އެމެރިކާގެ "ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕޫޓިން ވަނީ މުސްކުޅިވުން ހުއްޓުވުމާއި އުމުރު ދިގުކުރުމުގެ ދިރާސާތަކަކީ ދައުލަތުން އެންމެ ބޮޑަށް އެހީތެރިކަންދޭ އެއް ސައިންޓިފިކް މަޝްރޫ އުކަމަށް ހައްދަވާފައެވެ. އެގޮތުން 26 ބިލިއަން ޑޮލަރުގެ މި މަޝްރޫއުގެ ދަށުން ޖީން ތެރަޕީތައް ތަރައްގީކުރުމާއި، ހަށިގަނޑުގެ މުހިންމު ގުނަވަންތައް ތްރީ-ޑީ ކޮށް ޕްރިންޓްކުރުމާއި، އަދި ޖަނަވާރުންގެ ހަށިގަނޑުގައި ގުނަވަންތައް އާލާކޮށްގެން އިންސާނުންނަށް ބަދަލުކުރުމުގެ ޓެކްނޮލޮޖީތައް ހިމެނެއެވެ.
އެ ނޫހުން ބުނި ގޮތުގައި ރަޝިޔާގެ މި މަޝްރޫއު ކުރިއަށްގެންދަނީ ޕޫޓިންއާ ވަރަށް އަރިސް ދެ ބޭފުޅެކެވެ.
އެއީ އެންޑަކްރިނޮލޮޖީ (އެތެރެހަށީގެ ގްލޭންޑްތަކާ ބެހޭ އިލްމު) ގެ މާހިރެއް އަދި ސަރުކާރުގެ އެހީގައި ހިންގާ ޖީން ޕްރޮގްރާމްތައް ބަލަހައްޓަވާ އޭނާގެ ދަރިކަނބަލުން މާރިއާ ވޮރޮންޓްސޯވާއާއި، ކުރުޗަޓޯވް ނިއުކްލިއާ ރިސާޗް އިންސްޓިޓިއުޓްގެ ރައީސް، ފިޒިކްސްސްޓް މިޚައިލް ކޮވަލްޗުކް އެވެ.
ޕޫޓިންގެ އެންމެ އަރިސް އެކުވެރިޔާ ޔޫރީ ކޮވަލްޗުކްގެ ބޭބެ، މިޚައިލް ކޮވަލްޗުކް ވެފައިވަނީ ރަޝިޔާގެ މި އުމުރު ދިގުކުރުމުގެ މަޝްރޫއުގެ ފަހަތުގައި ހުރި އެންމެ މުހިންމު ސިކުނޑިއަށެވެ. އޭނާ ވަނީ ސައިންސްގެ އެހީގައި އިންސާނުންނަށް އެމީހުންގެ ހަށިގަނޑުގެ ބައިތައް މެދުނުކެނޑި މަރާމާތުކޮށް ބަދަލުކުރެވޭނެ ދުވަސް މާ ދުރުނޫން ކަމަށް ބުނެ ވަކާލާތުކޮށްފައެވެ.
"އަބަދަށް ދިރިހުރުމާ ބެހޭގޮތުން ވާހަކަދެއްކުން އުނދަގޫ، އެކަމަކު އިންސާނާއަށް އޭނާގެ ހަށިގަނޑު އަމިއްލައަށް މަރާމާތުކުރުމުގެ ގާބިލްކަން އިތުރުވާނެކަމާމެދު އެއްވެސް ޝައްކެއް ނެތް." އޭނާ ރަޝިޔާގެ މީޑިއާތަކަށް ބުންޏެވެ.
ސިލިކަން ވެލީގެ ބައެއް ބިލިއަނަރުން ކަމަށްވާ ޖެފް ބޭޒޯސް، ސޭމް އަލްޓްމަން އަދި ޕީޓާ ތީލް ފަދައިން، ޕޫޓިން ވެސް މުސްކުޅިވުން ހުއްޓުވުމުގެ ދިރާސާތަކަށް އަބަދުވެސް ޝައުގުވެރިކަން ބަހައްޓަވައެވެ. ނަމަވެސް ބޭޒޯސްއާއި އަލްޓްމަން ފަންޑުކުރާ ދިރާސާތަކާ ހިލާފަށް، ރަޝިޔާގެ ރައީސްގެ އަރިސް ބޭފުޅުން ކުރިއަރުވާ މި މަސައްކަތްތަކުން ބައިނަލްއަގުވާމީ ސައިންޓިފިކް މަޖައްލާތަކުގައި މާގިނަ ދިރާސާތަކެއް ޝާއިއުކުރެވިފައި ނުވާކަމަށް "ވޯލް ސްޓްރީޓް ޖާނަލް" އިން ފާހަގަކުރެއެވެ.
