މެދުތެރޭ އޭޝިޔާގެ މެދުތެރެ އެވެ. ފައިރޫޒް ކުލައިގެ މުންނާރުތަކުގެ ހިޔަނިތައް ސަހަރާގެ ވެލިގަނޑާ ބައްދަލުވާ ހިސާބުގައި، ސަމަރުޤަންދު ސިޓީ މިއަދު އެހުރީ ތާރީޚުގެ އެންމެ އަޖާއިބުން ފުރިގެންވާ އެއް ވާހަކައެއްގެ ހިމޭން ހެކިވެރިއެއްގެ ގޮތުގައެވެ. ޖަވާހިރުތަކެއް ފަދައިން ދުރުން ފެންނާން ހުރި ބޮޑެތި ގުއްބުތަކުގެ ދަށުގައި، މީލާދީން 14 ވަނަ ޤަރުނުގައި (ހިޖުރައިން 8 ވަނަ ޤަރުނުގައި) އޭރު އެނގެންއޮތް ދުނިޔޭގެ ދެބައިކުޅައެއްބައި އެއް ދިދައެއްގެ ދަށަށް އެއްކޮށްލި ފާތިޙު އެ އޮތީ ފަސްދާނުލެވިފައެވެ. އެއީ ތީމޫރުލަންގް އެވެ. ކޮރު ކޮމާންޑަރެވެ. ނުވަތަ އިންޑިގާއި މަޝްހޫރު ގޮތުންނަމަ ލަނގަޅާ ކޮމާންޑަރެވެ.
މިއަދުގެ ޒިޔާރަތްތެރިއަކަށް ސަމަރުޤަންދު ފެންނާނީ މަރުމަރު ހިލައާއި ރީތި ޢަރަބި ލިޔުންތަކުން ކުރަހާލާފައިވާ ފަންނީ މަސައްކަތެއް ފަދައިންނެވެ. ނަމަވެސް، މި ފުރިހަމަ ބިނާވެށީގެ ފުރަގަހުގައި ފޮރުވިފައިވަނީ ތާރީޚު ދިރާސާކުރާ ބޭފުޅުން އެތައް ޤަރުނެއް ވަންދެން ޙައިރާންކޮށްލި ބޮޑު ސިއްރެކެވެ.
އިސްލާމީ މެދުޒަމާނުގެ އެންމެ ފާހަގަކޮށްލެވޭ ސަޤާފީ މަރުކަޒުތައް ބިނާކުރި ކުޅަދާނަ މި އަސްކަރީ ކޮމާންޑަރަކީ، އޭނާގެ ލަޝްކަރުން ބުރިކޮށްލި އިންސާނުންގެ ބޯތަކުން ފަރުބަދަތައް ހަދައި، މުޅި ރަށްތައް އަންދައި ވީރާނާކޮށްލި ޝަޚުސިއްޔަތެވެ.
ޖަންގީޒް ޚާންގެ ހިޔަނީގެ ފަހަތުން ދުވި ކޮރު ފާތިޙު
ތީމޫރު އުފަންވީ 14 ވަނަ ޤަރުނުގެ 30 ގެ އަހަރުތަކުގައި، މިއަދުގެ އުޒްބެކިސްތާނުގައިވާ "ޝަޚްރަސަބްޒް" ސިޓީގެ އަވަށަކަށެވެ. އޭނާއަކީ ރަސްކަމުގެ ޢާއިލާއަކަށް އުފަންވި މީހެއް ނޫނެވެ. އެއާޚިލާފަށް އޭނާއަކީ މަޣޫލް ނަސްލުގެ ލޭ ހިނގާ، ތުރުކީ ސަގާފަތް ޤަބޫލުކޮށްގެން އުޅުނު "ބަރްލާސް" ޤަބީލާގެ އާދައިގެ ލީޑަރެއްގެ ދަރިއެކެވެ. ޒުވާން ދުވަސްވަރު އޭނާގެ ކަނާތްފަރާތަށާއި ފަޔަށް އެރި ދެ ދުނި ތީރުން މުޅި އުމުރަށް އޭނާ ކޮރުކޮށްލި އެވެ. ތާރީޚީ ލިޔުންތަކުގައި އޭނާއަށް "ތީމޫރުލަންގް" (ކޮރު ތީމޫރު) ގެ ނަންދެވުނީ މި ސަބަބާ ހުރެއެވެ.
