ބެލެވޭ،" ކަމަށެވެ.

މި އަނިޔާގެ ސަބަބުން އަންނަ އާދީއްތަ ދުވަހު ޕެނަމާއާ ދެކޮޅަށް ކުޅޭ މެޗާއި، މިސްރާ ދެކޮޅަށް ކުޅޭ މެޗުގައިވެސް ނޭމާއަށް ބައިވެރިއެއް ނުވެވޭނެއެވެ. މީގެ އިތުރުން ޖޫން 13 ވަނަ ދުވަހު ނިއު ޖާޒީގައި މޮރޮކޯއާ ދެކޮޅަށް ބްރެޒިލް ކުޅޭ ވޯލްޑް ކަޕްގެ ފުރަތަމަ މެޗުގައިވެސް އޭނާއަށް ނުކުޅެވޭނެކަން މިހާރު ވަނީ ގާތްގަނޑަކަށް ކަށަވަރުވެފައެވެ.

ނޭމާގެ އަނިޔާއާ ގުޅޭގޮތުން އޭނާ މިހާރު ކުޅެމުންދާ ސަންތޯސް ކްލަބުން ކުރިން ބުނެފައިވަނީ އެއީ ކުޑަ ދުޅަވުމެއް ކަމަށާއި، އޭނާ ހުންނާނީ ފިޓްކޮށް ކަމަށެވެ. ނަމަވެސް ގައުމީ ޓީމުގެ މެޑިކަލް ޓީމުން ވަނީ އެއީ މަސްގަނޑު ކުޑަކޮށް ވީދައިގެން ގޮސްފައިވާ އަނިޔާއެއް ކަމަށް ކަނޑައަޅާފައެވެ.

ބްރެޒިލްގެ ކޯޗު ކާލޯ އަންޗެލޮޓީއަށް މިހާރުވެސް ބައެއް މުހިންމު ކުޅުންތެރިން ނުލިބި ހުރި އިރު، ނޭމާގެ މި އަނިޔާއަކީ ޓީމަށް ލިބުނު ބޮޑު ދެރައެކެވެ. އަންޗެލޮޓީ މީގެ ކުރިން ވިދާޅުވެފައިވަނީ ނޭމާއަށް ޓީމުން ޖާގަ ދޭނީ އޭނާގެ ފިޓްނަސްއަށް ބަލާފައި ކަމަށެވެ. ބްރެޒިލް ހިމެނެނީ ހެއިޓީ، ސްކޮޓްލޭންޑް އަދި މޮރޮކޯއާއެކު ގްރޫޕް ސީ ގައެވެ.

ހިއްސާ ކުރައްވާ!