ޓިޝޫ ޕްރިންޓްކުރުމާއި އެއް ދިރުމަކުން އަނެއް ދިރުމަކަށް ގުނަވަން ބަދަލުކުރުން
މުސްކުޅިވުމުގެ އަސަރުތަކާ ދެކޮޅަށް ޕޫޓިން ކުރައްވާ މަސައްކަތް މިހާރު ރަޝިޔާގައި ވަނީ ދައުލަތުގެ އެންމެ އިސް ސިޔާސަތަކަށް ހަދާފައެވެ. މީގެ ތެރޭގައި ގުނަވަންތައް ޕްރިންޓްކުރުމާއި، ކުދި އޫރު ބޭނުންކުރުމާއި، އަދި އިންތިހާއަށް ފިނި ހޫނުމިނަށް ހަށިގަނޑު ހުށަހެޅުން ފަދަ ތަފާތު ވަސީލަތްތައް ހިމެނެއެވެ.
ސަރުކާރުގެ ޕްރޮގްރާމްތަކުގައި މަސައްކަތްކުރާ ރަޝިޔާގެ ސައިންސްވެރިން މައިގަނޑު ގޮތެއްގައި ސަމާލުކަން ދެނީ ދެ ޓެކްނޮލޮޖީއަކަށެވެ. އެއީ "ބަޔޯ-ޕްރިންޓިންގް" (ދިރޭ ޓިޝޫތައް 3ޑީ ކޮށް ޕްރިންޓްކުރުން) އަދި "ޒެނޯޓްރާންސްޕްލާންޓޭޝަން" (އިންސާނުންނާ ޖެނެޓިކްގޮތުން އެއްގޮތްކަމަށް ބެލެވޭ ކުދި އޫރުގެ ހަށިގަނޑުގައި އިންސާނުންގެ ގުނަވަންތައް އާލާކުރުން) އެވެ.
ރަޝިޔާގެ ސައިންސްވެރިން ބުނާ ގޮތުގައި، އެމީހުން މިހާރުވެސް ވަނީ އިންސާނާގެ މަޑުކަށި ޓިޝޫއަކާއި މީދަލެއްގެ ތައިރޮއިޑް ގްލޭންޑެއް ކާމިޔާބުކަމާއެކު ޕްރިންޓްކޮށްފައެވެ. އަދި 2030 ވަނަ އަހަރުގެ ކުރިން އިންސާނާގެ ފުރިހަމަ ގުނަވަންތައް ބަދަލުކުރެވޭނެ ފެންވަރަށް މިކަން ތަރައްގީކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ. އޫރުގެ ހަށިގަނޑުގައި ގުނަވަން އާލާކުރުމަށްވެސް ކަނޑައަޅާފައިވަނީ މިފަދަ ތާރީޚެކެވެ.
ކްރެމްލިންގެ ޕްރެސް އޮފީހުން ކަށަވަރުކޮށްދީފައިވާ ގޮތުގައި: "މި ދާއިރާއިން ރަޝިޔާގައި ސައިންޓިފިކް ގިނަ ޕްރޮގްރާމްތަކެއް ދަނީ ހިންގަމުންނެވެ. މި މަޝްރޫއުތަކަށް ދައުލަތުގެ އެހީތެރިކަން ލިބެއެވެ. އަދި ސައިންޓިފިކް އަދި ރިސާޗް ގިނަ މުއައްސަސާތަކެއް މީގައި ބައިވެރިވެއެވެ."
މިދިޔަ އޭޕްރީލް މަހު ރަޝިޔާ ސަރުކާރުން އިއުލާންކުރި ގޮތުގައި، ސެލްތައް މުސްކުޅިވުން ލަސްކޮށްދޭ ޖީން ތެރަޕީއެއް އެގައުމުގެ ސައިންސްވެރިން ދަނީ އުފައްދަމުންނެވެ. މިއީ އުމުރު ދިގުކުރުމަށްޓަކައި ޕޫޓިން ފެއްޓެވި 26 ބިލިއަން ޑޮލަރުގެ "ސިއްހަތު ރައްކާތެރިކުރުމަށް އާ ޓެކްނޮލޮޖީތައް" މަޝްރޫއުގެ ބައެކެވެ.