ނަމަވެސް، މި ޖިސްމާނީ އުނިކަމަކީ އޭނާގެ ބޮޑު ތަޞައްވުރަށް އެޅުނު ހުރަހަކަށް ނުވިއެވެ. ތީމޫރު ދިރިއުޅުނީ އިސްލާމީ ދުނިޔެ ސިޔާސީގޮތުން ބައިބައިވެފައި އޮތް ދުވަސްވަރެއްގައެވެ. ޢައްބާސީ ޚިލާފަތުގެ ބަޣުދާދުގެ ވެރިކަން ވެއްޓުނުތާ އެތައް އަހަރެއް ވެފައިވާއިރު، މަމްލޫކުންނާއި ޢުޘްމާނީން ދިޔައީ އަމިއްލަ ސަރަޙައްދުތަކެއް ކަނޑައަޅައި އެތަންތަން ފަތަހަ ކުރުމަށް ހަނގުރާމަތަކެއް ކުރަމުންނެވެ. މި ސިޔާސީ ހުސްކަމުގެ ބޭނުން ހިފައި، ތީމޫރު އޭނާގެ އާދަޔާޚިލާފު އަސްކަރީ ވިސްނުމާއި ރަހުމް ކުޑަ، އަނިޔާވެރިކަމާއެކު އޭނާގެ ބިޔަ ރަސްކަމެއް ބިނާކުރަން ފެށިއެވެ.
އޭނާއަކީ ޖަންގީޒް ޚާންގެ ސީދާ ނަސްލުން އައި މީހެއް ނޫނެވެ. ޚާންގެ ލަގަބު ލިބުމަށް އޭރު އޮތް ޝަރުތަކީ މީހާ ސީދާ ޖަންގީޒް ޚާންގެ ނަސްލުން އައުމެވެ. ޖަންގީޒް ޚާނަށް ނިސްބަތް ވުމަށް ތީމޫރު، ޖަންގީޒް ޚާންގެ ނަސްލުގެ އަމީރާއަކާ ކައިވެނިކޮށް "ކުރްކާން" (ޚާންގެ ދަނބިދަރި) ގެ ލަޤަބު ހޯދިއެވެ. މި މަޤާމުން އޭނާ ވެރިކަންކުރީ އިސްލާމީ ޝަރީޢަތާއި މަޣޫލުންގެ "ޔާސަޤު" ޤާނޫނު އެއްކޮށްލައިގެންނެވެ.
ބައެއް ފަހަރު އަމިއްލައަށް "އިސްލާމްދީނުގެ ކަނޑިއެއް" ގެ ގޮތުގައި ސިފަކުރިއިރު، އަނެއްބައިފަހަރު މަޣޫލް އެމްޕަޔަރުގެ ވާރުތަވެރިޔާގެ ގޮތުގައި ވެސް ދެއްކިއެވެ.
"ތީމޫރަކީ ހަމައެކަނި އައިސްގޮސްވި ފާތިޙެއް ނޫނެވެ. އެއާ ޚިލާފަށް އޭނާއަކީ މެދުއިރުމައްޗާއި މެދުތެރޭ އޭޝިޔާގެ އާބާދީގެ ބައްޓަން ދާއިމީގޮތަކަށް ބަދަލުކޮށްލި ސިޔާސީ ތޫފާނެކެވެ. އޭގެ ސަބަބުން ޖެހިގެން އައި ޤަރުނުތަކުގައި އާ ސިޔާސީ ޗާޓުތަކެއް އުފެދުމަށް މަގުފަހިވިއެވެ." ތާރީޚު އިލްމުވެރިން ލިޔެއެވެ.

