ޒަޕޮރީޝިއާ ނިއުކްލިއަރ ޕްލާންޓްގެ ސަރަޙައްދަށް ޑްރޯނަކުން ހަމަލަދީފި

ޔުކްރޭންގެ "ޒަޕޮރީޝިއާ" ނިއުކްލިއަރ ޕްލާންޓްގެ ޓަރބައިން އިމާރާތަކަށް ޑްރޯން ހަމަލާއެއް އަމާޒުވެފައިވާކަމަށް އެ ޕްލާންޓްގެ މެނޭޖްމަންޓުން އަންގާފައިވާކަމަށް އިންޓަނޭޝަނަލް އެޓޮމިކް އެނަރޖީ އޭޖެންސީ (އައި.އޭ.އީ.އޭ) އިން ބުނެފިއެވެ. މި ހަމަލާގެ ސަބަބުން އިމާރާތުގެ ފާރެއްގައި ބާގަނޑެއް ހެދިފައިވާއިރު، އައި.އޭ.އީ.އޭ އިން ފާހަގަކުރި ގޮތުގައި މިއީ އޭޕްރީލް 2024 ގެ ފަހުން އެ ޕްލާންޓްގެ މައި ސަރަޙައްދަށް ދިން މިފަދަ ފުރަތަމަ ހަމަލާއެވެ.

އައި.އޭ.އީ.އޭގެ ޑިރެކްޓަރ ޖެނެރަލް ރަފައެލް ގްރޮސީ ވަނީ މި ހާދިސާއާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ގްރޮސީ ވިދާޅުވި ގޮތުގައި "ނިއުކްލިއަރ މަރުކަޒުތަކަށް ހަމަލާދިނުމަކީ އަލިފާނާ ކުޅުން ފަދަ ކަމެކެވެ." އަދި މި ހަމަލާއަކީ ހަމަނުޖެހުންތަކުގެ ވަގުތުގައި ނިއުކްލިއަރ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަނޑައަޅާފައިވާ އަސާސީ މިންގަނޑުތަކަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.

ޕްލާންޓްގައި ހަރަކާތްތެރިވާ އައި.އޭ.އީ.އޭގެ ޓީމުން، ގެއްލުން ލިބުނު ޓަރބައިން އިމާރާތަށް ގޮސް އެތަން އަމަލީގޮތުން ބެލުމުގެ ހުއްދައަކަށް މިހާރު ވަނީ އެދިފައެވެ. އެ ޓީމަށް ހާދިސާ ހިނގި ސަރަޙައްދަށް ވަނުމުގެ ހުއްދަ ލިބުމާއެކު، އިތުރު ތަފްސީލުތައް ހާމަކުރާނެކަމުގެ ޔަގީންކަން އެ އެޖެންސީން ދިނެވެ.

މިއީ ފާއިތުވި މަސްތަކުގެ ތެރޭގައި މި ޕްލާންޓަށް އަމާޒުވި ފުރަތަމަ ހަމަލާއެއް ނޫނެވެ. ޕްލާންޓާ ގުޅުންހުރި އެހެން ބައެއް އިމާރާތްތަކުގެ ވަށައިގެންވާ ސަރަޙައްދުތަކަށް މީގެ ކުރިން ޑްރޯން ހަމަލާތައް ދީފައިވެއެވެ. ނަމަވެސް އެންމެ ފަހުގެ މި ހަމަލާއަކީ މައި ޕްލާންޓްގެ އެތެރެއަށް ދިން ފުރަތަމަ ހަމަލާއެވެ.

ޔުކްރޭން ހަނގުރާމަ ފެށުމާ ގުޅިގެން، ހަމަނުޖެހުންތަކުގެ ވަގުތުގައި ނިއުކްލިއަރ ރައްކާތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކުރުމަށް ގްރޮސީ ވަނީ "އަސާސީ 7 ކަމެއް" އިއުލާނުކުރައްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  • ނިއުކްލިއަރ މަރުކަޒުތަކާއި ސަލާމަތީ ނިޒާމުތައް ރައްކާތެރިކުރުން.
  • ކަރަންޓާއި މުވާސަލާތީ ޚިދުތްތަކުގެ އިތުރުން ސަޕްލައި ޗެއިންތައް މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުން.
  • މަސައްކަތްތެރިންނަށް އެއްވެސް ފިއްތުމަކާ ނުލައި އެމީހުންގެ ވާޖިބުތައް އަދާކުރުމުގެ ފުރުސަތު ދިނުން.

ހަމައެހެންމެ، 2023 ވަނަ އަހަރު އދ. ގެ ސަލާމަތީ މަޖިލީހުގައި ގްރޮސީ ވަނީ ޒަޕޮރީޝިއާ ނިއުކްލިއަރ ޕްލާންޓް ހިމާޔަތްކުރުމަށް "5 އުސޫލެއް" ވެސް ހުށަހަޅުއްވާފައެވެ. މީގެ ތެރޭގައި އެންމެ މުހިންމު ކަންތައްތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ޕްލާންޓުން ނުވަތަ ޕްލާންޓަށް އެއްވެސް ހަމަލާއެއް ނުދިނުމާއި، ނިއުކްލިއަރ ރައްކާތެރިކަމަށް ނުރައްކާވެދާނެ ފަދަ އަސްކަރީ އެއްވެސް ބޭނުމަކަށް އެ މަރުކަޒު ބޭނުންނުކުރުމެވެ.

ޒަޕޮރީޝިއާ ޕްލާންޓާ ގުޅޭ މުހިންމު މަޢުލޫމާތު

  • 2022 ވަނަ އަހަރުގެ މާޗް މަހުގެ ކުރީކޮޅު، ޔުކްރޭންގެ އިރުދެކުނުގައި އޮންނަ މި ޕްލާންޓް ވަނީ ރަޝިއާ ސިފައިންގެ ކޮންޓްރޯލްގެ ދަށަށް ގެނެސްފައެވެ.
  • އައި.އޭ.އީ.އޭ އިން މައުލޫމާތު ދޭގޮތުގައި މިއީ ޔޫރަޕްގައި ހުރި އެންމެ ބޮޑު ނިއުކްލިއަރ ޕްލާންޓެވެ. އެތަނުގައި ހިމެނޭ 6 ރިއެކްޓަރުން 6,000 މެގަވޮޓް ގެ ކަރަންޓު އުފައްދައެވެ. މިއީ ޔުކްރޭނަށް ބޭނުންވާ ޖުމްލަ ހަކަތައިގެ ގާތްގަނޑަކަށް ފަސްބައިކުޅަ އެއްބައެވެ.
  • ސޯވިއެޓް ފަރުމާއަކަށް ހަދާފައިވާ 6 ރިއެކްޓަރު ހިމެނޭ މި ޕްލާންޓުން 4 މިލިއަނަށްވުރެ ގިނަ ގޭބިސީއަށް ކަރަންޓު ފޯރުކޮށްދެއެވެ.
ހިއްސާ ކުރައްވާ!