ރަޝިޔާގެ ސައިންސާ ބެހޭ ނައިބު ވަޒީރު ޑެނިސް ސެކިރިންސްކީ އޭޕްރީލް 23 ގައި ވިދާޅުވީ، މި ފަރުވާއަކީ "މުސްކުޅިވުމާ ދެކޮޅަށް ކުރެވޭ މަސައްކަތުގައި އެންމެ އުންމީދީ އެއް މަގު" ކަމަށެވެ.
މީގެ އިތުރުން ފަހުން ބަދަލުކުރުމަށްޓަކައި ލެބޯޓްރީތަކުގައި އިންސާނާގެ ގުނަވަންތައް އުފެއްދުންވެސް މި މަޝްރޫއުގައި ހިމެނެއެވެ. މިއީ ޗައިނާގެ ރައީސް ޝީ ޖިންޕިންގްއާ ބައްދަލުކުރެއްވި ދުވަހު ޕޫޓިން ދެއްކެވި އެއް ވާހަކަފުޅެވެ. 2024 ގައި ފެށި މި ޕްރޮގްރާމްގެ އަމާޒަކީ މި ހިނގާ ދިހަ އަހަރު ނިމުމުގެ ކުރިން 175,000 އެއްހާ މީހުންގެ ފުރާނަ ސަލާމަތްކުރުމެވެ.
މިދިޔަ ސެޕްޓެމްބަރު މަހު ބެއިޖިންގްގައި ޕޫޓިންއާއި ޝީ ޖިންޕިންގް ދެއްކެވި އަމިއްލަ ވާހަކަފުޅެއް، ހުޅުވިފައި ހުރި މައިކްރޯފޯނަކަށް ވަނީ އަޑުއިވިފައެވެ. އެއީ ގުނަވަން ބަދަލުކުރުމާ ބެހޭގޮތުންނާއި އިންސާނުންނަށް 150 އަހަރަށް ދިރިއުޅެވިދާނެ ކަމާ ބެހޭގޮތުން ދެކެވުނު ވާހަކަތަކެކެވެ.
އުންމީދުތަކެއްތޯ ނުވަތަ ހުވަފެންތަކެއްތޯ؟
"ސައިންޓިފިކް ޝާއިއުކުރުންތަކެއް ނެތްނަމަ، ހަގީގީ ނަތީޖާއެއް ނެތް. އެހެންކަމުން މި ބަޔާންތަކަކީ ހަމައެކަނި އުންމީދުތަކެއް ނުވަތަ ހުވަފެންތަކެއްގެ ގޮތުގައި ބެލެވިދާނެ." ރަޝިޔާގައި ބަޔޯ-ޕްރިންޓިންގްގެ ދާއިރާގައި ފާހަގަކޮށްލެވޭ ސައިންސްވެރިއެއް ކަމަށްވާ އެލެގްޒެންޑަރ އޮސްޓްރޯވްސްކީ ބުންޏެވެ.
އޮސްޓްރޯވްސްކީ ވަނީ ޔޫކްރެއިން ހަނގުރާމަ ފެށުމާއެކު ރަޝިޔާ ދޫކޮށް ގޮސްފައެވެ. އަދި ސަރުކާރާއެކު މަސައްކަތްކުރި އޭނާގެ ކުންފުނި ވެސް ވަނީ ވިއްކާލާފައެވެ. "އެކަހެރިވެގެން ސައިންސްގެ މަސައްކަތް ކުރުމަކީ މުސްތަހީލު ކަމެއް. ފަހަރުގައި އެމީހުން ޕޫޓިން އަޑުއަހަން ބޭނުންވާ ކަހަލަ ވާހަކަތައް ދައްކަނީ ފަންޑިންގް (ފައިސާ) ހޯދަންވެގެން ކަމަށް ވެދާނެ." ހުޅަނގުން ރަޝިޔާއާ ސައިންޓިފިކް ގުޅުންތައް ކަނޑާލާފައިވާ އޮތުމަށް އިޝާރާތްކުރަމުން އޭނާ ބުންޏެވެ.