އަލިފާނުގެ ތޫފާން: ސުންނާފަތިކުރުމުގެ މޭސްތިރިއެއް
ހިޖުރައިން 8 ވަނަ ޤަރުނުގެ (މީލާދީން 14 ވަނަ ޤަރުނުގެ) ފަހު އަހަރުތަކުގައި، ތީމޫރުލަންގްގެ ލަޝްކަރު ބަދަލުވީ ބަލިނުކުރެވޭ ވަރުގެ ހަނގުރާމަވެރި މެޝިނަކަށެވެ. އޭނާގެ ތަނަވަސް މާރެހުން އެކަކަށްވެސް ސަލާމަތެއް ނުވިއެވެ. އަދި އޭރު ރައްކާތެރިކަމަށް ހީކޮށްގެން ތިބި ބޮޑެތި އިސްލާމީ ރަސްކަންތަކަށްވެސް އޭނާ އަރައިގަތެވެ.
- ގޯލްޑަން ހޯޑް ގަބީލާ ހަލާކުކޮށްލުން: ތީމޫރު އުތުރަށް ދަތުރުކޮށް، ރަޝިޔާގައި އޮތް މަޣޫލް މުސްލިމުންގެ "ގޯލްޑަން ހޯޑް ގަބީލާ" ގެ ބާރު ކަނޑުވާލިއެވެ. މި ހާދިސާގެ ސަބަބުން އުތުރުގެ މަޣޫލުން ބަލިކަށިވެ، ތާރީޚީގޮތުން މޮސްކޯގައި އޮތް ގަބީލާ ބާރުގަދަވެ ރަޝިޔާގެ ބާރުގަދަ ރަސްކަމެއް އުފެދުމަށް މަގުފަހިވިއެވެ.
- ބަޣުދާދާއި ދިއްލީ ވައްޓާލުން: ތީމޫރު އުތުރު އިންޑިޔާއަށް އަރައި ދިއްލީ ފޭރުނެވެ. އެއަށްފަހު ހުޅަނގަށް މިސްރާބުޖަހައި، މަޣޫލުންގެ ފުރަތަމަ އަރައިގަތުމަށްފަހު، ދެވަނަ ފަހަރަށް ބަޣުދާދު ސުންނާފަތި ކޮށްލިއެވެ. އޭގެ ސަބަބުން އެ ސިޓީއަށް ދިގު ދެމިގެން ދިޔަ ސަގާފީ އަދި އިޤްތިޞާދީ ބޮޑު ހަލާކެއް ލިބުނެވެ.
- އަންކާރާގައި ހިނގި ބޮޑު ކުރިމަތިލުން (1402މ): އޭނާގެ އެންމެ ފާހަގަކޮށްލެވޭ ތާރީޚީ ހަނގުރާމައަކީ ޢުސްމާނީންގެ ބާރުގަދަ ސުލްޠާން ބާޔަޒީދު ފުރަތަމަ އާ ދެކޮޅަށް ކުރި "އަންކާރާ ހަނގުރާމަ" އެވެ. އެ ދުވަހު ތީމޫރު ޢުސްމާނީ ލަޝްކަރު ބަލިކޮށް، ސުލްޠާން ބާޔަޒީދު އަސީރެއްގެ ގޮތުގައި ހައްޔަރުކުރިއެވެ. މިއާއެކު ޢުސްމާނީ ދައުލަތް ދާޚިލީ ހަނގުރާމައަކާއި ހަމަނުޖެހުމެއްގެ ތެރެއަށް ވެއްޓި، އެ ދައުލަތް ނެތިދިއުމުގެ މަގަށް ދިޔައެވެ. އަދި ކޮންސްޓެންޓިނޯޕަލް (ޤުސްޠަންޠީނިއްޔާ) ފަތަޙަކުރުން ބައި ޤަރުނަށް ފަސްވެގެންދިޔައެވެ.
