ޕޯޗުގަލްގެ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ، ތުރުކީގެ ސުޕަ ލީގުގެ ފެނަރބާޗޭގެ ކޯޗުކަމުގައި ހުރިއިރު އޭނާއަށް ދިން އަދަބުތަކާ ގުޅިގެން ޔޫރަޕިއަން ކޯޓް އޮފް ހިއުމަން ރައިޓްސް (އީ.ސީ.އެޗް.އާރް) އަށް ޝަކުވާ ހުށަހަޅައިފިއެވެ. ފްރާންސްގެ ސްޓްރާސްބާގްގައި ހުންނަ މި ކޯޓުގެ ވެބްސައިޓުގައި ހާމަކޮށްފައިވާ ގޮތުގައި، ކޯޓުން މިހާރު ވަނީ މޮރީނިއޯގެ މި ހުށަހެޅުން ގަބޫލުކޮށް، އެކަމާ މެދު ތުރުކީ ސަރުކާރުގެ ބަހެއް ހޯދުމަށް އެދިފައެވެ.
މޮރީނިއޯ މި މައްސަލަ ހުށަހެޅީ 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ތުރުކީގެ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ 600,000 ތުރުކީ ލީރާ (ގާތްގަނޑަކަށް 13,074 އެމެރިކާ ޑޮލަރު) އިން ޖޫރިމަނާކޮށް، އެއް މެޗަށް ބެންޗަށް ނޭރޭ ގޮތަށް ސަސްޕެންޑް ކުރި ނިންމުމާ ދެކޮޅަށެވެ. ފެޑެރޭޝަނުން އޭނާއަށް މި އަދަބު ދިނީ މެޗެއްގެ ތެރޭގައި އިދިކޮޅު ޓީމުގެ ސަޕޯޓަރުންނާ ދިމާލަށް ކުޅިވަރުގެ ރޫޙާ ޚިލާފު ޢަމަލެއް ހިންގުމާއި، މެޗަށްފަހު ރެފްރީންގެ ފެންވަރަށް ވަރަށް ބޮޑަށް ފާޑުކިޔުމާ ގުޅިގެންނެވެ.
އުމުރުން 63 އަހަރުގެ ކޯޗު ހުށަހެޅި އިސްތިއުނާފުގައި ބުނެފައިވަނީ އޭނާއަށް އިންޞާފުވެރި ޝަރީޢަތެއް ލިބިފައިނުވާ ކަމަށެވެ. ސަބަބަކީ ތުރުކީ ފުޓްބޯޅަ ފެޑެރޭޝާނުގެ ޑިސިޕްލިނަރީ އަދި އާބިޓްރޭޝަން ކޮމިޓީތަކަކީ ފެޑެރޭޝާނުގެ ރައީސާއި ބޯޑުގެ ނުފޫޒުން އެއްކިބާވެފައިވާ، މިނިވަން ތަންތަން ކަމަށް ނުވުމެވެ.
މީގެ އިތުރުން އޭނާ ފާހަގަކުރި ކަންކަން:
- އަދަބު ދިން ރަސްމީ ސަބަބުތައް އެނގުމުގެ ޙައްޤުން އޭނާ މަޙްރޫމްކޮށްފައިވުން
- ރެފްރީންނާ މެދު އަމިއްލަ ޚިޔާލު ފާޅުކުރުމުން އަދަބު ދިނުމަކީ ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޙައްޤަށް އަރައިގަތުން ކަމަށް ބެލުން.
ޔޫރަޕްގެ ހިއުމަން ރައިޓްސް ކޯޓުން މިހާރު ވަނީ ތުރުކީގެ ކަމާބެހޭ ފަރާތްތަކުން މިކަމުގައި އަމަލުކުރި ގޮތް ސާފުކޮށްދިނުމަށް އެދިފައެވެ. ޚާއްޞަކޮށް އެ ކޮމިޓީތަކަކީ މިނިވަން އަދި އިންޞާފުވެރި ތަންތަންތޯއާއި، މޮރީނިއޯގެ ޚިޔާލު ފާޅުކުރުމުގެ ޙައްޤާއި ފެޑެރޭޝާނުގެ މަޞްލަޙަތާ ދެމެދު ހަމަހަމަކަން ހިފެހެއްޓުނުތޯ ކޯޓުން ބަލާނެއެވެ.
މިދިޔަ އޮގަސްޓް މަހު ޗެމްޕިއަންސް ލީގުގެ ކޮލިފައިންއިން ކެޓުމާ ގުޅިގެން ފެނަރބާޗޭއާ ވަކިވުމަށްފަހު، މޮރީނިއޯ ވަނީ ޕޯޗުގަލްގެ ބެންފީކާއާ ގުޅިފައެވެ. ނަމަވެސް، ފަހުގެ ޚަބަރުތައް ބުނާގޮތުން އޭނާ އެނބުރި ރެއާލް މެޑްރިޑުގެ ކޯޗުކަމާ ހަވާލުވުމުގެ ފުރުޞަތު ވަރަށް ބޮޑެވެ.