މި މަޝްރޫއު ހިންގާ ފިޒިކްސްސްޓް ކޮވަލްޗުކް، އުމުރު ދިގުކުރުމުގެ ދިރާސާތައް ގުޅުވާފައިވަނީ ހުޅަނގާ ދެކޮޅަށް ކްރެމްލިންއިން ގެންގުޅޭ ހަޟާރާތުގެ ހަނގުރާމައިގެ ތަސައްވުރާއެވެ. 2015 ވަނަ އަހަރު ދެއްކެވި ބަހުސް ބޮޑު ތަގުރީރެއްގައި އޭނާ އިންޒާރު ދެއްވީ، ހުޅަނގުން ދަނީ އެމީހުން ބޭނުންގޮތަކަށް ކޮންޓްރޯލްކުރެވޭނެ، އަދި އާލާވުމާއި އަމިއްލަ ވިސްނުން ގުޑުވާލެވޭނެ ފަދަ "ޚާދިމް އިންސާނުން" އުފައްދަން މަސައްކަތް ކުރަމުން ކަމަށެވެ.
ކޮވަލްޗުކް ވަނީ 1968 ގައި ނިކުތް ސޯވިއެޓް ފިލްމެއް ކަމަށްވާ "ޑެޑް ސީޒަން" އަށް ތައުރީފުކޮށްފައެވެ. އެ ފިލްމުން ދައްކުވައިދެނީ އިންސާނިއްޔަތު ކޮންޓްރޯލްކުރުމަށް އެމެރިކާގެ ސީއައިއޭ އާއި ނާޒީންގެ ކުރީގެ ޑޮކްޓަރުން ގުޅިގެން ރާވާ ރޭވުމެކެވެ. ޕޫޓިން މީގެ ކުރިން ވިދާޅުވެފައިވަނީ ސޯވިއެޓްގެ ޖާސޫސީ އިދާރާ އާ ގުޅުމަށް އޭނާއަށް ހިތްވަރު ލިބުނީ މި ފިލްމުން ކަމަށެވެ.
މިކަމުގައި ނުފޫޒުގަދަ އަނެއް ބޭފުޅަކީ، ރަޝިޔާގެ މީޑިއާން "ޕޫޓިންގެ މުސްކުޅިންގެ ބަލިތަކަށް ހާއްސަ ޑޮކްޓަރު ގެ ގޮތުގައި ސިފަކުރާ ލަޑީމިއަރ ޚާވިންސަން އެވެ.
އޭނާގެ ބޭސްވެރިކަމުގެ ކާމިޔާބީތަކަށްޓަކައި ޕޫޓިންގެ އަތްޕުޅުން ރަޝިޔާގެ އެންމެ މަތީ އެއް ޝަރަފު ހޯއްދަވާފައިވާ ޚާވިންސަން މީގެ ކުރިން ބުނެފައިވަނީ، އޭނާ މަސައްކަތް ކުރަނީ ވެރިއަކު ވަކިވެގެންދިއުމުން ރަޝިޔާއަށް ބޮޑު ނުތަނަވަސްކަމެއް އަތުވެދާނެ ފަދަ ލީޑަރެއްގެ އުމުރު ދިގުކޮށްދިނުމަށް ކަމަށެވެ. އަދި ދީނީ ފޮތްތަކަށް ބަލާއިރު އިންސާނާގެ ގަވާއިދުން އުޅެވޭނެ އުމުރަކީ 120 އަހަރު ކަމަށްވެސް އޭނާ ގަބޫލުކުރެއެވެ.
މި ދެ ބޭފުޅުންގެ ބައެއް ވިސްނުންތައް އާދަޔާ ހިލާފު ނަމަވެސް، ޚާވިންސަންއާއި ކޮވަލްޗުކްއަކީ ސައިންޓިފިކް ވަރުގަދަ ބެކްގްރައުންޑެއް (ތައުލީމެއް) އޮތް ދެމީހުންނެވެ. އެކަމަކު ސައިންސްގެ ގޮތުން ސާބިތުނުވާ ބައެއް ކަންކަމަށްވެސް ޕޫޓިން ޝައުގުވެރިކަން ބަހައްޓަވައެވެ.