ފުށުއަރާ ޝަޚުޞިއްޔަތެއް
ތީމޫރުލަންގްގެ ޝަޚްޞިއްޔަތުގައި ފުށުއެރުންތަކެއް ހުރެއެވެ. އެކަމުގެ ސަބަބުން އޭނާގެ ވާހަކަ ނަފްސާނީ އަދި ތާރީޚީ ދިރާސާތަކަށް މުހިންމު މައުޟޫއަކަށް ހަދައިދެއެވެ. ހަނގުރާމައިގެ މައިދާނުގައި އެއީ ރަހުމް ކުޑަ އަނިޔާވެރިއެކެވެ. އެނޫން ހާލަތްތަކުގައި ޢިލްމާއި ޢިލްމުވެރިންނަށް ޝައުޤުވެރިކަމެއް ބެހެއްޓެވި ލީޑަރެކެވެ.
ތީމޫރު އަރައިގަންނަ ކޮންމެ ރަށެއްގައި، ދުޝްމަނުން ބިރުގަންނަވާލުމަށްޓަކައި މީހުންގެ ބޯތައް ބުރިކޮށް، ފުނިފުންޏަށް ޖެހުމަށް އަމުރުކުރެއެވެ. ނަމަވެސް، މި ޤަތުލުޢާއްމުތަކުން އަބަދުވެސް ދެ ބަޔަކު ސަލާމަތްކުރެއެވެ. އެއީ ޢިލްމުވެރިންނާއި، އިންޖިނިއަރުން އަދި ފަންނުވެރި މަސައްކަތްތެރިންނެވެ.
މި ހުނަރުވެރިންނަށް ރަން ހަދިޔާކުރުމަށްފަހު ވަޢުދުތަކާއެކު އޭނާގެ ވެރިރަށް ސަމަރުޤަންދަށް އެމީހުން ފޮނުވައެވެ. އޭގެ ބޭނުމަކީ އެ ރަށުގެ ބިނާވެށި އަލުން ފަރުމާކުރުމެވެ.
މިކަމުގެ ނަތީޖާއެއްގެ ގޮތުން، ތީމޫރީ އެމްޕަޔަރު ވެގެންދިޔައީ ތާރީޚުގައި "ތީމޫރީ ރެނައިސަންސް" ދިރުމުގެ ނަމުން މަޝްހޫރުވި ދުވަސްވަރުގެ ބިންގަލަށެވެ.
އޭނާގެ ވެރިރަށް ބަދަލުވީ ދުނިޔޭގެ ޢިލްމީ މަރުކަޒަކަށެވެ. އަދި ފަލަކީ ޢިލްމާއި، ހިސާބު ޢިލްމާއި، ބިނާވެށި އަދި އަގުބޮޑު އިސްލާމީ ފޮތްތައް އެކުލަވާލުމުގެ މަރުކަޒަކަށެވެ.
ތީމޫރު އަމިއްލައަށް އެތައް ބަހަކުން ވާހަކަދައްކަން ދަންނަ ކަމަށްވެއެވެ. އަދި ރާޒުވާ ކުޅުމަށް ލޯބިކުރިއެވެ.
ރޭގަނޑުގެ ވަގުތުތަކުގައި ފިޤުހުވެރިންނާއި ތާރީޚު ޢިލްމުވެރިންނާ ބަޙުޘްކުރިއެވެ. މީގެ ތެރެއިން އެންމެ ފާހަގަކޮށްލެވެނީ ދިމިޝްޤުގެ ފާރުތަކުގެ ކައިރިން މަޝްހޫރު ތާރީޚު ޢިލްމުވެރިޔާ އިބްނު ޚަލްދޫންއާ އޭނާ ބައްދަލުވި ބައްދަލުވުމެވެ.
