ޕެރިސް ސެންޓް ޖާމަން (ޕީއެސްޖީ) އަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ތަށި ދިފާޢުކޮށްދީ، ކޯޗެއްގެ ގޮތުގައި ލުއިސް އެންރީކޭ އޭނާގެ ތިންވަނަ ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފިއެވެ. ހޮނިހިރު ދުވަހުގެ ރޭ ކުޅުނު ފައިނަލްގައި ޕީއެސްޖީން ތަށި ދިފާޢުކުރީ ޕެނަލްޓީ ޖަހައިގެން އާސެނަލްގެ މައްޗަށް ކުރިހޯދައިގެންނެވެ.
ސްޕެއިންގެ ކުޅަދާނަ ކޯޗު، ޗެމްޕިއަންސް ލީގުގެ ބޮޑު ތަށި އެންމެ ފުރަތަމަ އުފުލާލީ 2015 ވަނަ އަހަރު ބާސެލޯނާ އާއެކުގައެވެ. އޭގެ ފަހުން ޕީއެސްޖީއާއެކު އޭނާ ވަނީ 2025 އަދި 2026 ގައި މި ކާމިޔާބީ ތަކުރާރުކޮށްފައެވެ.
މި ތާރީޚީ ކާމިޔާބީއާއެކު، އެންރީކޭ ވަނީ ޗެމްޕިއަންސް ލީގު 3 ފަހަރު ކާމިޔާބުކޮށްފައިވާ ދުނިޔޭގެ އެންމެ މޮޅު ކޯޗުންގެ ލިސްޓުގައި ހިމެނިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- ޒައިނުއްދީން ޒިދާން: ރެއާލް މެޑްރިޑާއެކު ވިދިވިދިގެން 3 ފަހަރު ތަށި ކާމިޔާބުކުރި.
- ޕެޕް ގާޑިއޯލާ: ބާސެލޯނާއާއެކު 2 ފަހަރު، އަދި މެންޗެސްޓަރ ސިޓީއާއެކު 1 ފަހަރު ތަށި ކާމިޔާބުކުރި.
- ބޮބް ޕޭސްލީ: ލިވަޕޫލާއެކު 3 ފަހަރު ތަށި ކާމިޔާބުކުރި.
ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ކޯޗެއްގެ ގޮތުގައި އެންމެ ގިނަ ފަހަރު ތަށި އުފުލާލުމުގެ ރެކޯޑު އަދިވެސް އޮތީ އިޓަލީގެ ތަޖުރިބާކާރު ކޯޗު ކާލޯ އަންޗެލޮޓީ ގެ އަތުގައެވެ. އޭނާ ވަނީ ޖުމްލަ 5 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައެވެ. އެއީ ރެއާލް މެޑްރިޑާއެކު 3 ފަހަރު އަދި އޭސީ މިލާނާއެކު 2 ފަހަރެވެ.
2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ގަދަ 16 އިން ލުއިސް އެންރީކޭ ކަޓައިގެން ދިޔައީ މޮރޮކޯއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޝޫޓްއައުޓުން ބަލިވުމުންނެވެ. މިއީ ސްޕެއިންގެ ޤައުމީ ޓީމުގެ ކޯޗެއްގެ ގޮތުގައި އޭނާ އިރުޝާދުދިން އެންމެ ފަހު މެޗެވެ.
ސްޕެއިންގެ ޓީމަށް ސާޖިއޯ ބުސްކެޓްސް، ކާލޯސް ސޮލެއަރ އަދި ޕަބްލޯ ސަރާބިއާ ޖެހި ޕެނަލްޓީތައް ވަނީ ނާކާމިޔާބުވެފައެވެ. މިއާއެކު "އެޓްލަސް ލަޔަންސް" (މޮރޮކޯ) ވަނީ 3 ޕެނަލްޓީ ކާމިޔާބުކޮށްގެން މުބާރާތުގެ ކުރިއަށް ދަތުރުކޮށްފައެވެ. މީގެ ތެރެއިން ފުރަތަމަ ޕެނަލްޓީ ކާމިޔާބުކުރީ އަޝްރަފް ހަކީމީ އެވެ.
އާސެނަލްއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޖަހައިގެން ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާއެކު، އެންރީކޭ ވަނީ އޭނާއަށް ކުރިން ދިމާވި ހިތާމަވެރި ހަނދާން އާކޮށް، އެކަމަށް އޭނާގެ ފައިދާއަށް ބަހަނާއެއް ދައްކާފައެވެ.
ޔޫރަޕްގެ ތަށި ކާމިޔާބުކުރުމަށްފަހު ސްޕެއިންގެ ކޯޗު ބުންޏެވެ:
"ސްޕެއިންއާއެކު މޮރޮކޯއާ ދެކޮޅަށް ކުޅެ ޕެނަލްޓީ ޝޫޓްއައުޓުން އަހަރެން ބަލިވިން. އަދި އެކަމާ ގުޅިގެން ވަރަށް ބޮޑަށް ފާޑުކިޔުންތައް އަމާޒުވި."
"މިކަން ބަރޯސާވަނީ ކުޅުންތެރިންނާއި ގޯލްކީޕަރުންގެ ފެންވަރުގެ މައްޗަށް. ޕެނަލްޓީ ޝޫޓްއައުޓަކުން އާސެނަލްގެ ކުޅުމެއްވެސް ނުވަތަ އަހަރެމެންގެ ކުޅުމެއްވެސް ބަދަލެއް ނުކުރޭ."






