ރާއްޖޭގެ އުތުރާއި މެދުތެރޭގެ އަތޮޅުތަކަށް މޫސުން އިތުރަށް ގޯސްވެ، ގަދަޔަށް ވައިޖެހެމުންދާތީ މޫސުމާބެހޭ ޤައުމީ އިދާރާއިން ނެރެފައިވާ ރީނދޫ ސަމާލުގެ ވަގުތު މިރޭ 12:30 އާ ހަމައަށް އަނެއްކާވެސް އިތުރުކޮށްފިއެވެ.
މިއީ މިއަދުގެ ތެރޭގައި ހއ. އަތޮޅުން ފެށިގެން ތ. އަތޮޅާ ދެމެދުގެ ސަރަހައްދަށް ނެރުނު ރީނދޫ ސަމާލުގެ ވަގުތު އިތުރުކުރި ދެވަނަ ފަހަރެވެ. މޫސުމާބެހޭ އިދާރާއިން ލަފާކުރާ ގޮތުގައި، ސަމާލު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ، ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން ކަނޑުމަތީގެ ނުރައްކާތެރި ބައެއް ހާދިސާތައް ވަނީ ހިނގާފައެވެ. އެގޮތުން، މާލެއިން ފުރައިގެން ކ. ދިއްފުށްޓަށް ދަތުރުކުރި "ދިއްފުށި އެކްސްޕްރެސް" ސަޕްލައި ދޯނި، ކ. ތުލުސްދޫ ކައިރިއަށް އަޑިއަށް ގޮސްފައިވެއެވެ. އެމްއެންޑީއެފުން ހާމަކުރި ގޮތުގައި، މި ދޯނި އަޑިއަށް ދިޔަ އިރު އޭގައި ތިބި ފަސް މީހުން ވަނީ ކަނޑުވެފައެވެ. ނަމަވެސް އެ ސަރަހައްދުން ދަތުރުކުރި އެހެން ދޯންޏެއްގެ އެހީތެރިކަމާއެކު އެ އެންމެން ވަނީ ސަލާމަތްކޮށްފައެވެ.
އޭގެ އިތުރުން، މާލެ ކައިރިން ދަތުރުކުރި މުދާ އުފުލާ އިތުރު ދޯންޏެއް މާލޭ އުތުރު ފަރާތު ފަޅު ތެރެއަށް ބަނޑުންޖަހާލައި، އޭގައި ހުރި ގިނަ އަދަދެއްގެ މުދާތައް ވަނީ ކަނޑަށް އޮއްސިގެން ގޮސްފައެވެ. އެމްއެންޑީއެފް ކޯސްޓްގާޑުން ދަނީ އޮޔާއެކު އޮއްސެމުންދާ މުދާތައް ނެގުމާއި، ސަރަހައްދީ ކަނޑުދަތުރުފަތުރަށް ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވުމަށް މަސައްކަތް ކުރަމުންނެވެ.
ކަނޑުގަދަ ވުމުގެ ސަބަބުން ހޯކްސްގެ ލޭންޑިންގ ކްރާފްޓެއް ބަނޑުންޖަހާލައި، ގެއްލުނު ދެ މީހުން ހޯދުމުގެ މަސައްކަތް ސާޗް އެންޑް ރެސްކިއު ޓީމުތަކުން ދަނީ ކުރަމުންނެވެ.
ތެލާއި ލޮޖިސްޓިކްސް ޚިދުމަތްދޭ ދަ ހޯކްސް ކުންފުނީގެ މި ލޭންޑިންގ ކްރާފްޓް ބަނޑުންޖަހާލާފައިވަނީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައިގައި ކ. އަތޮޅު ކައިރިއަށެވެ. އެމަޖެންސީ އޮޕަރޭޓަރުންނާއި ސަރަހައްދީ އުޅަނދުފަހަރު ގުޅިގެން ވަނީ އޭގައި ތިބި އަށް މީހަކު ސަލާމަތްކޮށް، ކ. ގާފަރަށް ގެންގޮސްދީފައެވެ. ނަމަވެސް، ކަނޑުމަތިން ދެ ފަޅުވެރިއަކު އަދިވެސް ފެނިފައިނުވާކަން ކަމާބެހޭ އިދާރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ކ. މާފުށި ކައިރިން، އާންމުކޮށް "މާފުށި ފްލޯޓިންގ ބާ" ގެ ނަމުން މަޝްހޫރު "ޕްރިންސެސް ލާލާ" ސަފާރީ، ހެނދުނު 10:15 އެހާކަންހާއިރު ގަދަ ރާޅުތަކުގެ ތެރޭގައި ނަގިލި ކެނޑިގެން ގޮސް އެ ރަށު ފަރަށް ވަނީ އަރާފައެވެ.