ދެމިގެންދާ ތަރިކަ: ސަމަރުޤަންދުން ދިއްލީއަށް
ތީމޫރުލަންގް އަވަހާރަވީ 1405 ވަނަ އަހަރު ޗައިނާ ފަތަޙަކުރުމަށް ދަތުރުކުރައްވަނިކޮށެވެ. އޭނާ ފަސްދާނުލެވިފައިވަނީ ސަމަރުޤަންދުގައިވާ މަޝްހޫރު "ގޫރެ އަމީރު" މަޤްބަރާގައެވެ. (ފޮޓޯގައި) އޭނާ އަވަހާރަވުމާއެކު، އެ ބޮޑު އެމްޕަޔަރު އޭނާގެ ދަރިންނާއި ކާފަދަރިންގެ މެދުގައި ކުދި ބައިތަކަށް ބެހިގެންދިޔައެވެ. މި ދަރިންނަކީ ހަނގުރާމައަށްވުރެ ފަންނުވެރިކަމާއި ޢިލްމަށް ލޯބިކުރި ބައެކެވެ. އޭނާގެ ކާފަދަރިފުޅު، އުލުޣް ބެގް އަކީ މަޝްހޫރު ފަލަކީ ޢިލްމުވެރިއެކެވެ.
ނަމަވެސް، އޭނާގެ ނަސްލުގެ ލެއިން ހަނގުރާމައިގެ އަސަރާއި ތީމޫރީ ނުފޫޒު މުޅިން ނެތިގެންނެއް ނުދެއެވެ. އެތައް އަހަރެއް ފަހުން، އޭނާގެ ކާފަދަރިއެއް ކަމުގައިވީ ޒަހީރުއްދީން ބާބަރް، މެދުތެރޭ އޭޝިޔާގެ ތަޚުތު ގެއްލުމުން ދެކުނަށް މިސްރާބުޖަހައި، ތާރީޚުގެ އެންމެ ބޮޑު އެއް އެމްޕަޔަރު ބިނާކުރިއެވެ.
އެއީ އިންޑިޔާގެ މުޣަލް އެމްޕަޔަރ އެވެ. މި ޢާއިލާގެ އައުލާދު ފަހުން މަޝްހޫރު "ތާޖު މަހަލް" ވެސް ބިނާކުރިއެވެ. އިމާރާތް ކުރުމުގެ އިތުރުން ދީނަށް ޚިދުމަތްވެސް ކުރިއެވެ. ދީނަށް ފުރައްސާރަވެސް ކުރިއެވެ.
ތާރީޚީ ހަނދާންތަކުގައި ތީމޫރުލަންގް ބެލެވެނީ މެދުޒަމާނުގެ އިންސާނާގެ ނަފްސުގައި ހުންނަ ފުށުއެރުންތަކުގެ ދިރިހުރި މިސާލެއްގެ ގޮތުގައެވެ. މިއަދުގެ އުޒްބެކިސްތާނުގައި އޭނާއަކީ ޢިލްމާއި ޙަޟާރަތުގެ ބިނާވެރި ޤައުމީ ބަތަލެކެވެ. ނަމަވެސް މެދުއިރުމައްޗާއި ޔޫރަޕްގެ ތާރީޚުގައި އޭނާއަކީ އިސްލާމީ ރަށްތައް އަންދައި ހަލާކު ކުރި ޣާޒީއެކެވެ.
މި ދެ ގޮތުން ވިސްނިޔަސް އެއްކަމެއް ޔަޤީނެވެ. އޭނާ ދުނިޔެ ދޫކޮށް ދިޔައިރު، ދުނިޔެ އޮތީ އޭނާ ފުރަތަމަ އަހަށް ސަވާރުވި ދުވަހާ އަޅާބަލާއިރު އެތައް ގުނައަށް ތަރައްގީވެފައި މުޅިން ބަދަލުވެފައެވެ.
އިސްލާމީ ތާރީޚް4: ބާބަރުގެ ތަޚުތުން ތާޖުގެ ސަންގުމަރު ހިލައަށް
އިސްލާމީ ތާރީޚް2: ސިޔާސީ ތޫފާންތަކާއި ޢިލްމީ ރަންޒަމާން: ހިޖުރައިން 8ވަނަ ޤަރުނު





