އުމުރުން 40 އަހަރުގައި އިނގިރޭސި ފުޓްބޯޅަ ތަރި ޖޭމްސް މިލްނާ ކުޅުން ހުއްޓާލައިފި

ލިވަޕޫލް އަދި މެންޗެސްޓަރ ސިޓީގެ ކުރީގެ މަގޫބުލު ކުޅުންތެރިޔާ ޖޭމްސް މިލްނާ، އުމުރުން 40 އަހަރުގައި ފުޓްބޯޅަ ކުޅުން ދާއިމީކޮށް ހުއްޓާލިކަން ރަސްމީކޮށް އިޢުލާން ކޮށްފިއެވެ.

މިލްނާ އޭނާގެ ފުޓްބޯޅަ ކެރިއަރު ފެށީ ލީޑްސް ޔުނއިޓެޑުންނެވެ. އޭގެފަހުން އޭނާ ވަނީ އިނގިރޭސި ޕްރިމިއަރ ލީގުގެ މަޝްހޫރު އެތައް ކްލަބްތަކަކަށް ކުޅެފައެވެ. އޭގެ ތެރޭގައި:

  • ނިއުކާސަލް ޔުނައިޓެޑް
  • އެސްޓަން ވިލާ
  • މެންޗެސްޓަރ ސިޓީ
  • ލިވަޕޫލް
  • ބްރައިޓަން އެންޑް ހޯވް އަލްބިއަން (އެންމެ ފަހުން ކުޅުނު ކްލަބް)

މިލްނާ ކުޅުން ހުއްޓާލިކަން ހާމަކޮށް އޭނާގެ ރަސްމީ އިންސްޓަގްރާމް އެކައުންޓުގައި ލިޔެފައިވާ މެސެޖުގައި ބުނެފައިވެއެވެ:

"އިނގިރޭސި ލީގުގައި 24 ސީޒަން ހޭދަކުރުމަށްފަހު، އަހަރެންގެ ފުޓްބޯޅަ ކެރިއަރު ނިންމާލަންވީ ވަގުތު ޖެހިއްޖެ ކަމަށް އަހަރެން ގަބޫލުކުރަން. އަހަރެން ކުޑައިރުއްސުރެ ސަޕޯޓްކުރި ލީޑްސް ޔުނައިޓެޑުން ފުރަތަމަ ފަހަރަށް ފެނުނު ދުވަހުން ފެށިގެން، އަދِ އުމުރުން އެންމެ 16 އަހަރުގައި އިނގިރޭސި ޕްރِމިއަރ ލީގުގެ އެންމެ ޒުވާން ލަނޑުޖެހުންތެރިޔާގެ ޝަރަފް ހޯދުމާ ހަމައަށް، އަހަރެން ކުރި މި ދަތުރަކީ ދުވަހަކުވެސް ހުވަފެނުންވެސް ދުށް ދަތުރެއް ނޫން. ވޭތުވެދިޔަ އަހަރު އަހަރެންގެ ފައި ހިއްލާނުލެވޭ ވަރަށް ބަލިވި ހާލަތުން، އަލުން އެނބުރި އައިސް ޓީމުގެ ބައެއްގެ ގޮތުގައި ހިމެނުމާ ހަމައަށް ކުރެވުނު ދަތުރަކީ އަގުނުކުރެވޭނެ ފަދަ ދަތުރެއް."

އޭނާ އިތުރަށް ބުނެފައިވަނީ މިއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށާއި، އޭނާ ކުޅުނު ކޮންމެ ކްލަބަކީވެސް އޭނާގެ ދިރިއުޅުމާއި ކެރިއަރުގައި މުހިންމު ދައުރެއް އަދާކުރި ކްލަބެއް ކަމަށެވެ. އަދި މިކަމުގައި އެހީތެވެދިން ކްލަބްތަކުގެ ވެރިންނަށާއި، ސްޓާފުންނަށާއި، ކޯޗުންނަށާއި، ޓީމުގެ ކުޅުންތެރިންގެ އިތުރުން ސަޕޯޓަރުންނަށް އޭނާ ޝުކުރު އަދާކުރިއެވެ.

މިލްނާގެ މެސެޖު ނިންމާލަމުން އޭނާ ވަނީ ކެރިއަރުގައި ހާސިލުކުރެވުނު މުހިންމު ކަންކަމަށް އަލިއަޅުއްވާލާފައެވެ:

  • ރެލިގޭޝަނުން ސަލާމަތްވުމަށް ކުރި ހިތްވަރުގަދަ މަސައްކަތްތަކުން ފެށިގެން، ބޮޑެތި މުބާރާތްތަކުގެ ތަށިތައް އުފުލާލުމާ ހަމައަށް ގިނަ ކާމިޔާބީތަކެއް ހޯދުން.
  • ޔޫރަޕްގެ ބޮޑެތި މުބާރާތްތަކުގައި ކުޅުމުގެ އިތުރުން އިނގިރޭސި ގައުމީ ޓީމު ތަމްސީލުކޮށް، ޔޫރަޕިއަން ޗެމްޕިއަންޝިޕްގެ ދެ މުބާރާތާއި ދެ ވޯލްޑް ކަޕްގައި ވާދަކުރުން.
  • ކެރިއަރުގެ ތެރެއިން ލިބުނު އެންމެ ބޮޑު ހަދިޔާއަކީ އުފެދުނު ގާތް އެކުވެރިކަމާއި ރައްޓެހިން ކަމުގައި ފާހަގަކުރުން.

"ސަޕޯޓަރުންނަށް ޝުކުރިއްޔާ. ކޮންމެ ފިޔަވަޅެއްގައި އަހަންނަށް ސަޕޯޓްކުރި އެންމެންނަށް ޝުކުރު އަދާކުރަން، ތިޔަބޭފުޅުންގެ ހިތްވަރުދިނުމަކީ ބަޔާންކުރަންދަތި ބޮޑު ބާރެއް. މި ދަތުރަކީ ދުވަހަކުވެސް ހަނދާނުން ނައްތާނުލެވޭނެ ދަތުރަކަށް ހެދުމުގައްޔާއި، ކުޅުންތެރިއެއްގެ ގޮތުންނާއި އިންސާނެއްގެ ގޮތުން އަހަރެންގެ ޝަޚުޞިއްޔަތު ބައްޓަންކުރުމުގައި ތިޔަ ހުރިހާ ފަރާތްތަކެއްގެ ދައުރު ބޮޑު،" މިލްނާގެ މެސެޖު ނިންމާލަމުން ލިޔެފައިވެއެވެ.

ހިއްސާ ކުރައްވާ!