48 ޤައުމަކާއެކު ބޭއްވުމަށް ހަމަޖެހިފައިވާ 2026 ވަނަ އަހަރުގެ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ މެޗުތައް އެމެރިކާ، ކެނެޑާ އަދި މެކްސިކޯގެ 16 ސްޓޭޑިއަމެއްގައި ކުޅުމަށް ވަނީ ތައްޔާރުވެފައެވެ. މި މުބާރާތުގައި ބޭނުންކުރާ އެންމެ ބޮޑެތި ސްޓޭޑިއަމްތައް:
-
1. ޑަލަސް ސްޓޭޑިއަމް (އޭޓީ އެންޑް ޓީ): މިއީ މި ފަހަރުގެ ވޯލްޑް ކަޕްގައި ބޭނުންކުރާ އެންމެ ބޮޑު ސްޓޭޑިއަމެވެ. އެމެރިކާގެ ޓެކްސަސްގައި ހުންނަ މި ސްޓޭޑިއަމްގެ ޖާގައަކީ 94,000 އެވެ. މި ތަނުގައި ސެމީ ފައިނަލް މެޗަކާއެކު ޖުމްލަ 9 މެޗު ކުޅޭނެއެވެ. މީގެ ތެރޭގައި އިންގްލެންޑް، އާޖެންޓީނާ، ކުރޮއޭޝިއާ އަދި ޖޯޑަން ފަދަ ޤައުމުތަކުގެ މެޗުތައް ހިމެނެއެވެ.
-
2. އަޒްޓެކާ ސްޓޭޑިއަމް: މެކްސިކޯގެ މި ތާރީޚީ ސްޓޭޑިއަމަކީ ވޯލްޑް ކަޕްގެ ދެވަނައަށް އެންމެ ބޮޑު ސްޓޭޑިއަމެވެ. 83,000 މީހުންގެ ޖާގަ އޮތް މި ސްޓޭޑިއަމްގައި މުބާރާތް ހުޅުވާ މެޗު ކުޅޭނެއެވެ. އެއީ މެކްސިކޯއާއި ދެކުނު އެފްރިކާ ބައްދަލުކުރާ މެޗެވެ.
-
3. ނިއު ޔޯކް ޖާޒީ ސްޓޭޑިއަމް (މެޓްލައިފް): 82,500 މީހުންގެ ޖާގައާއެކު މި ސްޓޭޑިއަމް އޮތީ ލިސްޓުގެ ތިންވަނައިގައެވެ. ޖުލައި 19 ގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި ސްޓޭޑިއަމްގައެވެ. މި ތަނުގައި ބްރެޒިލް، މޮރޮކޯ އަދި ފަރަންސޭސިވިލާތް ފަދަ ޓީމުތަކުގެ ގްރޫޕް ސްޓޭޖް މެޗުތައްވެސް ކުޅޭނެއެވެ.
-
4. މާސިޑީޒް ބެންޒް ސްޓޭޑިއަމް (އެޓްލާންޓާ): ހަތަރުވަނައަށް އެންމެ ބޮޑު މި ސްޓޭޑިއަމްގެ ޖާގައަކީ 75,000 އެވެ. މި ތަނުގައި ސެމީ ފައިނަލް މެޗެއްގެ އިތުރުން ސައުދީ އަރަބިއްޔާއާއި ސްޕެއިން ބައްދަލުކުރާ ފޯރިގަދަ މެޗުވެސް ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
-
5. ކެންސަސް ސިޓީ ސްޓޭޑިއަމް (އެރޯހެޑް): 73,000 މީހުންގެ ޖާގައާއެކު މި ސްޓޭޑިއަމް އޮތީ ފަސްވަނައިގައެވެ. އެންމެ ފަހުގެ ޗެމްޕިއަން އާޖެންޓީނާއިން އަލްޖީރިއާއާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗު ކުޅޭނީ މިތަނުގައެވެ. މީގެ އިތުރުން ޓިއުނީޝިއާއާއި ނެދަލެންޑްސް ބައްދަލުކުރާ މެޗުވެސް މި ސްޓޭޑިއަމްގައި ކުޅޭނެއެވެ.
މި ފަހަރުގެ ވޯލްޑް ކަޕަކީ ގިނަ އަދަދެއްގެ މެޗުތަކާއި ބޮޑެތި ސްޓޭޑިއަމްތަކުގެ ސަބަބުން ކުޅިވަރުގެ ތާރީޚުގައިވެސް އެންމެ ގިނަ ސަޕޯޓަރުން ދަނޑަށް ވަންނާނެ މުބާރާތަށް ވެގެންދާނެއެވެ.





