ވޯލްޑް ކަޕް ސްޓޭޑިއަމްތަކަށް ޕްލާސްޓިކް ފުޅި ވެއްދުން ފީފާއިން މަނާކޮށްފި

ސަލާމަތީ ސަބަބުތަކަށްޓަކައި، މިއަހަރު ބާއްވާ 2026 ގެ ވޯލްޑް ކަޕް މެޗުތައް ކުޅޭ ސްޓޭޑިއަމްތަކަށް ޕްލާސްޓިކް ފެންފުޅި ވެއްދުން މަނާކުރަން ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ (ފީފާ) އިން ކުއްލި ގޮތަކަށް ނިންމައިފިއެވެ.

މިއީ ސްޓޭޑިއަމްތަކުގެ ކޮންޑަކްޓް ކޯޑަށް ފަހު ވަގުތު ގެނައި ބަދަލެކެވެ. މިދިޔަ މަހާ ހަމައަށްވެސް ފީފާއިން އޮތީ 1 ލިޓަރަށްވުރެ ބޮޑުނޫން، ހުސްކޮށް ހުންނަ، ދެފުށް ފެންނަ ޕްލާސްޓިކް ފުޅި ސްޓޭޑިއަމްތަކަށް ވެއްދުމުގެ ހުއްދަ ދީފައެވެ. ނަމަވެސް އައު ގަވާއިދުގެ ދަށުން މިހާރު އެފަދަ ފުޅިތަކާއި، ތަށި، ޖޯޑު އަދި ދަޅު ފަދަ ތަކެތި ވެއްދުން ވަނީ މުޅިން މަނާކޮށްފައެވެ.

ފީފާއިން ރޮއިޓާސް އެޖެންސީއަށް ދިން ބަޔާނެއްގައި ބުނީ، މި ފިޔަޅަކީ ކުޅުންތެރިންނާއި، ރެފްރީން އަދި ސަޕޯޓަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އެޅި ފިޔަވަޅެއް ކަމަށެވެ. މީގެ ބޭނުމަކީ ކުޅުންތެރިންނާ ދިމާލަށް ނުވަތަ ސަޕޯޓަރުންގެ ތެރެއަށް ފުޅި އުކުމުގެ ސަބަބުން ލިބިދާނެ އަނިޔާތަކުން ރައްކާތެރިވުމެވެ. ވޯލްޑް ކަޕް ބާއްވާ ބައެއް ސްޓޭޑިއަމްތަކަކީ އާންމުކޮށްވެސް ބޭރުން ފުޅި ވެއްދުން މަނާ ތަންތަނަށް ވުމުން، ފީފާއިން މިހާރު ވަނީ އެ އުސޫލު މުޅި މުބާރާތަށް ފުޅާކޮށްފައެވެ.

މި ނިންމުމާ ގުޅިގެން ސަޕޯޓަރުންގެ މެދުގައި ވަނީ ކަންބޮޑުވުން އުފެދިފައެވެ. ޚާއްޞަކޮށް މެޗުތައް ކުޅޭ ބައެއް ސަރަޙައްދުތަކުގެ ހޫނުމިން 26 އާއި 28 ޑިގްރީ ސެލްސިއަސް ދެމެދުގައި ހުންނާނެ ކަމަށް ލަފާކުރެވޭތީ، ހޫނުން ސަލާމަތްވުމަށާއި ބޯފެން ހޯދުމުގައި ދަތިތަކެއް ކުރިމަތިވެދާނެތީއެވެ.

ނަމަވެސް ފީފާއިން ބުނީ ސަޕޯޓަރުންނަށް ފެން ލިބޭނެ އިންތިޒާމުތައް ސްޓޭޑިއަމްތަކުގައި ހުންނާނެ ކަމަށެވެ.

  • ހޫނު ކުޑަކުރަން ކުރާނެ ކަންކަން: ސްޓޭޑިއަމްގެ ބޭރުގައި ފެންބުރުއްސާ މިސްޓިންގ ސްޓޭޝަން ބެހެއްޓުން
  • ފަންކާ، ފެން ބޯނެ ތަންތަން އަދި ފިނިކުރި ފޭލިގެތައް ބެހެއްޓުން
  • ސްޓޭޑިއަމްތަކުގެ އެތެރޭގައި ވިއްކާ ފެންފުޅީގެ އަގުތައް ހުންނާނީ އާންމުކޮށް އެ ސްޓޭޑިއަމްތަކުގައި ބާއްވާ އެހެން އިވެންޓްތަކާ އެއް އަގެއްގައި
  • ހޫނުމިނަށް ބެލުމެއްނެތި، މެޗުގެ ކޮންމެ ހާފެއްގައިވެސް ކުޅުންތެރިން ފެންބުއިމަށް ޚާއްޞަ ބްރޭކެއް ދޭނެ

އެމެރިކާ، ކެނެޑާ އަދި މެކްސިކޯ ގުޅިގެން ބާއްވާ، 48 ޤައުމު ވާދަކުރާ މި ވޯލްޑް ކަޕް މުބާރާތް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 ގެ ނިޔަލަށެވެ.

ހިއްސާ ކުރައްވާ!