މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ރާއްޖޭގައި ކުރިއަށްގެންދާ ޚާއްޞަ މަޝްރޫޢެއް ކަމަށްވާ "ޓްރެކްޓް" މަޝްރޫޢާ ގުޅޭގޮތުން، ޤައުމީ ޚިދުމަތްތައް ފޯރުކޮށްދޭ ފަރާތްތަކާއެކު ބާއްވާ ތަޢާރަފީ ފަންނީ ބައްދަލުވުންތަކުގެ ސިލްސިލާ ފަށައިފިއެވެ.
މި ސިލްސިލާގެ އެންމެ ފުރަތަމަ ބައްދަލުވުން މޯލްޑިވިއަން ރެޑް ކްރެސެންޓް (އެމްއާރްސީ) އާއެކު ބާއްވާފައިވާއިރު، މޫސުމާ ބެހޭ ވުޒާރާއިން ހާމަކުރި ގޮތުގައި މި މަޝްވަރާތަކުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަޝްރޫޢު ތަންފީޛުކުރުމަށް ހަމަޖެހިފައިވާ މުހިންމު ދާއިރާތަކަށެވެ. އަދި ކުއްލި ޙާލަތްތަކުގައި އާންމުންގެ ފުރާނަ ސަލާމަތްކުރުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުމާއި، ދެ ފަރާތް ގުޅިގެން މަސައްކަތްކުރެވިދާނެ ސްޓްރެޓެޖީތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ޚިޔާލު ބަދަލުކުރެވުނެވެ.
ގްރީން ކްލައިމެޓް ފަންޑުގެ މާލީ އެހީތެރިކަމާއެކު ކުރިއަށްގެންދާ މި މަޝްރޫޢަކީ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓްރީ އާއި ޔޫއެންއީޕީ ގުޅިގެން ހިންގާ އިސްނެގުމެކެވެ. މި މަޝްރޫޢުގެ މައިގަނޑު މަޤްޞަދަކީ ދުނިޔެއަށް އަދި ވަކިން ޚާއްޞަކޮށް ޖަޒީރާ ޤައުމުތަކަށް ކުރިމަތިވަމުންދާ މޫސުމީ ގޮންޖެހުންތަކުން އަރައިގަތުމަށް ޤައުމީ ފެންވަރުގައި ހުރި ޤާބިލުކަން އިތުރުކުރުމެވެ.
ކަމާބެހޭ މުއައްސަސާތަކާއި މަދަނީ ޖަމްޢިއްޔާތައް ގުޅިގެން ހަރުދަނާ ނިޒާމެއްގެ ތެރެއިން ޚިދުމަތްތައް ފޯރުކޮށްދިނުމަށް ރާވާފައިވާ މި މަޝްރޫޢު ކާމިޔާބުކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި، ކުރިއަށް އޮތް ތަނުގައިވެސް އިތުރު ފަންނީ މަޝްވަރާތައް ބެއްޔުމަށް ވަނީ ހަމަޖެހިފައެވެ. މި މަސްރަޙުގައި ކަމާގުޅުންހުރި ފަރާތްތަކުން ދަނީ މި މަޝްރޫޢަށް ފުރިހަމައަށް އެއްބާރުލުން ދެމުންނެވެ.







