ހޫނުގަދަވުން: ހުޅަނގުގެ ސިޔާސަތުތަކުގެ ސަބަބުން މުޅި ދުނިޔެ ނުރައްކަލެއްގައި

ވިލާތުގެ އިއްތިޙާދުގެ ކޮޕަރނިކަސް މޫސުމީ ބަދަލުތަކާ ބެހޭ އިދާރާއިން ބުދަ ދުވަހު ހާމަކުރި ގޮތުގައި، މި އަހަރުގެ މޭ މަހު ދުނިޔޭގެ ފިނިހޫނުމިން ވަނީ ތާރީޚުގައިވެސް ދެވަނައަށް އެންމެ މަތީ މިންވަރަކަށް ރެކޯޑު ކުރެވިފައެވެ. މިއީ ހުޅަނގުގެ ސިނާޢީ އިންޤިލާބަށްފަހު އުފެދުނު މޫސުމީ ބަދަލުތަކާއި އެލް ނީނިއޯގެ ނޭދެވޭ އަސަރުތަކުގެ ސަބަބުން ކަނޑާއި އެއްގަމުގެ ހޫނުމިން އިންތިހާއަށް މަތިވުމުގެ ނަތީޖާއެވެ.

މިދިޔަ މޭ މަހުގެ ދުނިޔޭގެ އެވްރެޖް ފިނިހޫނުމިން ހުރީ ސިނާޢީ އިންޤިލާބުގެ ކުރީގެ 19 ވަނަ ޤަރުނުގެ އެވްރެޖަށްވުރެ 1.42 ޑިގްރީ ސެލްސިއަސް މަތީގައެވެ.

ފިނިހޫނުމިނުގެ އަޅާކިޔުމެއް އަދި ރެކޯޑުތައް

  • 2024 ގެ ރެކޯޑު: 1940 ވަނަ އަހަރުން ފެށިގެން މޫސުމީ ހިސާބުތައް ބަލަހައްޓަން ފެށިފަހުން، އެންމެ ހޫނުގަދަ މޭ މަހެއްގެ ގޮތުގައި ރެކޯޑު ކުރެވިފައިވަނީ 2024 ވަނަ އަހަރުގެ މޭ މަހުއެވެ. ނަމަވެސް މި އަހަރުގެ މޭ މަސް ވަނީ އެ ރެކޯޑާ ދާދި ގާތްކޮށް ދެވަނައަށް އެންމެ ހޫނު މަހުގެ ގޮތުގައި ހިމެނިފައެވެ.

  • ހުޅަނގުގެ ނާޒުކުކަން: މި އަހަރުގެ ކުރީކޮޅު ހުޅަނގު ވިލާތަށް ވަނީ ތާރީޚުގައިވެސް ނުދެކޭފަދަ ވަރުގަދަ ހޫނުގެ ރާޅެއް ކުރިމަތިވެފައެވެ. ސައިންސްވެރިން ހާމަކުރާ ގޮތުގައި ދުނިޔޭގެ އެހެން ބައްރުތަކަށްވުރެ މާ ހަލުވިކަމާއެކު ވިލާތުގެ ބައްރުގެ ހޫނުމިން ދަނީ މަތިވަމުންނެވެ. މިއީ އެ ސަރަޙައްދުގެ ޤައުމުތަކުން މޫސުމަށް ދޭންޖެހޭ ސަމާލުކަން ނުދިނުމުގެ ސަބަބުން ދިމާވި ކަމެކެވެ.

އެލް ނީނިއޯ އަދި ނުރައްކާތެރި މޫސުން

ޕެސިފިކް ކަނޑުގެ ބައެއް ސަރަޙައްދުތަކުގެ ފިނިހޫނުމިން އާދަޔާޚިލާފަށް މަތިވަމުންދަނީ އެލް ނީނިއޯއަށް ބަދަލުވަމުންދާތީއެވެ. ކޮންމެ 2 އަހަރާއި 7 އަހަރާ ދެމެދުގެ މުއްދަތެއްގައި ޠަބީޢީގޮތުން އުފެދޭ މި މޫސުމީ ބަދަލުގެ ސަބަބުން ދުނިޔޭގެ އެކި ކޮޅުތަކަށް ވަނީ ނޭދެވޭ އަސަރުތަކެއް ކޮށްފައެވެ. މީގެ ސަބަބުން ބައެއް ސަރަޙައްދުތަކަށް ހޫނުގަދަ ވއރ އަނެއް ބައެއް ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި ފެންބޮޑުވެއެވެ.

މިދިޔަ މަހު ކުރިމަތިވި މޫސުމީ ހާދިސާތަކުގެ ތެރޭގައި ޗައިނާ އަދި ތުރުކީއަށް އައިސްފައިވާ ނުރައްކާތެރި ފެންބޮޑުވުންތައް ހިމެނެއެވެ. މިފަދަ ކާރިސާތަކުގެ ސަބަބުން ގިނަ އަދަދެއްގެ ބަޔަކު ވަނީ މަރުވެފައެވެ.

ދުނިޔޭގެ މޫސުމާ ބެހޭ ޖަމްޢިއްޔާއާއި އިނގިރޭސިވިލާތުގެ މޫސުމާ ބެހޭ އިދާރާގެ ރިޕޯޓުތައް ދައްކާ ގޮތުގައި، ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ދުނިޔޭގެ ފިނިހޫނުމިން ރެކޯޑު މިންވަރަކަށް މަތިވާނެއެވެ. ޚާއްޞަކޮށް އާކްޓިކް ސަރަޙައްދުގެ ހޫނުމިން އެހެން ތަންތަނަށްވުރެ މާ ހަލުވިކަމާއެކު މަތިވަމުންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މޫސުމީ މާހިރުން ހާމަކުރާ ގޮތުގައި ކުރިއަށް އޮތް އަހަރުތަކުގައި ދުނިޔޭގެ ފިނިހޫނުމިން ސިނާޢީ އިންޤިލާބުގެ  1850 އާއި 1900 އާ ދެމެދުގެ މިންވަރަށްވުރެ 1.3 އާއި 1.9 ޑިގްރީ ސެލްސިއަސްއާ ދެމެދުގެ މިންވަރަކަށް މަތިވާނެއެވެ.

ހިއްސާ ކުރައްވާ!