ޕެރިސް ސެއިންޓް ޖާމަން (ޕީއެސްޖީ) އަށް ކުޅެމުންދާ އުންމީދީ ޒުވާން ކުޅުންތެރިޔާ ދުރޫ ފެރްނާންޑޭޒް، ވަރަށް މަދު މެޗުތަކެއްގައި ފެނިގެންދިޔަ ނަމަވެސް، ދެ ތަފާތު ކްލަބަކާއެކު 4 ބޮޑު ތަށި ކާމިޔާބުކޮށް 2025-2026 ގެ ސީޒަން ޚާއްޞަ ގޮތަކަށް ނިންމާލައިފިއެވެ.
އުމުރުން 18 އަހަރުގެ ދުރޫ މިދިޔަ ސީޒަން ފެށީ ބާސެލޯނާގެ ކުޅުންތެރިއެއްގެ ގޮތުގައެވެ. ނަމަވެސް، މިދިޔަ ޖެނުއަރީ މަހު އޭނާ ވަނީ 8.2 މިލިއަން ޔޫރޯ (ގާތްގަނޑަކަށް 8.9 މިލިއަން ޑޮލަރު) ގެ ޓްރާންސްފާ ފީއަކަށް ޕީއެސްޖީއަށް ބަދަލުވެފައެވެ. އޭނާ ވަނީ ސްޕެނިޝް ލީގުގައި ބާސެލޯނާއަށް 4 މެޗު ކުޅެދީފައެވެ. އެއީ އެލްޗޭ، އެތުލެޓިކް ބިލްބާއޯ އަދި އެތުލެޓިކޯ މެޑްރިޑާ ދެކޮޅަށެވެ. މީގެ އިތުރުން ޗެމްޕިއަންސް ލީގުގެ ލީގު ފޭސްގެ ތިންވަނަ މެޗުގައި އޮލިމްޕިއާކޯސްއާ ދެކޮޅަށްވެސް 1 މެޗު ކުޅުނެވެ.
ބާސެލޯނާގެ ލީގު މެޗުތަކުގައި ދުރޫ ކުޅެފައިވަނީ ޖުމްލަ 89 މިނެޓެވެ. އަދި ޔޫރަޕްގެ މުބާރާތުގައި 59 މިނެޓެވެ. ސްޕެނިޝް ސުޕަރ ކަޕްގައި އެތުލެޓިކް ބިލްބާއޯ އަދި ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ ކުޅުނު ދެ މެޗުން ކުރެ އެއްވެސް މެޗެއްގައި އޭނާ ކުޅެފައެއް ނުވެއެވެ. ނަމަވެސް، ސައޫދީ ޢަރަބިއްޔާއަށް ދިޔަ ބާސެލޯނާގެ ސްކޮޑުގައި ހިމެނި، ބެންޗުގައި އޭނާ އިނދެފައިވެއެވެ.
ސްޕެއިންގެ "މާކާ" ނޫހުން ރިޕޯޓުކޮށްފައިވާ ގޮތުގައި، ބާސެލޯނާގެ ޖަރުމަނު ކޮޗް ހަންސީ ފްލިކް ދުރޫއަށް ވަރަށް ބޮޑަށް އިތުބާރުކުރިއެވެ. އަދި ރަސްމީ 19 މެޗަކަށް އޭނާ ސްކޮޑަށް ނެގިއެވެ. އެހެންކަމުން، ޕީއެސްޖީއާއެކު އާ ދަތުރެއް ފެށުމަށް ދުރޫ ބާސެލޯނާ ދޫކޮށްލަން ނިންމުމުން ކޮޗް ހިތާމަކުރި އެވެ.
26 ޖެނުއަރީ 2026 ގައި ޕީއެސްޖީއަށް ބަދަލުވުމަށްފަހު ދުރޫއަށް ކުޅޭނެ ގިނަ މިނެޓުތަކެއް ލިބުނެވެ. ކޮޗް ލުއިސް އެންރީކޭ ވަނީ ފްރެންޗް ލީގުގެ 12 މެޗެއްގައި އޭނާ ބޭނުންކޮށްފައެވެ. އެއީ ޖުމްލަ 682 މިނެޓެވެ.
ނަމަވެސް، ޗެމްޕިއަންސް ލީގުގައި އޭނާގެ ހާލަތަށް މާބޮޑު ބަދަލެއް ނާދެއެވެ. ޕީއެސްޖީއަށް އޭނާ ކުޅެދިނީ އެންމެ މެޗެކެވެ. އެއީ ނޮކްއައުޓް ބުރުގެ ދެވަނަ ލެގުގައި މޮނާކޯއާ ދެކޮޅަށެވެ. އެ މެޗުގައި އޭނާއަށް ކުޅެން ލިބުނީ އެންމެ 3 މިނެޓެވެ.
ނިމިގެންދިޔަ ސީޒަނުގައި ދުރޫ ދަނޑުމަތީގައި ހޭދަކުރި ޖުމްލަ ވަގުތަކީ 833 މިނެޓެވެ. ނަމަވެސް އެންމެ މުހިންމު ކަމަކީ، އޭނާގެ ފުރަތަމަ ޕްރޮފެޝަނަލް ސީޒަނުގައި 4 ބޮޑު ތަށި ކާމިޔާބުކޮށްފައިވުމެވެ.





