ފީފާ ވޯލްޑް ކަޕް މުބާރާތުގައި އިރާނުން ކުޅެންޖެހޭ ފުރަތަމަ މެޗު ފެށެން އެންމެ 10 ދުވަހަށް ވެފައިވަނިކޮށް، އެ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުންނަށް އެމެރިކާއަށް އެތެރެވުމުގެ ވިސާ އެމެރިކާ ސަރުކާރުން ދޫކޮށްފިއެވެ.
ވައިޓް ހައުސްގެ ތަރުޖަމާނު ރޮއިޓަރސް ނޫސް އެޖެންސީއަށް ކަށަވަރުކޮށްދެއްވި ގޮތުގައި، އިރާނުގެ ގައުމީ ޓީމުގެ ހުރިހާ މެމްބަރުންނަށް މިހާރު ވަނީ ވިސާ ދޫކޮށްފައެވެ. މިއާއެކު ޖޫން 15 ވަނަ ދުވަހު ލޮސް އެންޖެލެސްގައި އިރާނުން ކުޅޭ ފުރަތަމަ މެޗުގައި ވާދަކުރުމުގެ ފުރުޞަތު އެ ޓީމަށް ވަނީ ހުޅުވިފައެވެ.
އިރާނުގެ ޓީމުން މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ތުރުކީގައި ފުރިހަމަކުރި ޓްރެއިނިންގ ކޭމްޕުގެ ތެރޭގައި، އަންކާރާގައި ހުންނަ އެމެރިކާގެ އެމްބަސީއަށް ވިސާގެ ލިޔެކިޔުންތައް ހުށަހެޅިއެވެ. ނަމަވެސް، ދެ ޤައުމުގެ ދެމެދުގައި އޮތް ސިޔާސީ ނުތަނަވަސްކަމުގެ ސަބަބުން ވިސާ ލިބުން ވަނީ ވަރަށް ބޮޑަށް ލަސްވެފައެވެ.
ވިސާގެ ކަންކަން ދިގުލައިގެން ދިއުމާ ގުޅިގެން، އިރާނުން ފީފާއާއެކު މަޝްވަރާކުރުމަށްފަހު އެ ޓީމުގެ މައި މަރުކަޒު، މުބާރާތް ބާއްވާ އަނެއް ޤައުމު ކަމަށްވާ މެކްސިކޯއަށް ބަދަލުކުރިއެވެ. އެގޮތުން އެމެރިކާގެ ބޯޑަރާ ކައިރީގައި އޮންނަ މެކްސިކޯގެ ތިހުއާނާ ސިޓީގައި ބޭސްވެގެން، ކޮންމެ މެޗަކަށް އެމެރިކާއަށް ދަތުރުކުރާ ގޮތަށް ކުރިން އޮތީ ރާވާފައެވެ. އެހެންނަމަވެސް، މިހާރު ވިސާ ހަމަޖެހުމާ ގުޅިގެން އެ ޓީމުގެ ރޭވުންތަކަށް ބަދަލުތަކެއް އައުން އެކަށީގެންވެއެވެ.
އިރާނާއި އެމެރިކާގެ ސިޔާސީ އަދި ބައިނަލްއަޤުވާމީ ދެބަސްވުންތަކުގެ ހިޔަނި މި ފަހަރުގެ ވޯލްޑް ކަޕަށް އެޅިފައިވާއިރު، އިރާނުން ގްރޫޕް ސްޓޭޖުގައި ކުޅެންޖެހޭ ތިން މެޗުވެސް ތާވަލުކޮށްފައިވަނީ އެމެރިކާގެ ދަނޑުތަކުގައެވެ.




