ވޯލްޑް ކަޕަށް ތައްޔާރުވުމަށް ކުޅުނު މެޗުގައި ޖޯޑަން އާ ދެކޮޅަށް ސްވިޒަލޭންޑުން ބޮޑު މޮޅެއް ހޯދައިފި،

2026 ވަނަ އަހަރުގެ ވޯލްޑް ކަޕަށް ތައްޔާރުވުމުގެ ގޮތުން ކުޅުނު އެކުވެރިކަމުގެ މެޗުގައި 4-1 އިން ޖޯޑަންގެ މައްޗަށް ސްވިޒަލޭންޑް ކުރިހޯދައިފިއެވެ. އަމިއްލަ ގައުމުގައި ކުޅުނު ސްވިޒަލޭންޑުން ވަނީ މި މެޗުގެ ފުރަތަމަ ހާފުގައި 3 ގޯލު ޖަހާފައެވެ.

ސްވިޒަލޭންޑްގެ ގޯލުތަކުގެ ތެރެއިން ދެ ގޯލަކީ ބްރީލް އެމްބޯލޯ އަދި ގްރޭނިޓް ޝާކާ ޕެނަލްޓީން ކާމިޔާބުކުރި ދެ ގޯލެވެ. މީގެ އިތުރުން އެމްބޯލޯ ތަނަވަސްކޮށްދިން ފުރުސަތަކުން ޑޭން އެންޑޯޔޭ ވެސް ވަނީ ގޯލެއް ޖަހާފައެވެ.

މެޗުގެ ދެވަނަ ހާފުގައި ޖޯޑަން އަށް ނަތީޖާގެ ފަރަގު ކުޑަކޮށްދިނީ މިޞްރުގެ ޕިރަމިޑްސް ކްލަބަށް ކުޅެމުން އަންނަ އުމުރުން 20 އަހަރުގެ ވިންގަރ އައުދާ އަލްފާޚޫރީއެވެ. މިއީ ޖޯޑަން އިން ވޯލްޑް ކަޕްގައި ވާދަކުރާ ފުރަތަމަ ފަހަރެވެ.

ސްވިޒަލޭންޑްގެ ހަތަރުވަނަ ގޯލު މެޗު ނިމެން 11 މިނެޓަށް ވެފައި ވަނިކޮށް، ޖޯޑަންގެ ޑިފެންސަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކާމިޔާބުކޮށްދިނީ ކްރިސްޓިއަން ފަސްނާކްޓް އެވެ.

ބޯކޮށް ވާރޭވެހުމުގެ ސަބަބުން މި މެޗު ވަނީ ފުރިހަމަ ވަގުތު ހަމަވުމުގެ ދެ މިނެޓު ކުރިން ނިންމާލާފައެވެ.

ވޯލްޑް ކަޕްގައި ޖޯޑަން ވާދަކުރާނީ އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާ އާއި އަލްޖީރިއާ އަދި އޮސްޓްރިއާއާއެކު އެއް ގްރޫޕެއްގައެވެ. އަނެއްކޮޅުން ސްވިޒަލޭންޑް ހިމެނެނީ ގަތަރު، ކެނެޑާ އަދި ބޮސްނިއާ ހަރޒެގޮވީނާއާ އެކު އެއް ގްރޫޕެއްގައެވެ.

ހިއްސާ ކުރައްވާ!