އިސްރާއީލުގެ ކްލަބަކާއެކު ވިޔަފާރިކުރުމަކީ ނާޒީ ޖަރުމަނާއެކު ވިޔަފާރި ކުރުން ފަދަ ކަމެއް ކަމަށް ބުނެފި

ޕޮލެންޑުގެ ފުޓްބޯޅަ ކްލަބެއް ކަމަށްވާ "ޕޮގޮން ސްޒެސިން" ގެ ވެރިޔާ، އިސްރާއީލުގެ "މަކާބީ ޓެލް އަވީވް" ޓީމުން ހުށަހެޅި ކުޅުންތެރިންގެ ޓްރާންސްފާ ބިޑްތައް ބޭރުކޮށްލައި، އިސްރާއީލާއެކު ވިޔަފާރީގެ ގުޅުން ބޭއްވުމަކީ ނާޒީ ޖަރުމަނާއެކު ވިޔަފާރިކުރުން ފަދަ ކަމެއްގެ ގޮތުގައި ސިފަކޮށްފިއެވެ.

ކްލަބުގެ ވެރިޔާ އެލެކްސް ހާދިތާޣީ އެކްސްގައި ހާމަކުރި ގޮތުގައި، އެ ކްލަބުގެ ދެ ޑިފެންޑަރުން ކަމަށްވާ ޑިމިޓްރިސް ކެރާމިޓްސިސް އާއި ލިއޯ ބޯޖެސް ގަތުމަށް މަކާބީން ދެއްކި ވާހަކަތައް ކުރިއަށް ނުގެންދަން އޭނާ ވަނީ ނިންމާފައެވެ.

ޒަޔަނިސްޓު ރެޖީމްގެ ކްލަބުގެ ރައީސަށް ފޮނުއްވި އަދި ސޯޝަލް މީޑިއާގައި އާންމުކުރި ސިޓީއެއްގައި ހާދިތާޣީ ވިދާޅުވީ، ފުޓްބޯޅައަކީ "އުންމީދާއި، އިޙްތިރާމާއި، އެއްބައިވަންތަކަމާއި އަދި އިންސާނިއްޔަތުކަން" ރަމްޒުކޮށްދޭންޖެހޭ، ސިޔާސަތާއި ބޯޑަރުތަކަށްވުރެ މަތީގައިވާ އެއްޗެއް ކަމަށެވެ. ނަމަވެސް، ޣައްޒާ، ލުބުނާން، އަދި އީރާނުގެ ކުށެއްނެތް އާންމުންނާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ލޭއޮހޮރުވުންތަކުގެ ސަބަބުން، އެ ޤައުމު ތަމްސީލުކުރާ ކްލަބަކާއެކު އެއްވެސް މުޢާމަލާތެއް ކުރުމަކީ އަޚްލާޤީގޮތުން ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

"ޣައްޒާއާއި، ލުބުނާނާއި، އީރާނާއި އަދި މުޅި ސަރަޙައްދުގައި ކުށެއްނެތް އާންމުން އުފުލަމުންދާ ތަކުލީފުތަކަށާއި، އިސްރާއީލު ދައުލަތުން ހިންގަމުންދާ ލޭއޮހޮރުވުންތަކާއި، ނަސްލު ނައްތާލުމުގެ އިންސާނިއްޔަތާ ޚިލާފު އަމަލުތަކަށް ބަލާއިރު، އިސްރާއީލު ތަމްސީލުކުރާ ކްލަބަކާއެކު އެއްވެސް ވިޔަފާރީގެ މުޢާމަލާތެއް ހިންގުމަކީ އަޅުގަނޑުމެންގެ ކްލަބަށް އަޚްލާޤީގޮތުން އެންމެ ރަނގަޣު ގޮތް ކަމަށް އަޅުގަނޑު ނުދެކެން،" ހާދިތާޣީ ލިޔުއްވާފައިވެއެވެ.

ކްލަބުގެ މާލީ ފައިދާއަށްވުރެ އިންސާނީ އަގުތަކާއި އުޞޫލުތައް ހިމާޔަތްކުރުން މުހިންމުކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ، ތާރީޚުގެ އެންމެ އަނދިރި ދުވަސްވަރު ކަމަށްވާ ނާޒީ ޖަރުމަނުގެ ދައުރުގައި އޭނާ ދުނިޔޭގައި ހުރިނަމަ، އެތައް މިލިއަން ބަޔަކު މަރައި ޖަރީމާ ހިންގި ނާޒީ ރެޖީމް ތަމްސީލުކުރި އެއްވެސް ކްލަބަކާއެކުވެސް ވިޔަފާރި ނުކުރާނެ ކަމަށެވެ.

"މިއަދު އަޅުގަނޑު މި ނެގީ ހަމަ އެ އަޚްލާޤީ މިންގަނޑު. ވިޔަފާރީގެ ފައިދާއާއި ފައިސާއަށްވުރެ އަޚްލާޤީ ސާބިތުކަން މާ ވަރުގަދަވާންޖެހޭ ވަގުތުތައް އަންނާނެ،" އޭނާ އިތުރަށް ވިދާޅުވިއެވެ.

މަކާބީ ޓެލް އަވީވް އިން ގަންނަން އުޅުނު ދެ ކުޅުންތެރިން ކަމަށްވާ ކެރާމިޓްސިސް އާއި ބޯޖެސްގެ ކޮންޓްރެކްޓް ޕޮލެންޑުގެ ކްލަބާއެކު އޮތީ 2029 އަދި 2027 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް، މި ނިންމުމާއެކު އެ ކުޅުންތެރިން އިސްރާއީލަށް ބަދަލުވުމުގެ ދޮރު މިވަނީ މުޅިން ބަންދުވެފައެވެ.

ހިއްސާ ކުރައްވާ!