އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް މެޗުތައް ކުޅުމަށް، އީރާނުގެ ޤައުމީ ފުޓްބޯޅަ ޓީމު އެމެރިކާގެ ފަސްގަނޑަށް އެތެރެވުމާއި އަދި އެނބުރި އެ ގައުމުން ހަމަ އެދުވަހު ނިކުންނަން ޖެހޭނެ ކަމަށް އަންގައި، އެމެރިކާއިން ހަރުކަށި ފިޔަވަޅުތަކެއް އަޅައިފިއެވެ. މިކަން ހާމަކުރެއްވީ މެކްސިކޯގައި ހުންނަވާ އީރާނުގެ ސަފީރު އަބުލްފަޟްލް ޕަސަންދީދާ އެވެ.
އެމެރިކާއާއި އިސްރާއީލުން ގުޅިގެން އީރާނާ ދެކޮޅަށް ކުރަމުންދާ ސޮލީބީ ސަހުޔޫނީ ހަނގުރާމައިގެ ސަބަބުން، އީރާނު ޓީމު ފަރިތަކުރުންތަކަށް އެމެރިކާގެ އެރިޒޯނާގެ ޓޫސަންގައި ކޭމްޕްކުރަން ރޭވި ރޭވުން ވަނީ ބަދަލުކުރަން ޖެހިފައެވެ. އޭގެ ބަދަލުގައި މިހާރު އީރާނު ޓީމު ބޭސްވެގެން ތިބީ އަވަށްޓެރި މެކްސިކޯގައެވެ.
"އަހަރެމެންނަށް މެޗު އޮންނަ ދުވަހުގެ ހެނދުނު އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ލިބޭނެ. އަދި ހަމަ އެ ދުވަހު އެނބުރި އެޤައުމުން ބޭރުވާންޖެހޭނެ،" ވިސާގެ މި ހަރުކަށި ޝަރުޠުތައް ބަޔާންކޮށްދެއްވަމުން ނޫސްވެރިންނަށް ސަފީރު ޕަސަންދީދާ ވިދާޅުވިއެވެ.
މި ފަހަރުގެ ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި އީރާނުން އެމެރިކާގެ ފަސްގަނޑުގައި ތިން މެޗު ކުޅުމަށް ވަނީ ހަމަޖެހިފައެވެ. އެ މެޗުތައް ކުޅުމަށް ތާވަލުކޮށްފައިވަނީ ލޮސް އެންޖެލިސްއާއި ސިއެޓްލްގައެވެ.