މަންޒަރު ދުށް ފަރާތްތަކުން ބުނި ގޮތުގައި، އެ ލަކުޑި ސަފާރީ ފަރަށް އެރިތާ ދިހަ މިނެޓު ތެރޭގައި ވަނީ ކުދިކުދިވެގެން ގޮސްފައެވެ. ސޯޝަލް މީޑިއާގައި ދައުރުވި ވީޑިއޯތަކުން ފެންނަ ގޮތުގައި، ރާޅުތައް ސަފާރީގައި ޖެހެމުންދިޔައިރު ސަލާމަތްވުމަށް މީހުން ކަނޑަށް ފުންމާލާތަން ފެނެއެވެ. މޯލްޑިވްސް ޕޮލިސް ސަރވިސްއިން ކަށަވަރުކޮށްދިން ގޮތުގައި، ހާދިސާ ހިނގިއިރު އޭގައި ތިބި ހަ މީހުންވެސް ވަނީ އަނިޔާއެއް ނުލިބި އެއްގަމަށް ނެގާފައެވެ.
ކަނޑުގަދަވުމުގެ ސަބަބުން ބުރާސްފަތި ދުވަހުގެ ރޭ ފާފު އަތޮޅުގައިވެސް ވަނީ ނުރައްކާތެރި ހާދިސާއެއް ހިނގައި، ރެސްކިއު އޮޕަރޭޝަނެއް ހިންގާފައެވެ. ފ. ނިލަންދޫއިން ދ. މީދޫއަށް ދަތުރުކުރި، 3 ފަޅުވެރިންނާއެކު 15 މީހުން ތިބި ލޯންޗަކަށް ދިޔަވެގެން ފުލުހުންގެ އުޅަނދުފަހަރުގެ އެހީތެރިކަމާއެކު ވަނީ އަނބުރާ ނިލަންދޫއަށް ގެންގޮސްދީފައެވެ. މި ހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.
މީގެ އިތުރުން، ވައިގެ ދަތުރުފަތުރަށްވެސް މޫސުން ގޯސްވުމުގެ ސަބަބުން ބޮޑެތި ބުރޫތަކެއް އެރިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ސަރަހައްދަށް ބޯކޮށް ވާރޭވެހި ނުބެލެވުމުގެ ސަބަބުން، ބައިނަލްއަގުވާމީ އަދި ސަރަހައްދީ ގިނަ މަތިންދާބޯޓުތަކަކަށް ޖައްސަން ނުކުރެވި ހުޅުލޭ މަތީގައި ގިނައިރުތަކެއް ވަންދެން ބުރުޖަހަން ޖެހުނެވެ. ފްލައިޓް ޓްރެކިންގ ދައްކާ ގޮތުން އެރޯފްލޯޓް، ގަތަރު އެއާވޭސް، ސްރީލަންކަން އެއާލައިންސް، އިންޑިގޯ އަދި ފިޓްސްއެއާގެ ބޯޓުތައް ވަނީ ގިނައިރުތަކެއް ވަންދެން ވައިގެ ތެރޭގައި މަޑުކޮށްފައެވެ.
ސްރީލަންކާއިން އައި ފްލައިޑުބާއީގެ ފްލައިޓަކަށް ޖައްސަން ނުކުރެވިގެން އަނބުރާ ކޮޅުނބަށް ދާންޖެހުނުއިރު، ތާވަލުކުރެވިފައިވާ ބައިނަލްއަގުވާމީ މަދުވެގެން ހަތަރު ފްލައިޓެއް ވަރަށް ބޮޑަށް ލަސްވިއެވެ.
ވިއްސާރައިގެ ސަބަބުން ކަނޑުތައް ގަދަވެ، ވައިގަދަވަމުންދާތީ، އެމްއެންޑީއެފާއި ފުލުހުން ވަނީ ކަނޑުދަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.
"ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތަށް ނުކުރުމަށް އިލްތިމާސްކުރަން،" ކަމާބެހޭ އިދާރާތަކުން އާންމުކުރި އިރުޝާދުގައި ބުނެފައިވެއެވެ. އަދި ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުމަށާއި، ސަލާމަތީ އާލާތްތައް ހަމައަށް ހުރިކަން ކަށަވަރުކުރުމަށްވެސް އިދާރާތަކުން ވަނީ އެދިފައެވެ.