އެގޮތުން 2018 ވަނަ އަހަރު ކްރެމްލިންގައި ބޭއްވުނު ބައްދަލުވުމެއްގައި، އޭރުގެ އޮސްޓްރިއާގެ ޗާންސެލަރ ސެބަސްޓިއަން ކުރުޒްއަށް ޕޫޓިން ވަނީ "ކްރަޔޯތެރަޕީ ރޫމް" ބޭނުންކުރުމަށް ލަފާދެއްވާފައެވެ. މިއީ މައިނަސް 170 ޑިގްރީ ފެރެންހައިޓަށް ފިނިހޫނުމިން ދަށްކޮށްފައި ހުންނަ ސައުނާއެއް ކަހަލަ ތަނެކެވެ. ކުރުޒް ފަހުން ކިޔައިދިން ގޮތުގައި، އެ ފިނި ކޮޓަރީގައި ހުސްގަޔާ ގަވާއިދުން ހުރުމުން ލިބޭ ފައިދާތައް ޕޫޓިން ކިޔައިދެއްވިއިރު ހުންނެވި ފޯރި ފެނިފައި އޭނާ ހައިރާންވިއެވެ.
މިހާރު އުމުރުން 73 އަހަރުގެ ޕޫޓިން ވަނީ، ހުސްގަޔާ ހުރެ ޝިކާރަކުރުމާއި، ހޮކީ ކުޅުމާއި، އަދި ކަޅު ކޮމްޕްރެޝަން ހެދުމުގައި ހާލީ ޑޭވިޑްސަން ސައިކަލު ދުއްވުން ފަދަ ކަންކަމުން، އޭނާއަކީ ޖިސްމާނީ ގޮތުން ވަރުގަދަ، މުސްކުޅިނުވާ ލީޑަރެއްގެ ސޫރަ ދެއްކެވުމަށް އެތައް އަހަރެއް ހޭދަކުރައްވާފައެވެ.
ޕޫޓިންގެ އަރިސް ގިނަ އެހީތެރިންނާއި ބޭފުޅުންގެ އުމުރު މިހާރު ހުރީ 70 އަހަރުން މަތީގައެވެ. މީގެ ތެރޭގައި ކޮވަލްޗުކްގެ އާއިލާގެ މެންބަރުންނާއި، ޔޫރީ އުޝަކޯވް، ސަރްގޭ ޗެމެޒޯވް އަދި ނިކޮލާއި ޕަޓްރޫޝެވް ފަދަ ނުފޫޒުގަދަ ބޭފުޅުން ހިމެނެއެވެ.
ޕޫޓިން މުސްކުޅިވުމާ ދެކޮޅަށް ކުރައްވާ މަސައްކަތަކީ ރަޝިޔާގެ ކުރީގެ ވެރިންގެ ކިބައިންވެސް ފެނިފައިވާ ބައު އާދައެކެވެ. 1920 ގެ އަހަރުތަކުގައި ސޯވިއެޓްގެ ސައިންސްވެރިޔާ އެލެގްޒެންޑަރ ބޮގްދާނޮވް، ޒުވާންކަން އަނބުރާ ހޯދުމަށްޓަކައި ލޭ ބަދަލުކުރުމަށް ކުރި ތަޖުރިބާތަކަށް ކްރެމްލިންގެ ބޮޑު ސަމާލުކަމެއް ލިބުނެވެ. ނަމަވެސް އޭނާ މަރުވީ އެފަދަ ތަޖުރިބާއެއްގެ ތެރެއިން އުމުރުން އެންމެ 55 އަހަރުގައެވެ.
މި ހުރިހާ ކަމެއް މިހެން ހުރިއިރުވެސް، ރަޝިޔާއަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ތެރެއިން މަރުވާ ރޭޓު އެންމެ މަތީ އެއް ގައުމެވެ. އެގައުމުގައި ފިރިހެނުންގެ އެވްރެޖް އުމުރަކީ 68 އަހަރެވެ. އެއީ އެމެރިކާގައި 76 އަހަރު އަދި ހުޅަނގު ޔޫރަޕްގެ ބޮޑު ބައެއްގައި 80 އަހަރަށްވުރެ މަތީގައި އުޅޭ މިންވަރާ އަޅާބަލާއިރު ވަރަށް ދަށް އަދަދެކެވެ.







