ވޯލްޑް ކަޕް ސްޓޭޑިއަމްތަކަށް ވުވުޒޭލާއާއި ލޭޒަރު ވެއްދުން ފީފާއިން މަނާކޮށްފި

މި މަހު ފަށާ ދުނިޔޭގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައް ބަލަންދާ ސަޕޯޓަރުންނަށް ސްޓޭޑިއަމްތަކަށް ވުވުޒޭލާ އެތެރެނުކުރެވޭ ގޮތަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މަނާކޮށްފިއެވެ. އެމެރިކާ، ކެނެޑާ އަދި މެކްސިކޯގައި ބާއްވާ މި މުބާރާތުގެ ސަލާމަތީ ގަވާއިދުތަކަށް ފީފާއިން ވަނީ މި ބަދަލު ގެނެސްފައެވެ.

ޕްލާސްޓިކުން އުފައްދާފައިވާ ދިގު ތާޅަފިއްޔެއް ކަމަށްވާ ވުވުޒޭލާއަކީ ދެކުނު އެފްރިކާގެ ފުޓްބޯޅަ މެޗުތަކުގައި ވަރަށް މަގްބޫލުވި އެއްޗެކެވެ. އަދި ދެކުނު އެފްރިކާގައި 2010ވަނަ އަހަރު ބޭއްވި ވޯލްޑް ކަޕް މުބާރާތުން މި ތަކެތި މުޅި ދުނިޔެއަށް މަޝްހޫރުވިއެވެ. ނަމަވެސް، މީގެން ނުކުންނަ އެއްގޮތް ބާރު އަޑަކީ މާބުރު އައިނެއްގެ އަޑާ އެއްފަދަ އަޑެއް ކަމުން، މީގެ ކުރިންވެސް މި ތަކެއްޗަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

ފީފާގެ ސްޓޭޑިއަމްތަކާ ބެހޭ އައު ގަވާއިދު ބުނާގޮތުން، ވުވުޒޭލާގެ އިތުރުން ފުމޭ ތާޅަފިއްޔާއި، ވައިގެ އެހީގައި އަޑުގަދަކުރާ ތާޅަފިލިތަކާއި، އަދި އާންމުންނަށް އުނދަގޫވާ ފަދަ ބާރު އަޑުތައް ލައްވާ އެހެނިހެން ސާމާނުވެސް ވޯލްޑް ކަޕްގެ 16 ސްޓޭޑިއަމަށް ވެއްދުން ވަނީ މަނާކޮށްފައެވެ.

މީގެ އިތުރުން، ލޭޒަރު ދޯދި ފޮނުވާ ސާމާނާއި، ލޭޒަރު ޕޮއިންޓަރު ނުވަތަ އެފަދަ އެއް ކަށްޓަކަށް އަލި ފޮނުވާ އެހެން ތަކެތި ވެއްދުންވެސް ވަނީ މުޅިން މަނާކޮށްފައެވެ.

މަނާކުރެވިފައިވާ ކަންތައްތަކުގެ ލިސްޓުގައިވާ ގޮތުން، ހަށިގަނޑުގައި ކުލަޖެއްސުމާއި ނުވަތަ ކުރަހާފައި ހުންނަ ކުރެހުންތަކަކީ ފޭރާމެއްގެ ގޮތުގައި ނުބެލެވޭނެއެވެ. އަދި ހަށިގަނޑުގެ ނާޒުކު ގުނަވަންތައް ފެންނާނެހެން ހެދުން ބޭލުމާއި، އޮރިޔާންވުން ނުވަތަ އެފަދަ ބޭއަދަބީ ޢަމަލުތައް ހިންގުމަކީވެސް މުޅިން މަނާކަމެކެވެ.

މީގެ އިތުރުން، ސަލާމަތީ ސަބަބުތަކަށްޓަކައި، ފެންފުޅި ސްޓޭޑިއަމަށް ވެއްދުންވެސް ފީފާއިން ވަނީ މަނާކޮށްފައެވެ. މި ގަވާއިދުތަކާ ޚިލާފުވާ ސަޕޯޓަރުން ސްޓޭޑިއަމަށް ވެއްދުމަށް ހުރަސްއެޅޭނެއެވެ. ނުވަތަ ސްޓޭޑިއަމްގެ އެތެރޭގައި ހުއްޓާ ނެރެވޭނެ ކަމަށްވެސް ގަވާއިދުގައި ބުނެފައިވެއެވެ.

48 ޤައުމު ވާދަކުރާ، ފުޅާކޮށްފައިވާ މި ބޮޑު މުބާރާތް ކުރިއަށްދާނީ ޖޫން 11 އިން ޖުލައި 19 އަށެވެ. މުބާރާތް ހުޅުވާ ފުރަތަމަ މެޗުގައި ޖޫން 11 ދުވަހު ބައްދަލުކުރާނީ މެކްސިކޯއާއި ދެކުނު އެފްރިކާއެވެ.

ހިއްސާ ކުރައްވާ!