ރަޝިޔާގެ ސަރުކާރުގެ އިސް އޮފިޝަލުންނާއި ބޭރު ގައުމުތަކުގައި ތިއްބަވާ އެ ގައުމުގެ ސަފީރުންގެ ފޯނުތައް، ހުޅަނގުގެ ޖާސޫސީ އިދާރާތަކުން ހެކްކޮށްގެން ސިއްރު މައުލޫމާތުތަކެއް ވަގަށް ނަގަމުންދާ ކަމަށް ބުނެ ރަޝިޔާއިން ބޮޑު ތުހުމަތެއް ކޮށްފިއެވެ.
ރަޝިޔާގެ ގައުމީ ސަލާމަތާ ބެހޭ ޚިދުމަތުން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހެކްކުރުންތައް ކުރިއަށް ގެންގޮސްފައިވަނީ ފޯނުތަކުގެ ސޮފްޓްވެއާގައި ހުންނަ، އަދި އެ އުފައްދާ ކުންފުންޏަށްވެސް ނޭނގޭ ފަދަ ނާޒުކު ހީނަރުކަމެއްގެ ބޭނުން ހިފައިގެންނެވެ. މީގެ ސަބަބުން ފޯނުތަކުގެ ވެރިން ދައްކާ ހުރިހާ ވާހަކަތަކެއް ރެކޯޑުކުރުމާއި، އެ ފޯނުތަކުގައި ހުންނަ ގިނަ އަދަދެއްގެ ސިއްރު މައުލޫމާތުތައް ހޯދުމުގެ ފުރުސަތު ބޭރުގެ ޖާސޫސީ އިދާރާތަކަށް ވަނީ ލިބިފައެވެ.
މި މައްސަލައިގެ ތަހުގީގުތައް ފެށުނީ 2023ވަނަ އަހަރު ރަޝިޔާގެ ސައިބާ ސަލާމަތާ ބެހޭ ކުންފުންޏަކުން، އެޕަލް ފޯނުތަކެއްގެ ތެރެއިން އާދަޔާ ޚިލާފު ކަންތައްތަކެއް ފާހަގަކުރެވުމާ ގުޅިގެންނެވެ.
ރަޝިޔާއިން ތުހުމަތުކުރާ ގޮތުގައި، އެމެރިކާއިން ދަނީ ޓެކްނޮލޮޖީ ކުންފުނިތަކާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ސިއްރުތައް ހޯދުމަށް ފުޅާ ދާއިރާއެއްގައި ޖާސޫސީ މަސައްކަތްތައް ކުރަމުންނެވެ. އަދި މިގޮތަށް އެއްކުރާ މައުލޫމާތުތައް ދިރާސާކުރުމަށްޓަކައި، ޒަމާނީ އާޓިފިޝަލް އިންޓެލިޖެންސް ލިބިގެންވާ ޓެކްނޮލޮޖީގެ ބޭނުން އެމެރިކާއިން ހިފަމުންދާ ކަމަށްވެސް ރަޝިޔާއިން ބުނެއެވެ.
މި ހެކްކުރުންތަކުގައި އެންމެ ބޮޑަށް އަމާޒުވެފައިވަނީ އެޕަލް ކުންފުނީގެ އައިފޯންތަކަށް ކަމަށް ރަޝިޔާގެ ސަލާމަތީ ބާރުތަކުން ހާމަކުރެއެވެ. އެގޮތުން ރަޝިޔާގައި ހުންނަ ބޭރު ގައުމުތަކުގެ އެމްބަސީތަކުގެ މުވައްޒަފުންގެ ފޯނުތަކާއެކު، އެތައް ހާސް ފޯނެއް މި ބޭނުމަށް ހެކްކޮށްފައިވާ ކަމަށް ބެލެވެއެވެ. ނަމަވެސް، އެޕަލް ކުންފުނިން މިކަމާ ދެކޮޅު ހަދައި ބުނެފައިވަނީ، އެމެރިކާގެ އެއްވެސް ޖާސޫސީ އިދާރާއަކަށް އެ ކުންފުނީގެ އުފެއްދުންތަކުން ސިއްރު މައުލޫމާތު ހޯދުމުގެ ފުރުސަތެއް ދީފައި ނުވާނެ ކަމަށެވެ.
މި މައްސަލައާ ގުޅިގެން ރަޝިޔާގެ ސަރުކާރުގެ މަތީ ފަންތީގެ ބޭފުޅުން ވިދާޅުވަނީ، ކުންފުނިތަކުން ކިތަންމެ ވަރަކަށް ދެކޮޅު ހެދި ނަމަވެސް، އެ ގައުމެއްގެ ޖާސޫސީ އިދާރާތަކަށް އެއްބާރުލުން ނުދީ އެއްވެސް ބޮޑު ކުންފުންޏަކަށް ބާޒާރުގައި ދެމިއޮތުމަކީ ނާދިރު ކަމެއް ކަމަށެވެ. އެހެންކަމުން ކޮންމެ ފޯނެއް ބޭނުންކުރި ނަމަވެސް، އޭގެ ސަލާމަތީ ރައްކާތެރިކަމާ މެދު އަބަދުވެސް ވިސްނަންޖެހޭނެ ކަމަށް ރަޝިޔާއިން ބުނެއެވެ.
މި ނުރައްކާތަކާ ހުރެ، ރަޝިޔާގެ ރައީސްގެ އޮފީހުގެ ހުރިހާ މުވައްޒަފުންނަށް، ރަސްމީ އެއްވެސް މަސައްކަތެއްގައި އައިފޯން ބޭނުންކުރުން މިހާރު ވަނީ މުޅިން މަނާކޮށްފައެވެ.







