2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވަމުން އަންނައިރު، އާޖެންޓީނާގެ ބާޒާރުތަކުގައި ނަކަލުކޮށްފައިވާ ޖާޒީތަކާއި ކުޅިވަރު ސާމާނުތަކަށް އޮތް ޑިމާންޑް ވަރަށް ބޮޑަށް އިތުރުވެއްޖެއެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ ރީޓެއިލް ވިޔަފާރިވެރިންގެ މެދުގައި ވަނީ ބޮޑު ކަންބޮޑުވުމެއް އުފެދިފައެވެ.
ބުއެނޯސް އައިރެސްގެ ޓްރޭޑް ޗެމްބަރުގެ ރައީސް ފަބިއަން ކާސްޓިއޯ ރޮއިޓާސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާމިޔާބު ކުރުމާ ގުޅިގެން އާޖެންޓީނާގެ ރައްޔިތުން ގައުމީ ޓީމަށް އޮތް ލޯބި އިތުރުވެފައިވާ ކަމަށެވެ. ނަމަވެސް، މިހާރު ބާޒާރުގައި ދައުރުވާ އާޖެންޓީނާ ޖާޒީގެ 70 އިންސައްތައަކީ ނަކަލުކޮށްފައިވާ ނުވަތަ "ފޭކް" ޖާޒީތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މި މައްސަލަ ބޮޑުވެފައިވަނީ އާޖެންޓީނާގެ އިގްތިސާދީ ހާލަތުގެ ސަބަބުން ރައްޔިތުންގެ ގަތުމުގެ ގާބިލްކަން ދަށްވުމުންނެވެ. އެގޮތުން އެޑިޑާސް ކުންފުނިން އުފައްދާ އަސްލު ޖާޒީއެއްގެ އަގު ގާތްގަނޑަކަށް 140 އެމެރިކާ ޑޮލަރަށް އަރާއިރު، ނަކަލުކޮށްފައިވާ ޖާޒީތައް ބާޒާރުގައި ލިބެން ހުރީ ގާތްގަނޑަކަށް 35 ޑޮލަރަށެވެ. މިއީ އަސްލު ޖާޒީގެ އަގުގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ ވެސް ކުޑަ އަދަދެކެވެ.
ނަކަލުކޮށްފައިވާ ތަކެތީގެ ވިޔަފާރި ހަމައެކަނި ޖާޒީއަށް ހުއްޓިފައެއް ނުވެއެވެ. ވޯލްޑް ކަޕާ ގުޅޭ ސްޓިކާ އަލްބަމްތަކާއި އެހެނިހެން ސާމާނުތަކުގެ ފޭކް ކޮޕީތައް ވެސް އިންޓަނެޓް މެދުވެރިކޮށް ހެޔޮ އަގުގައި ދަނީ ވިއްކަމުންނެވެ. މިކަމުގެ ސަބަބުން އެ ގައުމުގެ ފޭރާން އުފައްދާ ސިނާއަތަށް ވެސް ވަނީ ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައެވެ.
އާޖެންޓީނާގެ ގައުމީ ޓީމުން ވޯލްޑް ކަޕް ދިފާއުކުރުމުގެ ދަތުރު ފަށާނީ އަންނަ ޖޫން މަހުގެ 16 ވަނަ ދުވަހު އަލްޖީރިއާއާ ދެކޮޅަށް ކުޅޭ މެޗުންނެވެ. ގްރޫޕް ޖޭގައި އާޖެންޓީނާއާ އެކު ދެން ހިމެނެނީ އުރުދުން އަދި އޮސްޓްރިއާއެވެ.







