ޕީއެސްޖީން ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާ ގުޅިގެން ޕެރިސްގައި ހަމަނުޖެހުން ހިންގައި ގިނަ ބަޔަކު ހައްޔަރުކޮށްފި

ވިދިވިދިގެން ދެވަނަ ފަހަރަށް ޕެރިސް ސެންޓް ޖާމަން (ޕީއެސްޖީ) އިން ޔުއެފާ ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާ ގުޅިގެން، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން އެ ޓީމަށް މަރުޙަބާ ވިދާޅުވެއްޖެއެވެ. ބުޑަޕެސްޓްގައި ކުޅުނު ފައިނަލް މެޗުގެ ފުރިހަމަ ވަގުތާއި އިތުރު ވަގުތު ކުޅެ ނިމުނުއިރު 1-1 އިން އެއްވަރުވެފައި އޮތުމުން، ފްރާންސްގެ ޗެމްޕިއަނުން އާސެނަލްގެ މައްޗަށް ކުރިހޯދީ 4-3 އިން ޕެނަލްޓީ ކާމިޔާބުކޮށްގެންނެވެ.

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މެކްރޮން ވިދާޅުވީ:

"އާ ތަރިއެއް ޕެރިސް އަލިކޮށްދީފި! މުޅި ޔޫރަޕް ހުވަފެން ދެކޭފަދަ ކާމިޔާބީއެއް ހޯދި ޕީއެސްޖީއަށް މަރުޙަބާ. ފްރާންސް އޮތީ ފަޚުރުވެރިވެފައި."

ހަންގޭރީގެ ވެރިރަށުން ޓީމު އެނބުރި ޤައުމަށް އައުމާއެކު، މިދިޔަ އަހަރެކޭ އެއްފަދައިން ކުޅުންތެރިންނާއެކު އުފާފާޅުކުރުމަށް ރައީސް މެކްރޮން ޓީމާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

ފައިނަލް މެޗުން ޕީއެސްޖީ މޮޅުވުމާ ގުޅިގެން، އުފާފާޅުކުރުމަށް ޕެރިސްގެ އެކި ސަރަޙައްދުތަކަށް އެއްވި މީހުން ކޮންޓްރޯލް ކުރުމަށް ފުލުހުން ވަނީ އެތައް ހާސް އޮފިސަރުންނެއް ނެރެފައެވެ. އަދި ހަމަނުޖެހުންތައް ހުއްޓުވުމަށް ކަރުނަ ގޭސް ބޭނުންކޮށް، އެތައް ބަޔަކު ވަނީ ހައްޔަރުކޮށްފައެވެ.

ހުޅަނގު ޕެރިސްގައި ހުންނަ ޕީއެސްޖީގެ ސްޓޭޑިއަމް (ޕާކް ޑެ ޕްރިންސް) ކައިރީގައި ބަހައްޓާފައި ހުރި ބޮޑެތި ސްކްރީންތަކުން 40,000 އަށްވުރެ ގިނަ މީހުން މެޗު ބަލަމުން ދިޔައެވެ. މެޗަށްފަހު އެ ސަރަޙައްދުގައި ބޮޑެތި ކުރިމަތިލުންތަކެއް ހިނގައި، އޭގެ ވީޑިއޯތައް ވަނީ އާންމުވެފައެވެ. ބައެއް ސަޕޯޓަރުން ވަނީ މަގުމަތީގައި އަލިފާން ރޯކޮށް، ފުލުހުންނާ ކުރިމަތިލައި، ފުލުހުންގެ މަރުކަޒަކަށްވެސް ޙަމަލާދީފައެވެ.

ފުލުހުންގެ ރިޕޯޓުތަކުން ދައްކާގޮތުގައި:

  • ހަމަނުޖެހުންތަކާ ގުޅިގެން 131 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.
  • ފުލުހަކަށް އަނިޔާވެފައިވެއެވެ.
  • 6 ކާރަކަށާއި 2 ފިހާރައަކަ ބޮޑެތި ގެއްލުންތަކެއް ދީފައިވެއެވެ.
  • ސަލާމަތީ ކަންކަން ބެލެހެއްޓުމަށް މުޅި ޕެރިސްއަށް ޖުމްލަ 22,000 ފުލުހުން ނެރުނެވެ.

މިދިޔަ އަހަރު އިންޓަ މިލާން ބަލިކޮށް ޕީއެސްޖީން ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމާ ގުޅިގެން ހިނގި ހަމަނުޖެހުންތަކުގައި 2 މީހަކު މަރުވެ ގާތްގަނޑަކަށް 200 މީހުންނަށް އަނިޔާވެފައިވާކަން ފާހަގަކޮށްލެވެއެވެ.

ހިއްސާ ކުރައްވާ!