ފާއިތުވި ދިހަވަރަކަށް އަހަރުގެ ތެރޭގައި ދުނިޔެއަށް ކުރިމަތިވާނެ އެންމެ ވަރުގަދަ އަދި އެންމެ ނުރައްކާތެރި މޫސުމީ ބަދަލު ކަމަށްވާ "އެލް ނީނޯ" އަށް ތައްޔާރުވުމަށް އދން ދުނިޔޭގެ ޤައުމުތަކަށް އިންޒާރެއް ފޮނުވައިފިއެވެ. އދ. ގެ މޫސުމާ ބެހޭ އިދާރާ، ވޯލްޑް މީޓިއޮރޮލޮޖިކަލް އޯގަނައިޒޭޝަން (ޑަބްލިޔު.އެމް.އޯ) އިން ނެރުނު ރިޕޯޓެއްގައި ބުނެފައިވަނީ، ޕެސިފިކް ކަނޑުގެ ފިނިހޫނުމިނަށް އަންނަ ބަދަލުތަކުގެ ސަބަބުން އުފެދޭ މި މޫސުމީ ކާރިސާގެ ސަބަބުން ދުނިޔޭގެ އެކި ކޮޅުތަކަށް އާދަޔާޚިލާފަށް ހޫނުގަދަވުމާއި، ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވުން ފަދަ ނުރައްކާތެރި ޙާދިސާތައް ކުރިމަތިވާނެ ކަމަށެވެ.
ޑަބްލިޔު.އެމް.އޯ ގެ ސައިންސްވެރިން އަންދާޒާކުރާ ގޮތުގައި، މިފަހަރު އަންނަ އެލް ނީނިއޯގެ ސަބަބުން ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ރެކޯޑް މިންވަރަކަށް މަތި ވެގެން ދާނެއެވެ. އަދި މީގެ ސަބަބުން ދަނޑުވެރިކަމަށް ބޮޑެތި ގެއްލުންތަކެއްވެ، ބައެއް ޤައުމުތަކުގައި ކާބޯތަކެތީގެ ދަތިކަން ކުރިމަތިވުމުގެ ފުރުޞަތު ބޮޑުވާނެވެ. ޚާއްޞަކޮށް އެފްރިކާ، އޭޝިއާ އަދި މެދުތެރޭ އެމެރިކާގެ ޤައުމުތަކަށް މިކަމުގެ ނޭދެވޭ އަސަރު ވަރަށް ބޮޑަށް ކުރާނެ ކަމަށް އދ. އިން ބުނެއެވެ.
އދ. އިން ވަނީ ދުނިޔޭގެ ޤައުމުތަކުގެ ސަރުކާރުތަކުން މިކަމަށް ދުރާލައި ތައްޔާރުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަގުތުން އެޅުމަށް ގޮވާލާފައެވެ. އޭގެ ތެރޭގައި ފެން ރައްކާކުރުމުގެ ނިޒާމުތައް ވަރުގަދަކުރުމާއި، ކުއްލި ކާރިސާތަކުގައި ބޭނުންކުރާނެ ކާބޯތަކެތީގެ ރިޒާވް ބެލެހެއްޓުމާއި، އަދި ސިއްޙީ ނިޒާމުތައް ތައްޔާރީ ޙާލަތަކަށް ގެނައުން ހިމެނެއެވެ.
މޫސުމީ މާހިރުން ހާމަކުރާ ގޮތުގައި، ދުނިޔެ ހޫނުވުމުގެ މައްސަލަ ކުރިމަތިވެފައިވާ މި ދަނޑިވަޅެއްގައި، އެލް ނީނޯފަދަ ވަރުގަދަ މޫސުމީ ބަދަލެއް އައުމަކީ ކުރިން ލަފާކުރެވޭ ވަރަށްވުރެ މާ ނުރައްކާތެރި ގެއްލުންތަކެއް މުޅި އިންސާނިއްޔަތަށް ލިބިދާނެ ކަމެކެވެ.




