ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ކުރިން ސޯޝަލް މީޑިއާގައި ހިންގި ތަފާތު ވައިރަލް ކެމްޕޭނަކަށްފަހު، ނިއުޒީލެންޑުގެ ގައުމީ ޓީމުގެ ކުޅުންތެރިޔާ ޓިމް ޕޭންގެ އިންސްޓަގްރާމް ފޮލޮވަރުންގެ އަދަދު 5 މިލިއަނަށްވުރެ މައްޗަށް އަރައި، ދުނިޔެ ސިއްސުވާލައިފިއެވެ.
މި އާދަޔާޚިލާފު ހަރަކާތް ފެށުނީ އާޖެންޓީނާގެ މަޝްހޫރު އިންފްލުއެންސަރ "އެލް ސްކާސޯ" ވޯލްޑް ކަޕަށް ހޮވުނު ކުޅުންތެރިންގެ ތެރެއިން ދުނިޔެއަށް އެންމެ ބެލުންތެރިން މަދު ނުވަތަ އެންމެ މަޝްހޫރުކަން ކުޑަ ކުޅުންތެރިޔަކީ ކާކުތޯ ބަލަން ފެށި ހިސާބުންނެވެ. މި ކެމްޕޭން ފެށިއިރު، ނިއުޒީލެންޑުގެ ޑިފެންޑަރު ޕޭންގެ އިންސްޓަގްރާމްގައި ތިބީ އެންމެ 4,700 އެއްހާ ފޮލޮވަރުންނެވެ. އަދި އޭނާ އެންމެ ގިނައިން ލައިކްސް ލިބުނު ފޮޓޯއަށްވެސް ލިބިފައިވަނީ މަދު ސަތޭކަ ލައިކްސްއެވެ.
ނަމަވެސް، އެލް ސްކާސޯ ވަނީ ޕޭން އަކީ ކާކުކަން ދުނިޔެއަށް ދައްކާލައި، ކޮންމެ ޤައުމެއްގެ ސަޕޯޓަރެއް ކަމުގައިވިޔަސް މިފަހަރުގެ ވޯލްޑް ކަޕްގައި ޕޭންއަށް ސަޕޯޓްކޮށް އޭނާއަށް ފޮލޯކުރުމަށް ދުނިޔޭގެ ހުރިހާ ފުޓްބޯޅަ ފޭނުންނަށް ގޮވާލާފައެވެ. މި ހޭޝްޓެގް ކެމްޕޭން ސޯޝަލް މީޑިއާގައި އާދަޔާޚިލާފަށް ހަލުވިކަމާއެކު ފެތުރި، އެންމެ މަދު ދުވަސްކޮޅެއްގެ ތެރޭގައި ޕޭންގެ ފޮލޮވަރުން 1 މިލިއަނަށް އެރިއެވެ. އަދި ބުރާސްފަތި ދުވަހުގެ ނިޔަލަށް އޭނާގެ ފޮލޮވަރުންގެ އަދަދު ވަނީ 5.1 މިލިއަނަށްވުރެ މައްޗަށް އަރާފައެވެ. މިއީ ފުޓްބޯޅަ ތާރީޚުގައިވެސް ކުޅުންތެރިއެއްގެ މަޤުބޫލުކަން މިހާ ކުއްލި ގޮތަކަށް އުފުލުނު ފުރަތަމަ ފަހަރެވެ.
މި ބޮޑު ކުރިއެރުމާ ގުޅިގެން ޕޭން ވަނީ ގިނަ ބަސްބަހުން ދުނިޔޭގެ އެކި ކޮޅުތަކުގެ ސަޕޯޓަރުންނަށް ޝުކުރު އަދާކޮށް ވީޑިއޯ މެސެޖެއް އާންމުކޮށްފައެވެ.
ނިއުޒީލެންޑުގެ ގައުމީ ޓީމަށް ގިނަ ދުވަސްތަކެއް ވަންދެން ކުޅެދީފައިވާ ތަޖުރިބާކާރު ޑިފެންޑަރު ޕޭން މިހާރު ވެފައިވަނީ ވޯލްޑް ކަޕް ފެށުމުގެ ކުރިންވެސް ސަޕޯޓަރުންގެ އެންމެ މަގުބޫލު އެއް ކުޅުންތެރިޔާއަށެވެ. މި ވައިރަލް ހަރަކާތުގެ ސަބަބުން ނިއުޒީލެންޑުގެ ގައުމީ ފުޓްބޯޅަ ޓީމަށް އޮތް ސަމާލުކަންވެސް ވަނީ އިތުރުވެފައެވެ.
މިއީ އޮންލައިން މުޖުތަމައުތަކުގެ ބާރާއި ނުފޫޒު، ދުނިޔޭގެ އެންމެ ބޮޑު ކުޅިވަރު މުބާރާތާ ދިމާކޮށް ހީވެސް ނުކުރާ ފަދަ ގޮތަކަށް ދައްކުވައިދިން ހާދިސާއެކެވެ.




